ފައިރޫޝް: ހަޔާ އެޑިއުކޭޝަން މިނިސްޓްރީން، ހޯމްލޭންޑް މިނިސްޓްރީއަށް އޭނާ ވަނީ ބަދަލުކޮށްފައި
ފައިރޫޝް ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި
ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ހަތް ސްޓޭޓް މިނިސްޓަރުން ހިމެނޭހެން 200 އެއްހާ ސިޔާސީ މުވައްޒަފުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ މުއްދަތު ތެރޭ ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއްޔެ އިއުލާންކޮށްފައި އެވެ. އެއާއެކު އޭގެ ތެރެއިން ފައިރޫޝް ވެސް ވަކިކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ތަފްސީލު - ސަރުކާރުގެ އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ފަރޫޝް ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. އަދި އޭގެ ބަދަލުގައި، އޭނާ ވަނީ ހޯމްލޭންޑް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. އެއީ ކުރިން ވެސް އޭނާ އަދާ ކުރަމުން ދިޔަ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ކަމަށް އެނގިފައިވެ އެވެ.
ފައިރޫޝް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ ކުރެއްވި މަސައްކަތްތަކާ މެދު އުފާ ކުރައްވާކަން ހާމަކޮށް، މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ނަމަވެސް އެހެން މިނިސްޓްރީއަކަށް އޭނާ ބަދަލުވިކަން އެ ޕޯސްޓުގައި ހާމަކޮށްފައެއް ނުވެ އެވެ.
Grateful for the journey at @MoHEmv. Big thanks to Minister @drmaryammariya, the leadership, & staff, incl. the SAILS team, whose passion made every challenge worthwhile. Your commitment has been inspiring, and this experience truly fulfilling.
— Phairoosch, PhD (@Phairoosch) October 16, 2024
ފާހަގަކޮށްލެވޭ ކަމެއް - ފައިރޫޝް ހަޔާ އެޑިއުކޭޝަންގެ ސްޓޭޓަކަށް އައްޔަންކޮށްފައި ވަނީ، މިދިޔަ ޖެނުއަރީ މަހު އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ފެނިގެންގޮސްފައި ވަނީ، މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ކެމްޕެއިން ހަރަކާތްތަކުންނެވެ.