ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ ނުލިބިގެން އޭސީސީގައި ކުރި މުޒާހަރާއެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒު)
ފްލެޓް ލިސްޓާ ގުޅިގެން މެމްބަރު ފޮނުވި ސިޓީގެ ޖަވާބު އައީ ހަ މަސް ފަހުން، 'މިއީތޯ ސްޕީޑަކީ؟'
މިދިޔަ ސަރުކާރުން 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއިން ފްލެޓު ދޫކުރަން ނިންމާފައިވާ މީހުންގެ ލިސްޓުގައި މައްސަލަތަކެއް ހުރެގެން، ފްލެޓުގެ ހައްގުވެރިން ނޭނގި، ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އޮންނަތާ އެތައް ދުވަހެކެވެ.
މިދިޔަ ދައުރުގެ ފަހުކޮޅު 'ގެދޮރުވެރިޔާ ސްކީމް'އިން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓު ކުރި ނަމަވެސް، ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގެއް ހިންގާ، ފޯމުތަކުގެ ތެރޭގައި ގިނައީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ބުންޏެވެ.
އެއާއެކު، މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓު އަލުން ރިވިއު ކުރުމަށްފަހު އާންމުކުރާށެވެ. މި މަހު އެ ލިސްޓު އާންމުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، ސްކީމުގައި ބައިވެރިވި އެތައް ބައެއްގެ ހައްގު ގެއްލިފައިވާކަމުގެ ޝަކުވާގެ އަޑުތަކާއި، އަވަސް ހައްލަކަށް އެދެމުންދާ އަޑުތައް ގަދަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް މި އަހަރުގެ އޭޕްރިލް މަހު ފަހުކޮޅު، އެކަމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވީ، ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް އެ މައްސަލައަށް އަވަސް ހައްލަކަށް އެދެމުންނެވެ.
އެ ސިޓީގެ ޖަވާބު، ރައީސް އޮފީހުން އޭނާއަށް ފޮނުވާފައިވަނީ ހަ މަސް ދުވަސް ފަހުން، އިއްޔެ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، މުހައްމަދު އިބްރާހިމް މިއަދު ވަނީ އޭނާ ފޮނުވި ސިޓީ އާއި ސިޓީގެ ޖަވާބު ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފަ އެވެ. 'މިއީތޯ ސްޕީޑަކީ؟' ސުވާލު އުފައްދަވަމުންނެވެ.
އެޕްރީލް 30 ވަނަ ދުވަހު އަޅުގަނޑު @MMuizzu އަށް ފޮނުވި ސިޓީއެއްގެ ޖަވާބު މި ލިބުނީ 14 އޮކްޓޯބަރ ގައި.
— محمد كودو (@mohamedkudu) October 15, 2024
އެވެސް، ގެދޮރުވެރިޔާގެ ސްކީމް އާއި ގުޅޭގޮތުން ފޮނުވި ސިޓީއެއް.
މިއީތޯ ސްޕީޑަކީ؟ pic.twitter.com/SWmjzok0tQ
ފްލެޓް ލިސްޓު ވީތަނެއް އަދިވެސް ނޭނގޭ
މެމްބަރުގެ ސިޓީގައި ވެސް ފާހަގަކުރައްވާފައިވަނީ، 'ގެދޮރުވެރިޔާ ސްކީމް'ގެ ބައިވެރިން ވެސް ސޯޝަލް މީޑިއާ އާއި އިހުތިޖާޖުތަކާއި އެ ނޫން ވެސް ތަންތަނުގައި ފާޅުކޮށްފައިވާ ކަންބޮޑުވުމެވެ.
"އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން %80 ރަނގަޅު ނޫންކަމަށް ހާމަ ކުރިތާ 3 މަސް ވަނީ އެވެ،" އޭޕްރިލް މަހު ފޮނުވި ސިޓީގައި މުހައްމަދު އިބްރާހިމް ލިޔުއްވާފައިވެ އެވެ.
