ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލުކުރުމަށް އެމްޑީޕީގެ ވަފްދު މިނިސްޓްރީގައި - (ފޮޓޯ/ ޓްވިޓާ)
ބައްދަލުކުރަން ހަމަޖައްސައި އެމްޑީޕީން ދިޔަ ނަމަވެސް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލެއް ނުވި
ލޯކަލް ކައުންސިލްތަކުގައި ތިބި އެމްޑީޕީގެ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް ހިފައިގެން އިދިކޮޅު އެމްޑީޕީގެ ވަފުދެއް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލުކުރަން ދިޔަ ނަމަވެސް މިއަދު ބައްދަލު ކުރެވޭ ގޮތެއް ނުވި އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ ބޮޑު ވަފުދެއް މިއަދު ސިޓީއެއް ހިފައިގެން ލޯކަލް ގަވަމަންޓް މިނިސްޓަރަށް ދިޔަ އެވެ.
މިއަދު ހެނދުނު ދިޔަ ގޮތަށް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އެ ތަނުގައި އެ ބޭފުޅުން ތިއްބެވި އެވެ. އެ ތަނަށް އެމްޑީޕީގެ ލީޑާޝިޕުން ދިޔައީ ރަށްރަށުގެ ބިންތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންތަކާއި އަތޮޅުތަކުގެ އާބަން ޕްލޭނިންގެ ބާރުތައް ސަރުކާރަށް ލިބޭ ގޮތަށް އާބަން ޑިވެލޮޕްމަންޓްގެ ގާނޫނެއް ފާސްކުރާތީ އެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ.
ކީކޭ ބުނީ؟ - މިނިސްޓްރީގެ ބޭރުގައި 'ރާއްޖެ ޓީވީ'އަށް އިންޓަވިއު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރީ މެންދުރު 12 ޖެހުމުގެ ކުރިއަށް މިނިސްޓަރާ ބައްދަލުކުރުމަށް ކަމަށެވެ. ނަމަވެސް އެކަން ހަމަނުޖެހުމުން ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީރު ވިދާޅުވެފައި އެބަ އޮތް، މިނިސްޓްރީގެ މަޝްވަރާ ނެތިއޭ މި ބިލު އެކުލަވާލާފައި އެ އޮތީ. ދެން އަނެއްކާ މި މިނިސްޓްރީ އުފެއްދީ، ކެބިނެޓުގައި ހަމައެކަނި ކައުންސިލްތަކުގެ ކަންކަމުގައި ލަފާ އަރުވާނެ ވަޒީރެއް ބައިންދަން. މި މިނިސްޓްރީގައި ކުރާނެ އެހެން މަސައްކަތެއް ވެސް ނޯންނާނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އެނގުން މުހިންމު - ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަލުން "ކަތީބު ނިޒާމު" ގެންނަން ވާހަކަ ދައްކަވާފައި ވަނިކޮށް އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތަކާ މެދު ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް، އެމްޑީޕީން ކައުންސިލަރުންގެ ކޮންފަރެންސެއް މި މަހު ހދ. ކުޅުދުއްފުށީގައި ބޭއްވި އެވެ.
އެ ކޮންފަރެންސްގައި އުތުރުގެ ތިން އަތޮޅުގެ ކައުންސިލަރުންނާއި ފަސް ސިޓީގެ މޭޔަރުން ވަނީ ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ނުކުމެ މަސައްކަތް ކުރުމަށް އިގުރާރުވެ، ސޮއިކުރައްވައިފަ އެވެ. މިނިސްޓަރާ ބައްދަލުވި ނަމަ، ކައުންސިލަރުންގެ އެ އިގުރާރުގެ ކޮޕީއެއް ވެސް މިނިސްޓަރަށް ދިނުމަށް އެމްޑީޕީން ނިންމާފައިވެ އެވެ.
ކޮމެންޓް