ފުނަދޫ އެއާޕޯޓު
ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކުގެ މައްސަލަ ހައްލުކޮށްފި
ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ބުރޫ އެރީ އެއާޕޯޓުގެ ފަޔާ ޓްރަކަށް މައްސަލައެއް ދިމާވެގެން ކަމަށާއި ފަޔާ ޓްރަކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުނަދޫ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ހުރެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.
ތަފްސީލް - މޯލްޑިވިއަން އިން ފުނަދުއަށް ހަފުތާ އަކު ދެ ދަތުރު ކުރެ އެވެ. ފަޔަ ޓްރަކަށް މައްސަލައެއް ދިމާވެ އިއްޔެ ކުރަން އޮތް ދަތުރު ވަނީ ކެންސަލް ކޮށްފަ އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ އެ އެއާލައިނުން ފުނަދު އަށް ކުރާ ދަތުރުތައް ވަކި އެއްޗެއް އަންގަންދެން މެދުކަނޑާލި ކަމަށެވެ. އަދި ފުނަދުއަށް ދަތުރު ކުރަން ޓިކެޓު ނަގާފައިވާ ފަސިންޖަރުންނަށް އެކަން އެންގި ކަމަށް ވެސް ބުންޏެވެ.
ބުނީ ކީކޭ؟ - ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މިއަދު 'ދައުރު' އަށް ވިދާޅުވީ ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކް އަށް ދިމާވި މައްސަލަ ހައްލުކޮށް އެއާޕޯޓު ނޯމަލް އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ.
"އިއްޔެ މައްސަލަ ދިމާވެގެން މޯލްޑިވިއަން އިން ވަނީ އިއްޔެގެ ފްލައިޓު ރީޝެޑިއުލް ކޮށްފައި. އަޅުގަނޑުމެން ޓެކްނިކަލް ޓީމު ފޮނުވައިގެން މިހާރު ވަނީ މައްސަލަ ހައްލުކޮށް ނޯމަލް އޮޕަރޭޝަނަށް ފަޔާ ޓްރަކް ގެނެސްފައި،" މުބީން ވިދާޅުވި އެވެ.
ވައިގެ ދަތުރުފަތުރުގެ ގަވައިދު ބުނާގޮތުން އެއާޕޯޓަށް މަތިންދާބޯޓު ޖައްސާ އަދި ފުރާއިރު ވެސް ފަޔާ ޓްރަކް އޮޕަރޭޓު ކުރެވޭ ހާލަތުގައި އޮންނަން ޖެހެ އެވެ.