"އެހެން ނަމަވެސް، އެއީ ކޮން ސަބަބަކާއި ހެދި، ކޮން ބައެއް ކަމެއް އަދިވެސް ސާފެއް ނުވެ އެވެ. ޖުމްލަ 6،300 ވަރަކަށް ފަރާތް ފްލެޓް ކާމިޔާބު ކުރި އިރު މިހާ ގިނަ ރައްޔިތުން، މިހާ ބޮޑު ކަންބޮޑުވުމެއްގައި، މިހާ ގިނަ ދުވަހު ތިބެންޖެހޭ އެއްވެސް ހާލަތެއް އޮވެގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ."
އެއާއެކު، މައްސަލައަށް ހައްލެއްގެ ގޮތުން އޭނާ ހުށަހެޅުއްވީ، ކޮމިޓީތަކުން މައްސަލަ ބެލުން ހުއްޓާލުމަށްފަހު އޭސީސީން ފްލެޓް ލިބުނު ގޮތް ރަނގަޅު ނޫން ކަމަށް ހާމަކޮށްފައިވާ %80 ފަރާތްތައް ސަބަބާ އެކު ހާމަކޮށް، މައްސަލަ ސާފު ކުރުމަށާއި ދިފާއު ވުމަށް އެންމެނަށް ފުރުސަތު ދިނުމަށެވެ.
މައްސަލަ ނެތް ފަރާތްތަކަށާއި މައްސަލަ އޮޅުން ފިލުވައި ސާފުކުރެވޭ ވަރަކަށް އެހެން ހައްގުވެރިންނަށް ވެސް ފްލެޓް ހަވާލުކޮށް ނިންމަން ގޮވާލަމުން، މެމްބަރު އެދިވަޑައިގެންފައިވަނީ، ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގު ރައްކާތެރިކޮށްދީ، ހާމަކަން ބޮޑު ގޮތެއްގައި މުޅި މައްސަލައަށް ހައްލެއް ގެނެސް ދެއްވުމަށެވެ.
ނަމަވެސް، ބައި އަހަރު ފަހުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި، އެ މައްސަލައާ ގުޅޭ އިތުރު އާ ވާހަކައެއް ނެތެވެ. ތަކުރާރު ކޮށްފައިވަނީ، މީގެ ކުރިން ވެސް ސަރުކާރުގެ އިދާރާތަކުން ބުނެފައިވާ ވާހަކަތަކެވެ. ރައީސް އޮފީހުގެ ސިޓީގައި ވާގޮތުން:
-
އޭސީސީ އަކީ މިނިވަން މުސްތަގިއްލު އިދާރާއަކަށް ވުމާއެކު، އެ ކޮމިޝަނުން ކުރެއްވި މިނިވަން ތަހުގީގަށްފަހު ދެއްވާފައިވާ އިރުޝާދުތަކަށް އިހުތިރާމް ކުރަންޖެހޭ
-
އެހެންވެ، އެ ކޮމިޝަނުން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުން
-
ސަރުކާރުގެ ވިސްނުމަކީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައި ހާމަކުރުން
'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށްފަހު، ފައިނަލް ލިސްޓު އެންމެ ލަސްވެގެން އޮކްޓޯބަރުގައި އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ޖުލައި މަހު ވިދާޅުވެފަ އެވެ. އޭގެ ފަހުން، މީގެ ދެދުވަސް ކުރިން ވެސް އޭނާ ރައްޔިތުންނަށް އެ ޔަގީންކަން ދެއްވި އެވެ.
ރައްޔިތުން އެ ތިބީ ހަމަ ލިސްޓުގެ އިންތިޒާރުގަ އެވެ. އިންތިޒާރުގައި ތިބޭތާ މިހާރު އަހަރެއް ވަނީ އެވެ. މެމްބަރު ވެސް، އާންމު ރައްޔިތުން ވެސް ސަރުކާރުގެ 'ސްޕީޑް'އާ މެދު ސުވާލު އުފައްދަނީ، އަދިވެސް ސުވާލުތަކުގެ ޖަވާބު ނުލިބޭތީ އެވެ. ބޯހިޔާވަހިކަމުގެ ހައްގު ނުލިބި، އޮޅުންބޮޅުންގަނޑެއް ތެރޭގައި ވާތީ އެވެ.
ކޮމެންޓް (2)
ފިޔަވަޅު
ޢަލި