ބިއޯންޑަށް އެއް އަހަރު ފުރުމާއި އެ އެއާލައިންގެ ފްލީޓަށް ދެ ވަނަ ބޯޓެއް ގެނައުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ (ފޮޓޯ/ޓްރާންސްޕޯޓު މިނިސްޓްރީ)
އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ: އަމީން
އޭވިއޭޝަން ދާއިިރާގެ ކުރިއެރުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުން ދޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މިއަދު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ ފުރަތަމަ މަތީފަންތީގެ ލެޝާ އެއާލައިން، ބިއޯންޑުގެ ދެ ވަނަ ބޯޓު ގެނައުމާއި އެ އެއާލައިންގެ ފުރަތަމަ އަހަރީ ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ބިއޯންޑަކީ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ހިދުމަތް ދޭ އެއާލައިނަކަށް ވެފައި އެ އެއާލައިނުގެ މައިގަނޑު ފޯކަސް އަކީ ވެސް އެންމެ މަތީ ފަންތީގެ ފަސިންޖަރުން ކަމަށް ވާއިރު، އެއާލައިނުން ދޭ ހިދުމަތަކީ ރާއްޖޭގެ މަތީފަންތީގެ ފަތުރުވެރިކަމާ ގުޅި ލާމެހިގެންދާ ހިދުމަތެއް ކަމަށެވެ.
ތަފްސީލް - ރާއްޖެ އަކީ އެންމެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާއިރު، ރާއްޖެ އާއި ދުނިޔޭގެ އިތުރު މަންޒިލުތައް ގުޅާލުމަށް ބިއޯންޑުގެ ފްލީޓަށް ދެ ވަނަ މަތިންދާބޯޓެއް އިތުރުކޮށް އެ އެއާލައިނުން ފޯރުކޮށްދޭ އެންމެ މަތީ ފަންތީގެ ހިދުމަތް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އެ އެއާލައިނުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާ ފުރިހަމައަށް ގުޅިގެންދާ ފުރިހަމަ ހިދުމަތެއް މި އެއާލައިނުން ފޯރުކޮށްދެނީ. އެއާލައިނުގެ ފްލީޓަށް އިތުރުވާ އާ އެއާކްރާފްޓާ އެކު އޮޕަރޭޝަންތައް ހަރުދަނާވެ، އިތުރު މަންޒިލުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއާލައިންތަކުގެ ކެޕޭސިޓީ އިތުރުކުރުމަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު އުއްމީދުު ކުރަނީ ރާއްޖެއިން އިތުރު [އެއާލައިންތަކުގެ] އޮޕަރޭޝަންތައް ފެށިގެން ދިޔުން،" އަމީން ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ރާއްޖޭގައި ވެސް ބިއޯންޑުގެ ވަރަ ފުޅާކޮށް ރާއްޖޭގެ އޭވިއޭޝަން ދާއިރާ ހަރުދަނާކޮށް ރާއްޖެ އަކީ މި ސަރަހައްދުގައި އޭވިއޭޝަންގެ ވަރުގަދަ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް."
އޭނާ ވިދާޅުވީ އޭވިއޭޝަން ދާއިރާ ކުރިއަރުވާ، ހަރުދަނާ ކުރުމަށް މިއަދުގެ ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.