ރިޔާސި އިންތިޙާބް 2023، އާއި ގުޅިގެން އިލެކްޝަން ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސެން ސުނޭން)
ރައީސަށް ބާރުތައް ދެނީ ކޮމިޝަންގެ ރައީސަށް މަސްއޫލިއްޔަތު އަދާކުރަން ފުރުސަތުދޭން: އޭޖީ އުޝާމް
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ގާނޫނުތަކަށް އިސްލާހު ހުށަހެޅީ ކޮމިޝަންތަކުގެ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ކޮމިޝަންގެ ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭސީސީ އާއި އީސީގެ ގާނޫނަށް އިސްލާހު ގެންނަން އެ ދެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ބިލުތައް ހުށަހެޅީ އެ މުއައްސަސާތަކަށް ނުފޫޒޫ ފޯރުވުމުގެ މަގުސަދުގައިތޯ މިއަދު މިއަދު އޭޖީން ރައީސް އޮފީހުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.
ތަފްސީލް - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވަނީ އެ ގާނޫނަށް ބަދަލު ގެންނަން ނިންމި 2 ސަބަބު ހާމަކުރައްވާފަ އެވެ. އެގޮތުން:
-
ފުރަތަމަ ސަބަބެއް ކަމަށް ވިދާޅުވީ އެ ބިލުތައް ހުށަހެޅީ ހުރިހާ މިނިވަން މުއައްސަސާތަކަށް އެއް ގޮތަކަށް ރައީސުންނާއި ނައިބު ރައީސުން އައްޔަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވާތީ؛ އެގޮތުން 2021 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ރައީސް އައްޔަން ކުރާ ގޮތަށް ބަދަލު ގެނެސްފައިވޭ
-
މިހާރު ގާނޫނުގައި އޮންނަ ގޮތަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ރައީސަކާއި ނައިބު ރައީސެއް އައްޔަނު ކުރުމުން ގާނޫނުގައި އެ ރައީސުންނާއި ނައިބު ރައީސުންނަށް ކަނޑައަޅާފައި އޮންނަ މަސްއޫލިއްޔަތު އަދާކުރަން ބައެއްް ފަހަރު ގޮންޖެހުންތަކާއި ކުރިމަތިވޭ؛ އަދި އެފަދަ ޝަކުވާތައް ލިބިފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި
"މިސާލަކަށް ފަސް މެންބަރުން ތިބޭ ކޮމިޝަނެއްގައި ތިން މެންބަރުން އެއްކޮޅައަށް އަރައިގެން ކޮމިޝަންގެ ރައީސާއި އިދިކޮޅަށް މަސައްކަތްކޮށްފިއްޔާމުން ކޮމިޝަން ފަންކްޝަން ނުކުރާ ހާލަތް އެބަ އާދޭ،" މިސާލެއްގެ ގޮތުން މިދިޔަ އަހަރު ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރަން މަސައްކަތް ކުރިއިރު އިލެކްޝަން ކޮމިޝަންގެ ތެރޭ ދިމާވި މައްސަލަތައް ފާހަގަކުރައްވައި އުޝާމް ވިދާޅުވި އެވެ.
"މިހާރު ގާނޫނު މި އޮތްގޮތުން އިލެކްޝަން ކޮމިޝަނަށް ވެސް އެ މައްސަލަ އެބަ ދިމާވޭ، މީގެކުރިން އޭސީސީގައި ވެސް އެ މައްސަލަ ދިމާވެފަ ހުރީ އަހަރުތަކެއް ކުރިން. މިއީވެސް ގާނޫނީ ގޮތުން ދިމާވެފައިވާ މައްސަލައަކަށްވާތީވެ މިމައްސަލައަށް ހައްލުއޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެން މިކަމަށް ގޮތެއް ނިންމުން. އޭރުން ކޮމިޝަންގެ ރައީސަށް މެންބަރުން ޖަވާބުދާރީ ވެސް ކުރެވޭނީ އެއީ އަނެއް ސަބަބު މިގާނޫނަށް މި އިސްލާހު ގެންނަން ނިންމި."
މިއީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ގެންނަ ބަދަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ވެސް އުޝާމް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން މަޖިލީހުގެ މިދިޔަ ދައުުރުގައި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ބައެއް ކޯޓުތަކުގެ ފަނޑިޔާރުން އެ މަޖިލީހުން ވަކިކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެ ދެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން:
-
ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސަށް، ރައީސް އައްޔަންކުރައްވާ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރަން ޖެހޭނެ
-
ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ރައީސަށް ސިޓީއެއް ފޮނުވުމުން މަގާމުން ވަކިވެވޭނެ
-
އޭސީސީގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ކޮމިޝަނުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ، މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ އިސްލާހު ހުށަހަޅާފައި
-
އޭސީސީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ 72 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ނަމެއް ފޮނުވައިގެން ފާސްކުރަން އޮތް މާއްދާ އުވާލަން ވަނީ ހިމަނާފައި
އެނގުން މުހިންމު - ގާނޫނުގައި މިހާރު އޮންނަ ގޮތުން އީސީ އާއި އޭސީސީގެ ރައީސް އަދި ނައިބު ރައީސް ކަނޑައަޅާނީ އެ ކޮމިޝަންގެ ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮމެންޓް