ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ފޮޓޯ/ރައީސް އޮފީސް)
ސިޔާސީ މީހުންނަށް ހޭދަވަނީ މުސާރައަށް ކުރާ ހޭދައިގެ %4: ޒަމީރު
ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހޭދަކުރަނީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ %4 ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޒަމީރު މިހެން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގަ އެވެ. މިއަދު ވަނީ 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ.
ތަފްސީލް - ޒަމީރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހޭދަކުރާ މިންވަރު ނިސްބަތުން މަދު ނަމަވެސް ދެ އަހަރު ދުވަހަށް އެ މީހުންގެ މުސާރަ ކުޑަކުރަން ނިންމީ ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރަން ކަމަށެވެ.
ޒަމީރު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.
"މިގޮތުން ދަތުރުފަތުރާއި ހަފްލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ހަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ނަތީޖާ ދަނީ ފެންނަމުން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެޅެންހުރި ހުރިހާ ފިޔަވަޅުތައް ކަމަށެވެ.
ފާހަގަކޮށްލެވޭ - އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެ ފިޔަވަޅުތަކަކީ:
-
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން
-
ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން
-
ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން
-
ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން
-
ރައީސްގެ އަމިއްލަފުޅު މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖެއްސުން
އޭގެ ފަހުން، މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެ މަނިކުފާނުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.