ބިންވެރިޔާ ސްކީމިުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކަނޑައި، ހަވާލު ކުރުމުގެ ތެރެއިން. ދައުރު ފައިލް ފޮޓޯ/ އިބްރާހިމް އިފާޒް)
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރު ނެގުން އަންގާރަ ދުވަހު
'ބިންވެރިޔާ' ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރު ނެގުން އަންނަ އަންގާރަ ދުވަހު ކުރިއަށްގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން 2،218 ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅީފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުނެގުން އަންގާރަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްގެންދާނެ ކަމަށެވެ.
އިއުލާނުގައިވާ ގޮތުން، ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ހަތް ކެޓަގަރީއަށް ގުރުނެގުން ކުރިއަށް ގެންދާނެ އެވެ. އޭގެ އިތުރުން:
-
ގުޅީފަޅުން ގޯތި ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ތަނަށް ހާޒިރުވެ، ގުރުނެގުން ކުރިއަށްދާ ތަން ބެލޭނެ
-
ގޯތި ދޫކުރާ ހަތް ކެޓަގަރީގެ ގޯތިތައް އަކަފޫޓުގެ ތަރުތީބުން ވަކިވަކި ފޮށިތައް ހާއްސަކޮށްފައި ހުންނާނެ
-
ލިސްޓުތައް އެކުލަވާލާފައި ހުންނާނީ އެ ފޮއްޓަކަށް ހާއްސަކޮށްފައިވާ ފޯމް ނަމްބަރުގެ ތަރުތީބުން
-
ގުރުނަގަން ފަށާނީ މިނިސްޓްރީން އިއުލާނުކޮށްފައިވާ ލިސްޓުގެ ތަރުތީބުން
-
ގުރު ކަރުދާސްކޮޅު ނެގުމުން ކަރުދާހުގައި ހިމެނޭ ބާކޯޑް ސްކޭން ކުރާނެ؛ އެ ސްކޭނާ އެކު އެ ތަނުގައި ބަހައްޓާފައި ހުންނަ ސްކްރީނުން ފޯމުގެ މައުލޫމާތާއި ލިބިފައިވާ ބިމުގެ ތަފްސީލް ފެންނާނެ
-
ވަގުތުން އެސްއެމްއެސްގެ ޒަރީޔާއިން އަދި ހިޔާވަހި ޕޯޓަލް އިން ގުރުން ހޮވިފައިވާ ބިމުގެ ތަފްސީލް ގޯތިލިބޭ ފަރާތަށް ފެނިގެންދާނެ
ގުޅުންހުރި - ގުޅިފަޅުން ގޯތި ލިބުން ފަރާތްތަކުގެ ގުރުނެގުން އަންގާރަ ދުވަހު ކުރިއަށްގެންދާއިރުމ ހައުސިން މިނިސްޓަރު އަލީ ހައިދަރު މިދިޔަ އޯގަސްޓު މަހު ވިދާޅުވީ އެ ތަނުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދޫކުރެވޭނީ ތިލަމާލެ ބްރިޖް ހަދަން ގުޅީފަޅުން ބޭނުންކުރާ ސަރަހައްދު ދޫކޮށްލައި އެ ތަން އެއްކޮށް ހިއްކާ ނިމުމުން ކަމަށެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވެފައި ވަނީ، ތިލަ މާލެ ބްރިޖް ސައިޓަށް ގުޅިފަޅު ބޭނުންކުރަމުންދާއިރު އެ މަސައްކަތް ނުނިމެނީސް ގުޅިފަޅު ހިއްކަން ނުފެށޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި ގުޅިފަޅުގައި ހަދާފައި ހުރި ސައިޓު ދޫކޮށްލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހެ އެވެ.
ކުރިން ދޫކޮށްފައި ހުރި ގޯތިތައް ވެސް ދޫކޮށްފައި ހުރީ ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ވެސް ހައިދަރު ވިދާޅުވެފައިވެ އެވެ. އެހެންވެ، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި އެ ޕްލޭން ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ގޯތި ވެސް ގުޅިފަޅަށް ބަދަލުކުރަން ޖެހޭތީ ލަސްތަކެއްވާނެ ކަމަށެވެ.
އެނގުން މުހިންމު - މާލޭ މައި ވިޔަފާރި ބަނދަރު ބަދަލުކުރާ މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކަން ފެށީ ޖޫން 2020ގަ އެވެ. ރިޔާސީ އިންތިހާބާ ގާތް ވެފައި ވަނިކޮށް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ، މާލޭ މީހުންނަށް ގޯތި ދިނުމަށް ވެސް އެ ސަރަހައްދުން ބައެއް ހާއްސަކުރުމަށެވެ.
މި ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، ގުޅީފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކައި މިހާރު އޮތީ ނިމިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބޮސްކާލިސްއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ގުޅީފަޅު ޕޯޓް މަޝްރޫއުގެ ޓައިމްލައިން:
-
19 ސެޕްޓެމްބަރު 2019 - ބަނދަރުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ އެޗުކިޔު ކުންފުންޏަށް؛ 10 މިލިއަން ރުފިޔާ
-
30 ސެޕްޓެމްބަރު 2019 - ބަނދަރުގެ މަޝްރޫއުގެ ކޮންސަލްޓެންޓަކަށް ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ގުޅިގެން އުފައްދާފައިވާ ޖޭވީ ކުންފުންޏަކާ ހަވާލުކުރި؛ 15 މިލިއަން ރުފިޔާ
-
22 އޮކްޓޯބަރު 2019 - ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކުރި؛ 817.26 މިލިއަން ރުފިޔާ
-
28 މޭ 2020 - ގުޅީފަޅުން ބިން ހިއްކަން ފެށި
-
އޭރުގެ ސަރުކާރުން ފަހުން ވަނީ ޕޯޓު މަޝްރޫއުއަށް ބަދަލުތަކެއް ގެނެސް، އެތަނުގައި މާލޭ މީހުންނަށް 2000 ގޯތި ހާއްސަކުރަން ނިންމާފައި
އެނގުން މުހިންމު - ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ފައިސާ ހޯދާފައި ވަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ވިއްކާލައިގެންނެވެ.
ބިޑަކާ ނުލައި ބޮސްކާލިސްއާ ބިން ހިއްކަން ހަވާލުކުރި އިރު ގުޅިފަޅުގެ ބައެއް ހިސާބުތައް ފުންކަމުން ހަރަދު ބޮޑުވާނެ ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދިޔައީ ބުނަމުންނެވެ.
މި ސަރުކާރުން ވެސް ވަނީ ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު އަދި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ.
ކޮމެންޓް