މިނިސްޓަރު ތޯރިގު އިބްރާހިމް ކޮޕް28ގެ ސަމިޓުގެ ފޯރަމެއްގައި ވާހަކަ ދައްކަވަނީ: (ފައިލް ފޮޓޯ/ ތިމާވެށީގެ ވުޒާރާ)

ތިމާވެށި

ގުދުރަތީ ވެށީގެ މުއްސަނދިިކަން ދެނެގަތުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރަނީ

'އެންދެރި'ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން ލ. އަތޮޅުގެ ވެށީގެ މުއްސަނދިކަން ދެނެގަތުމުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި

އެންހޭންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް ނުވަތަ 'އެންދެރި' ޕްރޮގްރާމުގެ ދަށުން ލ. އަތޮޅުގެ ގުދުރަތީ ނިޒާމުގެ ރައުސުލްމާލު ދެނެގަތުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށާއި އެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިިގު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - އެންދެރި ޕްރޮގްރާމަކީ:

  • ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ މާހައުލުގެ އެކައުންޓްސް ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުން 

  • އެ އެކައުންޓްސްގެ ބޭނުންކޮށްގެން ފަރުތަކުގެ މާހައުލާ ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުން 

  • މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުން 

  • ތަރައްގީގެ މަޝްރޫއުތަކުން ލިބޭ ނޭދެވޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލުކުރެވޭނެ ނިޒާމެއް ހޯދުމަށް މަގުފަހިކުރުން

ތަފްސީލް - އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު ވިދާޅުވީ ގުދުރަތީ މާހައުލުގެ ކެޕިޓަލް އެކައުންޓިންއާ އެކު ރާއްޖޭގެ ތިމާވެށީގެ ނިޒާމާއި ބަޔޯޑައިވާސިޓީގެ މުއްސަނދިކަން ދެނެގަނެވި، އޭގެ އަގު ވަޒަންކުރެވޭނެ ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ ގުދުރަތީ މާހައުލާއި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިވާނެ،" ތޯރިގު ވިދާޅުވި އެވެ.

އެންދެރި ޕްރޮޖެކްޓު ރާއްޖޭގެ އެހެން އަތޮޅުތަކަށް ފުޅާކުރާއިރު، ކައުންސިލްތަކާއި އާންމު ރައްޔިތުން އަދި ޕްރައިވެޓް ސެކްޓާއާ އެކު ގާތުން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް