އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ރަސްމީ ފަރިއްކޮޅުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)
އައިއެމްއެފްގެ ޕްރޮގުރާމަކަށް ނުދާނަން؛ އިންޑިއާގެ އެހީ ލިބޭނެ: ރައީސް
ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގްތިސާދީ ކާރިސާއިން އަރައިގަތުމުގައި އިންޑިއާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީގެ ޕްރޮގުރާމަކަށް ރާއްޖެ ނުދާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ވަނީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ފުރާވަޑައިގެންފަ އެވެ.
ބުނީ ކީކޭ؟ - އެ ދަތުރުފުޅުގެ ކުރިން ރައީސް ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއަށް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ. އަދި ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދީ، ހައްލު ހޯދައިދޭން އަބަދުވެސް އިންޑިއާ އޮންނާނީ ތައްޔާރަށް،" ރައީސްއާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލު - ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 440 މިލިއަން ޑޮލަރަށް ދަށްވެ، ދޮޅު މަހެއްހާ ދުވަހުގެ ޒަރޫރީ ތަކެތި އިމްޕޯޓު ކުރެވޭ ހާލަތަށް ދަށްވެފައި އޮތްއިރު، ބޭރު ފައިސާ ނުލިބިއްޖެނަމަ ދަރަނި ނުދެއްކޭ ހާލަތަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކޮށް ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓު ރޭޓިން އެޖެންސީ މޫޑީސްއިން ވަނީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީއޭއޭ-2އަށް ދަށްކޮށްފަ އެވެ.
އޭގެ ކުރިން ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް ދަށްކޮށްފަ އެވެ. އެއީ މާލީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
އެހެން ނަމަވެސް ރައީސް މުއިއްޒު ބީބީސީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖެއަށް ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެ ފަދަ ހާލަތެއް ނެތް ކަމަށާއި ހާލަތު ބަދަލުކުރަން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވާނެ ކަމަށެވެ.
"ހައްލު ހޯދަން އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުތަކެއް، އެޖެންޑާއެއް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރިޒާވް ދަށްވުމުގެ މައްސަލަ ބޮޑުވެފައިވާއިިރު، ރައީސް މިއަދު އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ މުހިންމު ކަމަކަށް އެޖެންޑާގައި އޮންނާނީ އިންޑިއާއިން މާލީ އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރުން ކަމަށް ބީބީސީން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ ވެސް ވަޑައިގަންނަވާނެ އެވެ. އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ.
ކޮމެންޓް (1)
އަފިހުން ގޮއްޔެ