މިއަދު ބޭއްވި ބޯހިިމެނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ހައިދަރު(ފޮޓޯ/ހައުސިން މިނިސްޓްރީ)

ޑރ. އަލީ ހައިދަރު

އިދާރާތަކުން އެކުލަވާލާ ތަފާސްހިސާބުތައް ރަނގަޅަށް ބެލެހެއްޓެން ޖެހޭ: ހައިދަރު

ރާއްޖޭގެ ބޯހިމެނުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ނެގޭ މައުލޫމާތުތަކުގެ އަލީގަައި ސިޔާސަތުތައް ބައްޓަން ކުރަން ޖެހޭ ކަމަށް ހައިދަރު ވިދާޅުވި

ދައުލަތުގެ އިދާރާތަކުން އެކުލަވާލާ ތަފާސްހިސާބުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށާއި އެ މައުލޫމާތުތަކުގެ އަލީގައި ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލުތަކެއް ގެނައުމުގެ މަސައްކަތް ހަލުވިކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހައިދަރު މިހެން ވިދާޅުވީ ތަފާސްހިސާބުތަކާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަަދައްކަވަމުންނެވެ. 

މިއަހަރަކީ ގައުމީ ފެންވަރެއްގައި ތަފާސްހިސާބުގެ ދުވަސް ރާއްޖޭގައި ފާހަގަކުރާ ތިން ވަނަ އަހަރެވެ. މިއަހަރުގެ ޝިއާރަކީ 'ސްޓެޓިސްޓިކްސް ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗާ' އެވެ. 

ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ހައިދަރު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަކީ ލާމަރުކަޒީ ނިޒާމެއް ކަމުން ޒަމާނީ ފަންނިއްޔާތުގެ އެހީގައި އެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ނެގޭ މައުލޫމާތުތަކުގެ އަލީގަައި ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް އެ އިދާރާއެއްގެ ތެރެއިން އެކުލަވާލެވޭ ތަފާސްހިސާބު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ވަރަށް ބޮޑު. ހަމަ އެއާ އެކު، ކަންކަން ނިންމުމުގަ އާއި އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ތަފާސްހިސާބު ބޭނުންކުރާ މިންވަރު މިހާރަށް ވުރެ އިތުރުކުރަން ޖެހޭ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އެކަމަށް ކައުންސިލުތަކާއި ދައުލަތުގެ ހުރިހާ އިދާރާތައް ހޭލުންތެރިކުރުވަން ޖެހޭ

  • އެކުލަވާލެވޭ ތަފާސްހިސާބުތައް އެންމެހާ ފަރާތްތަކަށް ފަސޭހަކަމާ އެކު ލިބެން ހުރުން ވަަރަށް މުހިންމު؛ އެއީ ތަފާސްހިސާބުތަކާ ގުޅޭ އިދާރާގެ އެއް އަމާޒު

  • ދައުލަތުގެ އިދާރާތަކުން ނަގައި ބަލަހައްޓާ އެކިއެކި ރަޖިސްޓްރީތަކުގެ ފެންވަރު ވަޒަންކޮށް ގަވައިދުން އަދާހަމަކުރާ މައުލޫމާތު ބޭނުންކޮށްގެން ރަޖިސްޓްރީތަކަށް ބިނާކޮށް އެކުލާވަލެވޭ ތަފާސްހިސާބު އެކަމާ ގުޅޭ އިދާރާ އިން އެއްކުރުމަށް ވަނީ ހަމަޖެހިފައި

  • ރާއްޖޭގެ ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ހައިބްރިޑް ސެންސަސްއަކަށް ހެދުމަށް ދަނީ ރޭވެމުން؛ އޭގެ ސަބަބުން ދުރުރާސްތާގައި ބޯހިމެނުމަށް ކުރެވޭ ހޭދަ ކުޑަކުރެވޭނެ

ހައިދަރު ވިދާޅުވި ގޮތުގައި، ގައުމެއްގެ ތަފާސްހިސާބުގެ ނިޒާމް ކުރިއަރާ މިންވަރާއި އެ ގައުމެއްގެ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަން ބައިނަލްއަގުވާމީ ފެންވަރުގައި މިނެކިރުމުގައި ރިއާޔަތްރެވޭނެ އެވެ.

ކޮމެންޓް (1)

ހާޖީ

23 އޮކްޓޯބަރު 2024
ކޮބާހޭ ހަވާލުކުރަން ބުނި ގުޅިފަޅު ގޯތިތަށް؟ މިކަމެއްގަ އެއްއަހަރު ފާއިތުވެގެން މިދަނީ، މިތިބެވެނީ ވާނުވާއެއްގެ ތެރޭގަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް