ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މުވައްޒަފުން ހަރަކާތްތެރި ވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރު ވެސް ބޯނަސްގެ ގޮތުގައި 25،000ރ. ދީފި
ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރު ވެސް ބޯނަސްގެ ގޮތުގައި 25،000ރ. އެ ކުންފުނިން ދީފި އެވެ.
ވީ ކިހިނެއް؟ - ބޯނަސްގެ ގޮތުގައި 25،000ރ. މުވައްޒަފުންނަށް ދިނުމަށް އެމްއޭސީއެލްއިން އޮތީ ނިންމާފަ އެވެ. އަދި މި މަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާވިއިރު، ބޯނަސްގެ ގޮތުގައި އެ ފައިސާ ވަނީ ޖަމާކޮށްދީފަ އެވެ. އެކަން އެ ކުންފުނީގެ އިސް އޮފިޝަލަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ބުނީ ކީކޭ؟ - "މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ޑިވިޑެންޓުން ކެނޑުމަށް ފަހު، ކުންފުނީގެ ބޯޑުން ނިންމީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޯނަސްގެ ގޮތުގައި 25،000ރ. ދިނުމަށް،" ކުންފުނީގެ އިސް އޮފިޝަލު 'ދައުރު'އަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި 4،2000އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެހެންކަމުން، 105 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޯނަސްއަށް ހޭދަ ވާނެ އެވެ.
މިދިޔަ ދެ އަހަރު ވެސް އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000ރ. ދީފަ އެވެ.
މިދިޔަ ޖޫން މަހު އެމްއޭސީއެލްއިން ވަނީ، 10 ދާއިރާއަކުން %20 އާއި %30ގެ އަދަދަކަށް ހަރަދު ކުޑަ ކުރުމަށް ނިންމާފަ އެވެ. އެކަން ކުރާނީ، މުވައްޒަފުން ނުކަނޑައި އިނާޔަތްތައް މަދުނުކޮށް ކަމަށް ވެސް އޭރު އެ ކުންފުނިން ބުނެފައިވެ އެވެ.
ކޮމެންޓް (1)
ާއަސްލަމު