ރައީސް މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިޒްރޭލު ޖަވާބުދާރީކޮށް، ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދޭން ރައީސް ގޮވާލައްވައިފި

ރައީސް ވިދާޅުވީ ފަލަސްތީނާއި ލުބްނާން އަދި އަލް-ޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ގާޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއް ކަމަށް
25 ސެޕްޓެމްބަރު 2024

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ އަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ވިދާޅުވެ، ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ، އިޒްރޭލާއި އެ ގައުމަށް ވާގިވެރިވާ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގެ އެންމެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ތަގުރީރުކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ވަނީ ނަމަ، އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ރައީސް ވިދާޅުވީ:

  • އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނެ 

  • ފަލަސްތީނުގެ ގާޒާގެ ހާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި ބައިނަލްއަގުވާމީ ނިޒާމުގެ ނާކާމިޔާބީ

އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި:

  • އެ ޖަރީމާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަހަމްވަމުން އެބަދޭ

  • ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި ހޮސްޕިޓަލާއި ސްކޫލްތަކާ އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން އިޒްރޭލުން ހަމަދާ ދެމުން އެބަދޭ

  • ގާޒާގައި އާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިޒްރޭލުން ލުބްނާނަށް ހަމަލާދީ، އެ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް މަރުވަމުން އެބަދޭ

ރައީސް ވަނީ، ފަލަސްތީނާއި ލުބްނާން އަދި އަލް-ޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އަލް-ޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ގާޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، އިޒްރޭލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސް ގޮވާލެއްވި އެވެ.

އެއާ އެކު، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް