ބައްސާމް. އެޕާޓްމަންޓްތައް ހަވާލުކުރަން މުއްދަތު އިތުރުކޮށްދޭން ބައްސާމްވަނީ އެދިފައި

އެޕާޓްމަންޓުތައް ހަވާލުކުރަން އިތުރު މުއްދަތު ދޭން ބައްސާމް އެދިއްޖެ

ބައްސާމް އެދުނީ މި މަހުގެ 31އަށް މުއްދަތު އިތުރުކޮށްދޭން؛ ފުލުހުން އަންނަނީ އެކަމަށް އެދި ބައްސާމް ފޮނުވި ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން
6 އޮކްޓޯބަރު 2024
1

އެފްއޭއެމްގެ ހިޔާނާތުގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ތުހުމަތު ކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން މި މަހުގެ 31އާ ހަމައަށް މުއްދަތު އިތުރުކޮށްދޭން އޭނާ އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން ބައްސާމް ގަތް ކަމަށް ބުނާ އެ ދެ އެޕާޓްމަންޓްގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ މަހު އޮތީ ފޮނުވާފަ އެވެ.

އެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ކޯޓުން ކުރި އަމުރާ އެކު، އެ ދެ ތަން ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެވެ. އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ދިން މުއްދަތު މިއަދަށް ހަމަވާނެ އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނީ އެޕާޓްމަންޓް ހުސްކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްދޭން ބައްސާމް ސިޓީއަކުން އެދިފައިވާ ކަމަށާއި އެއަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ދެ އެޕާޓްމަންޓަކީ ވެސް ހުޅުމާލޭ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މަހުގެ 18ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި:

  • އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވޭ

  • އެ ޑޮލަރަށްވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވޭ

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ފުލުހުން ތުހުމަތު ކުރޭ

ކޮމެންޓް (1)

ގޯސް ގޯސް

7 އޮކްޓޯބަރު 2024
ތިޔަހެން ކަންތައްކުރީމަ ދެންލިބޭނީ ހުސްތޮށިގަނޱު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް