1 އޮކްޓޯބަރު 2024: ޕީޖީ އައްބާސް ޝަރީފް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކުރީގެ ޕީޖީގެ އެއްވެސް ނިންމުމެއް އިސްވެ ރިވިއުއެއް ނުކުރާނެ، އެކަމަކު ޝަކުވާއަށް ހުޅުވާލައިފި

އައްބާސް ފުރަތަމަ ވެސް އިއުލާންކުރެއްވީ ނިންމުންތަކަށް ޝަކުވާއެއް އޮތް ނަމަ، ހުށަހަޅަން މިއަދުން ފެށިގެން 20 ދުވަހަށް ހުޅުވާލަން ނިންމާފައިވާ ކަން
1 އޮކްޓޯބަރު 2024

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އެއްވެސް ނިންމެވުމެއް އިސްވެ ރިވިއުއެއް ނުކުރައްވާނެ ކަމަށާއި ނަމަވެސް ނިންމުންތަކަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދޭން ނިންމަވާފައިވާ ކަމަށް މިހާރުގެ ޕީޖީ އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި އައްބާސް ފުރަތަމަ ވެސް އިއުލާންކުރެއްވީ ނިންމުންތަކަށް ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން މިއަދުން ފެށިގެން 20 ދުވަހަށް ހުޅުވާލަން ނިންމާފައިވާ ކަމެވެ.

ތަފްސީލް - އޭނާ ވިދާޅުވީ އެ ގޮތަށް ނިންމެވީ ވަރަށް ގިނަ ޝަކުވާތައް މަގާމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން ވެސް ލިބެމުންދާތީ ކަމަށެވެ.

އައްބާސް މި ގޮތަށް ފާހަގަ ކުރެއްވި އިރު، ކުރީގެ ޕީޖީ ޝަމީމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުނު މައްސަލާގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ ވެސް ބައެއް ސިޔާސީ ބޭފުޅުންނަށް ތުހުމަތުވާ މައްސަލަތަކުގައި ދައުވާ ކުރުމަށް ފަހު އަނބުރާ ގެނައުމަށް ޝަމީމް ނިންމެވި ނިންމެވުންތަކެވެ. 

އެހެންވެ އެ މައްސަލަތަކާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުން ޕީޖީ ވިދާޅުވީ ކުރީގެ ޕީޖީގެ އެއްވެސް ނިންމުމެއް އިސްވެ ރިވިއު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އަދިއެއް ވިސްނުމެއް ނެތް، ކުރީގެ ޕީޖީގެ ނިންމުންތައް، އަޅުގަނޑު އިސް ނަގައިގެން ރިވިއު ކުރާކަށެއް، މިހެން ދަންނަވާ އިރު ވެސް އަޅުގަނޑު ދަންނަން، މަޖިލީހުގައި ބައެއް މެންބަރުން ވިދާޅުވި ކުރީގެ ޕީޖީ މަގާމުން ވަކިކުރަން ނިންމި ސަބަބު ކަން ވެސްއެއީ،" އައްބާސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަކި މައްސަލަތަކެއް ނަގައިގެން ރިވިއު ކުރުމުގެ ވިސްނުމެއް ނެތް، އޭގެ ބަދަލުގައި އަޅުގަނޑު މިހާރު މި ހުޅުވާލީ ހުރިހާ ބޭފުޅުންނަށް ފުރުސަތު، އޭގެ ތެރޭގައި މި މައްސަލަތައް ހިމެނެންޏާ، ޕީޖީގައި ހުރި އުސޫލުތަކުގެ ތެރެއިން ރިވިއުކޮށް، ގޮތެއް ނިންމާނީ."

އައްބާސް ވިދާޅުވީ ވަކި މައްސަލަތަކެއް އިސްވެ ރިވިއު ކުރަން ބޭނުންނުވި އެންމެ ބޮޑު ސަބަބަކީ ވެސް، އިންސާފުން ބޭރުން ވަކި މީހަކަށް އަމާޒުކޮށް ޕީޖީން ގޮތް ނިންމި ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ދޭން ބޭނުން ނުވާތީ ކަމަށެވެ.

"އަޅުގަނޑަށް އޭރުން އަންނާނެ އެލިގޭޝަން (ތުހުމަތު)، ކުރިން ނިންމި ނިންމުން ހާއްސަކޮށް ބަދަލުކޮށްފިއްޔާ، އެ މީހަކާ މެދު ޒާތީ ތައައްސުބަކުން ވިސްނާފައޭ ޕީޖީ އެ ގޮތަށް އެކަން ކުރީ" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ނިންމުންތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި މައްސަލަތައް އަލުން ރިވިއުކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީގެ އެތެރޭގެ ކޮމިޓީއެއް އެކުލަވާލާނެ އެވެ. އަދި ޝަކުވާތަކާ ގުޅޭ ގޮތުން ގޮތް ނިންމާނީ އެ ކޮމިޓީން ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ނިންމާ ނިންމުންތައް އެ ނިންމި ސަބަބުތަކާ އެކު އަޅުގަނޑުމެން ހާމަވެސް ކުރާނަން،" އައްބާސް ވިދާޅުވި އެވެ. 

އެނގުން މުހިންމު - ޝަމީމް ވަކިކުރި ހުށަހެޅުމުގައި ހިމެނޭ މައްސަލަތަކަކީ:

  • ރޭޕްގެ ތުހުމަތުކޮށް ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އެކަށީގެންވާ ސަބަބެއް ނެތި ދައުވާ ނުކުރަން ނިންމައި ފައިލްކުރުން

  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުން

  • ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުގެ ނިންމުން ޕީޖީ ޝަމީމް އިސްތިއުނާފު ނުކުރަން ނިންމެވުން 

  •  މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން

  • ކޮވިޑް ތެރޭގައި ވެންޓީލޭޓަރުތަކެއް ގަތުމަށް ކުރި މުއާމަލާތުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާނުކުރުން 

އެ ހުރިހާ ތުހުމަތުތަކަށް ޝަމީމު ވަނީ އިންކާރުކޮށް، އެ ތުހުމަތު ކުރި ނިޔަތާ މެދު އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ފާހަގަކޮށްލެވޭ - ކޮންމެ ސަރުކާރެއްގައި ވެސް އެ މުއްދަތުގައި ދައުވާ އުފުލާ ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި އޭރުގެ އޮންނަ ޕީޖީއަށް ސިޔާސީ ނުފޫޒާއި ސަރުކާރުގެ އިސްވެރިން ބިރު ދެއްކުން ފަދަ ތުހުމަތުތައް އަމާޒުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް