ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ). (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްއޭސީއެލް

އެމްއޭސީއެލްއިން ހަރަދު ކުޑަކުރުމުގެ 10 ފިޔަވަޅެއް؛ މުވައްޒަފުންނާއި އިނާޔަތްތައް ނުކަނޑާނެ

ހަރަދު ކުޑަކުރުމުގެ ތެރޭގައި ފެން، ކަރަންޓު، ތެޔޮ، ދަތުރުފަތުރު އަދި ހަފްލާތައް ބޭއްވުމާއި އެ ނޫނަސް ކުންފުނީގެ އެތެރޭގެ ކަންކަމަށް ހިނގާ ހަރަދު ކުޑަކުރުން ހިމެނޭ

މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއެސީއެލް)އިން މުވައްޒަފުން ނުކަނޑައި އިނާޔަތްތައް މަދުނުކޮށް ކުންފުނީގެ ހަރަދު ކުޑަ ކުރަން އަޅާ 10 ފިޔަވަޅު މިއަދު އިއުލާންކޮށްފި އެވެ.

އެނގުން މުހިންމު - ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގެ ސަބަބުން ދިރިއުޅުމަށް އުނދަގޫވުމުގެ ބިރު ހީވެފައި ވަނިކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - މިއަދު އެމްއޭސީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ރައީސް އެފަދަ ސިޔާސަތެއް ކަނޑައަޅުއްވާފައިވަނިކޮށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެމްއޭސީއެލްއަކީ 4،000 އަށްވުރެ ގިނަ މުވައްޒަފުން އުޅޭ، ވަރަށް ތަފާތު، ޑައިވާސް މަސައްކަތްތަކެއް ކުރާ ކުންފުންޏެއް. މިފަދަ ކުންފުނިތަކުން ހަރަދު ކުޑަކުރުމަކީ ރައީސް އެޅުއްވި ފިޔަވަޅު ކާމިޔާބުވުމަށް މުހިންމު ކަމެއް،" ޝަރީފު ވިދާޅުވި އެވެ.

ތަފްސީލު - ޝަރީފް ވިދާޅުވި ގޮތުގައި، އެމްއޭސީއެލްއިން މައިގަނޑު 10 ދާއިރާއަކުން ހަރަދު ކުޑަކުރަން ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ތެލަށް ހިނގާ ހަރަދު

  • 2-

    ކޮންސިއުމަބަލްސް

  • 3-

    ފެން

  • 4-

    ކަރަންޓު

  • 5-

    ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު

  • 6-

    ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތަކަށް ދާ ހަރަދުތައް

  • 7-

    ބޭންކު ޗާޖަސް

  • 8-

    މުވާސަލާތީ ހަރަދުތައް

  • 9-

    އިންވެންޓްރީގެ ހަރަދުތައް

  • 10-

    ހަފްލާތަކަށް ކުރާ ހަރަދު

މި ފިޔަވަޅުތަކާ އެކު ޝަރީފް ވިދާޅުވީ ޖުމްލަކޮށް، ގާތްގަނޑަކަށް %10 އާއި %20އަށް ކުންފުނީގެ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.

ޓާމިނަލް މަޝްރޫއަށް އަސަރެއް ނުކުރާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މިއަހަރުގެ ހައި ސީޒަނަށް ހުޅުވަން މަސައްކަތް ކުރަމުން އަންނައިރު، ޝަރީފް ވިދާޅުވީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެ މަޝްރޫއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"އާ ޓާމިނަލް ހުޅުވުމަށް މީގައި އެއްވެސް އަސަރެއް ނުކުރާނެ. އެއީ ޓާމިނަލަށް ބޭނުންވާ ފައިސާ އާއި މި ހުރިހާ ކަންކަމަކީ ހަމަޖެހިފައި ހުރި ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

"އެމްއޭސީއެލްގެ ސާވިސް އެންހޭންސް (ހިދުމަތްތަކުގެ ފެންވަރު މަތި) ކުރަން ކުރާ އެއްވެސް ކަމަކަށް ކުޑަ ވެސް ހުރަހެއް، މަޑުޖެހުމެއް، ހުއްޓުމެއް ނާންނާނެ."

މުވައްޒަފުންނާއި އިނާޔަތްތައް ނުކަނޑާނެ

އެމްއޭސީއެލްއިން ހަރަދު ކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާއިރު، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފަކު ނުކަނޑާނެ ކަމަށާއި މުސާރަ އާއި އިނާޔަތްތައް ވެސް ކުޑަނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މުވައްޒަފުންނެއް ނުކަނޑާނަން. މުވައްޒަފުންގެ މުސާރައެއް ކުޑަ ނުކުރާނަން. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބައެއް. މި ކުންފުންޏެއް، މި ކުންފުނީގެ މުވައްޒަފުންނާ ނުލައި ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އެއްވެސް މުވައްޒަފެއްގެ އިނާޔަތަކަށް އެއްވެސް ނޭދެވޭ ބަދަލެއް ނުގެންނާނެކަމުގެ ޔަގީންކަން އޭނާ ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

މުވައްޒަފުން މަދުނުކުރާނެކަން ސާބިތުކޮށްދެއްވަން ޝަރީފް މިސާލެއްގެ ގޮތުގައި އިޝާރާތް ކުރެއްވީ އާ ޓާމިނަލަށެވެ.

"އާ ޓާމިނަލް ހުޅުވެންވާއިރަށް އަދިވެސް [އެތަނަށް] ބޭނުންވާ ވަރަށް މީހުން ނެތް މިތަނުގައި. ކުންފުނި ރީސްޓްރަކްޗާ ކުރުމަކީ އެފިޝަންސީ ހޯދުން. އޭގެ މާނައަކީ މީހުންތަކެއް ކަނޑާލުމެއް ނޫން އެއް ގޮތަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާ އެކު ކުންފުނީގެ އާމްދަނީ ވެސް ކުރިއަށް އޮތް ތަނުގައި އިތުރުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މި ކުރާ މަސައްކަތަށް، ސާވިސް ޑެލިވަރީއަށް ކުޑަވެސް އަސަރެއް ނުކުރާނެ. އަޅުގަނޑުމެން މި ކުރާ ކަމަކީ، ކުރާ މަސައްކަތަށް އެފިޝަންޓު ވެފައި، ޒިންމާދާރުކަމާ އެކީ ކުރުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހޯދާ އާމްދަނީ މީގެ ސަބަބުން ވާނީ އިތުރު. އެއީ އެކަށީގެންވާ ނުވަތަ އެކަމަށް ހަރަދު ކުރުން، [ފައިދާ ހޯދުމަށްޓަކައި] ކުރަން ޖެހޭ ތަންތަނަށް އިތުރަށް ކުރުމުގެ ފުރުސަތު ލިބޭނެ."

ކޮމެންޓް (1)

އަނިކާ

30 ޖޫން 2024
ވަރަށް ބޮޑު މުސާރައަށް ތެންކިޔޫ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް