ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު. (ފޮޓޯ/ރައީސް އޮފީސް)
ހަރަދުތައް ހަމަޖައްސަން 5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އިތުރު 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓަކީ ޕީއެސްއައިޕީ މަޝްރޫއުތައް ހިމެނޭހެން ދައުލަތުގެ ހިންގުމުގެ ހަރަދުތައް ހަމަޖައްސައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާ ހަމަޖެއްސުމަށް ހުށަހެޅި ބަޖެޓެކެވެ.
ތަފްސީލް - ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން ބަޖެޓުގައި ފުރިހަމައަށް ހިމެނިފައި ނެތް ކަމަށެވެ.
މިއަދުު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި:
-
ޕީއެސްއައިޕީ މަޝްރޫއުތަކަށް 2 ބިލިއަން ރުފިޔާ ހިމަނާފައިވޭ
-
އެސްއޯއީތަކަށް441.1 މިލިއަން ރުފިޔާ ހިމަނާފައިވޭ
-
ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ ހިމަނާފައިވޭ
-
ސްޓޫޑެންޓު ލޯނު ދޫކުރުމަށް 458 މިލިއަން ރުފިޔާ ހިމަނާފައިވޭ
-
މެޑިކަލް ކޮންސިއުމެބަލްސް އަށް 200 މިލިއަން ރުފިޔާ ހިމަނާފައިއިވޭ
-
ބޭސް ފަރުވާގެ އެހީއަށް262.6 މިލިއަން ރުފިޔާ ހިމަނާފައިވޭ
-
ސަބްސިޑީ އަށް 1.02 ބިލިއަން ރުފިޔާ ހިމަނާފައިވޭ
-
މުސާރަ އައި އުޖޫރައަށް 24.4 މިލިއަން ރުފިޔާ ހިމަނާފައިވޭ
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 2 ބިލިއަން ރުފިޔާ ހިމަނާފައިވަނީ އެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މި ފައިސާ އަކީ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ ބޮޑެތި މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، ހޭދަވާނެކަމަށް ލަފާކުރެވޭ ވަރަށްވުރެ ކުޑަ އަގުތައް ހިމަނައިގެން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދުމަށް ކަނޑައަޅާފައިވާ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ:
-
މި އަހަރުގެ ބަޖެޓު ފާސްކުރި އިރު މި އަހަރަށް 60 ބިލިއަން ރުފިޔާ ހިނގާނެކަން އެންގެން އޮތް
-
މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުގެ 74 އިންސައްތަ ވަނީ ހޭދަވެފައި
ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ރާވާފައިވަނީ ޕްރޮޖެކްޓް ލޯނުތަކުންނާއި، ރާއްޖޭގެ ފަރާތްތަކުން ލޯނު ހޯދައިގެންއަދި ޓީ ބިލު ބިލު ވިއްކައިގެން ކަމަށެވެ.
"މިގޮތުން މި ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސްކުރަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުން 1 ބިލިއަން ރުފިޔާ، އަދި ރާއްޖޭގެ ފަރާތްތަކުން 3 ބިލިއަން ރުފިޔާ ހޯދައިގެން،" ޒަމީރު ވިދާޅުވި އެވެ.
ސަޕްލިމެންޓަރީ ބަޖެޓާއެކު، މި އަހަރުގެ ބަޖެޓުގެ ޖުމުލަ އަދަދު 55 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
-
ސަޕްލިމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 34 ބިލިއަން ރުފިޔާ
-
ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ 4 ބިލިއަން ރުފިޔާ
-
މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް، މި ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު 18 ބިލިއަން ރުފިޔާއަށް އިތުރުވާނެ
-
މިއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން %16
-
އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން %118 ލަފާކުރެވޭ
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ފިސްކަލް ޑެފިސިޓް އަދި ފައިނޭންސް ހޯދަންޖެހޭ މިންވަރު ދަށްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި ގިނަ އަހަރުތަކެއް ވެފައިވުމުން ކޮންސެޝަނަލް ޓާމްސްގައި ވެސް އިތުރަށް ދަރަނި ނަގަން ދަތި ކަމަށެވެ.
ސަރުކާރުގެ މާލިއްޔަތާއި ދައުލަތުގެ ރިޒާވަށް ބުރަވެފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާލަތުން އަރައިގަނެ ފައިނޭންސް ބޭނުންވާ މިންވަރު ކުޑަކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އެއްފަހަރާ ތަންފީޒުކުރަންޖެހޭ ކަމަށެވެ.
"މި ކަންކަން ކުރެވޭނީ ނިޒާމީ ބަދަލުތަކެއްގެ ތެރެއިން ކަމުގައިވާއިރު، މި ބަދަލުތަކަށް ސަރުކާރުން ރިއާޔަތްކޮށް 2025 ވަނަ އަހަރަށާއި މެދުރާސްތާއަށް ހުށަހަޅާ ބަޖެޓުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ. އިސްލާހީ ފިޔަވަޅުތައް ގުޅިފައިވަނީ، ރަނގަޅަށް ނުކުރެވިއްޖެ ނަމަ، ރައްޔިތުންނަށް ސީދާ ގޮތުން އަސަރުކުރާނެ ކަންކަމަށް. އެހެންކަމުން މި ނިޒާމީ ބަދަލުތަކަކާއެކު ސަރުކާރުން އެދެނީ ޒިންމާދާރުކޮށް ބަޖެޓު އެކުލަވާލައި އެ މިންގަނޑުގައި ބަޖެޓު ހިފަހައްޓަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް