އެންދެރި މަޝްރޫއުގެ ދަށުން ތިން ޖަމިއްޔާއަކަށް ހިލޭ އެހީ ދޭން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ)

ތިމާވެށި

ލ. އަތޮޅުގެ 3 ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

މީގެ އިތުރުން، ލ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް 6 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވޭ
12 އޮކްޓޯބަރު 2024

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖީއީއެފް) އިން ފަންޑު ކުރާ 'އެންދެރި' ޕްރޮޖެކްޓުގެ ދަށުން ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާގެ ހިލޭ އެހީ މިއަދު ދީފި އެވެ.

ވީ ކިހިނެއް؟ - އެންދެރި މަޝްރޫއުގެ ދަށުން ލ. އަތޮޅުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް މާލީ އެހީ ދޫކުރުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ތިން 'ކޮމިއުނިޓީ ބޭސްޑް އޮގަނައިޒޭޝަން'އަކަށް ފައިސާ ދޫކޮށްފައިވާކަން އިއުލާނު ކުރެއްވީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައިވާ ގޮތުން، ޖަމިއްޔާތަކަށް ދިން ހިލޭ އެހީގެ އިތުރުން، ލ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ވެސް 6 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފަ އެވެ.

ބުނީ ކީކޭ؟ - "މި ގްރާންޓްތަކުގެ އެހީގައި މަދަނީ ޖަމިއްޔާތަކާއި ލޯކަލް ކައުންސިލްތަކުން ލާމު އަތޮޅުގެ މުއްސަނދި މާހައުލާއި ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމުގެ މަގުފަހިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ލޯކަލް ކައުންސިލްތަކާއި މަދަނީ ޖަމާއަތްތަކުން ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރޭ

  • ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކާއި ޖަމިއްޔާތައް ބާރުވެރިކޮށް، ގާބިލުކަން އިތުރުކޮށް އަދި ސިޔާސަތު ހެދުމާއި ތަންފީޒު ކުރުމުގައި ބައިވެރިކުރާނެ

އެނގުން މުހިއްމު - 'އެންދެރި' މަޝްރޫއަކީ ރާއްޖޭގައި އަލަށް ތައާރަފުކުރާ ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް، ތިމާވެއްޓާ ރަހުމަތްތެރި ތަރައްގީއަށް އިސްކަންދީ، ފަރުތައް އިއާދަކުރުމުގެ މަގްސަދުގައި އެންވަޔަރަމެންޓް މިނިސްޓްރީ މެދުވެރިކޮށް ސަރުކާުރުން ހިންގާ މަޝްރޫއު އެކެވެ.

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީން ފަންޑުކޮށްގެން ކުރިއަށްދާ މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ 2021ގަ އެވެ. މި މަޝްރޫއުގެ ދަށުން މެނޭޖްމަންޓު ޕްލޭން ތައްޔާރުކުރުމާއި ތަމްރީން ސެޝަންތައް ކުރިއަށް ގެންދިއުމާއި ތައުލީމީ ފުރުސަތު ފަހިކޮށްދިނުމާއި، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަށް މާލީ އެހީ ދޫކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް