މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ހައިދަރު މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލިސް)
ގުޅިފަޅު ހިއްކާ ނިންމާ ގޯތި ދެވޭނީ ބުރިޖުގެ މަސައްކަތް ނިމުމުން: ހައިދަރު
ގުޅިފަޅު ހިއްކުން ލަސްވެ ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމްގެ ދަށުން" ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ލަސްވަނީ ތިލަމާލެ ބްރިޖް ހަދަން ގުޅީފަޅު ބޭނުންކުރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާ އެގޮތަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިން މީހުންނަށް ބިން ހަވާލުކުރުމާއި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް ސުވާލުކުރުމުންނެވެ.
ބުނީ ކީކޭ؟ - ހައިދަރު ވިދާޅުވީ ތިލަ މާލެ ބްރިޖް ސައިޓަށް ގުޅިފަޅު ބޭނުންކުރަމުންދާއިރު އެ މަސައްކަތް ނުނިމެނީސް ގުޅިފަޅު ހިއްކަން ނުފެށޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާ ގުޅިފަޅުގައި ހަދާފަ ހުރި ސައިޓު ދޫކޮށްލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ އެ ތަނުގައި ހެވީ ވެހިކަލް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު ގޯތި ވަކިކޮށްފައި ދޭން ފަސޭހަނުވާނެ ކަމަށެވެ.
"ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ކަންމުޑިތައް ވެސް އެއްކޮށް ހަލާކުވެގެން ހިނގައްޖެ އެކަމާހެދި،" ހައިދަރު ވިދާޅުވި އެވެ.
ކުރިން ދޫކޮށްފައި ހުރި ގޯތިތައް ވެސް ދޫކޮށްފަ ހުރީ ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ. އެހެންވެ އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި އެ ޕްލޭން ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ގޯތި ވެސް ގުޅިފަޅަށް ބަދަލުކުރަން ޖެހޭތީ ލަސްތަކެއްވާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.
"ބިން ހިއްކައި ނިންމާފަ ނޫނީ ގޯތިތައް ހަވާލެއް ނުކުރެވޭނެ. އެއީ ފާހަގަކޮށްލަން ޖެހޭ އަނެއް ކަންތައް،" ހައިދަރު ވިދާޅުވި އެވެ.
"އެހެންވެ އެ ބިން ހިއްކުނު އިރަކުން، 85 ހެކްޓަރު އަދި ހިއްކަން އެބައޮތް. އެބައި ހިއްކާ ނިމުނީމަ އެ ގޯތިތައް ހަވާލުކުރެވޭނެ."
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަން އެމްޓީސީސީއާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ ގުޅިފަޅު ހިއްކައި އެތަނުން ގޯތި ދޫކުރާނެ ސީދާ ތާރީހެއް ބުނަން ދަތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - މާލޭ މައި ވިޔަފާރި ބަނދަރު ބަދަލުކުރާ މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކަން ފެށީ، 2020 ވަނަ އަަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ، މާލޭ މީހުންނަށް ގޯތި ދިނުމަށް ވެސް އެސަރަހައްދުން ބައެއް ހާއްސަކުރުމަށެވެ.
މި ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ގުޅީފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކައި މިހާރު އޮތީ ނިމިފަ އެވެ. އެތަން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބޮސްކާލިސްއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ގުޅީފަޅު ޕޯޓް މަޝްރޫއުގެ ޓައިމްލައިން:
-
19 ސެޕްޓެމްބަރު 2019 - ބަނދަރުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ އެޗުކިޔު ކުންފުންޏަށް؛ 10 މިލިއަން ރުފިޔާ
-
30 ސެޕްޓެމްބަރު 2019 - ބަނދަރުގެ މަޝްރޫއުގެ ކޮންސަލްޓެންޓަކަށް ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ގުޅިގެން އުފައްދާފައިވާ ޖޭވީ ކުންފުންޏަކާ ހަވާލުކުރި؛ 15 މިލިއަން ރުފިޔާ
-
22 އޮކްޓޯބަރު 2019 - ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކުރި؛ 817.26 މިލިއަން ރުފިޔާ
-
28 މޭ 2020 - ގުޅީފަޅުން ބިން ހިއްކަން ފެށި
-
އޭރުގެ ސަރުކާރުން ފަހުން ވަނީ ޕޯޓު މަޝްރޫއުއަށް ބަދަލުތަކެއް ގެނެސް، އެތަނުގައި މާލޭ މީހުންނަށް 2000 ގޯތި ހާއްސަކުރަން ނިންމާފައި
އެނގުން މުހިންމު - ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ފައިސާ ހޯދާފައި ވަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ވިއްކާލައިގެންނެވެ.
ބިޑަކާ ނުލައި ބޮސްކާލިސްއާ ބިން ހިއްކަން ހަވާލުކުރި އިރު ގުޅިފަޅުގެ ބައެއް ހިސާބުތައް ފުންކަމުން ހަރަދު ބޮޑުވާނެ ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދިޔައީ ބުނަމުންނެވެ.
މި ސަރުކާރުން ވެސް ވަނީ ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު އަދި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ.
ކޮމެންޓް (1)
ބަރުޖޯރު