އދ.ގެ އާންމު މަޖިލީހުގައި ރައީސް މުހައްމަދު މުއިއްޒު މިރޭ ތަގުރީރުކުރައްވަނީ

އަމާޒަކީ 2040 އަންނަ އިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން: ރައީސް

ސަރުކާރުން ގެންގުޅޭ ތަރައްގީގެ ސިޔާސަތުތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނީ ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަށީގެންވާ މާލީ އެހީތެރިކަމެއް ލިބިގެން ކަމަށް ރައީސް ވިދާޅުވި

އަމާޒަކީ 2040ވަނަ އަހަރާ ހަމަޔަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށާއި އެކަމަށްޓަކައި ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުންނެވެ. ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާތަކުގެ ކަންބޮޑުވުންތަކާއި ތިމާވެށީގެ މައްސަލަތަކާއި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

ތަފްސީލް - ތަގުރީރު ފައްޓަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާތަކުގެ ލިސްޓު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ދިގުވަމުން ކަމަށެވެ. އޭގެތެރޭގައި ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަގީރުންނާއި މުއްސަނދިންގެ ފަރަގާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި ހިޖުރަކުރުން ފަދަ އެތައް ކަމެއް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިފަދަ ކާރިސާތަކާ ކުރިމަތިލާންޖެހިފައިވާ ގައުމުތަކުގެ ޗާޓެއް އަތްޕުޅުގައި އެބައޮތްކަން ފާހަގަކުރައްވައި އެ ޗާޓަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ ގައުމެއް ވެސް އޮތީ ކާރިސާގެ މުސީބާތެއްގެ ތެރޭގައި ރަތްކުލައިން ދިއްލިފައި ކަމަށެވެ. ކޮންމެވެސް ވައްތަރެއްގެ ކާރިސާއަކާ ކުރިމަތިލާން ނުޖެހޭ އެއްވެސް ގައުމެއް ނެތް ކަމަށާއި އެހެން ވަނީ މިއަދު ދުނިޔެ އޮތީ އިންސާނީ ކާރިސާއެއްގެ ރަތް މުސީބާތެއްގެ ތެރޭގައި ކަމަށް ވުމުން ކަމަށް ރައީސް ވިދާޅުވި އެވެ. 

މި ގޮންޖެހުންތަކާ އެކު ވެސް، ގައުމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ހުއްޓާނުލައި ކޮންމެ ގައުމަކުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2040 ވަނަ އަހަރަކީ ރާއްޖެއަށް މުހިންމު އަހަރެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރިގެންދާނެ ކަމަށެވެ. އެއާއެކު އެމަނިކުފާނުގެ އަމާޒަކީ  ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު އދ.ގެ މަޖިލީހުގައި އައިސް މިހުރީ އެ ތަސައްވުރާ އެކު. ރާއްޖެއަކީ 2040ވަނަ އަހަރު އަންނަންވާއިރަށް ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ދެކެން އުންމީދުކުރަން. އިހުތިރާމު ލިބިފައިވާ، ބަލައިގަންނަ ގައުމެއްގެ ގޮތުގައި. ދެެމެހެއްޓެނެވި އަދި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުވެފައިވާ ގައުމެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި:

  • ތަރައްގީވެފައިވާ ގައުމަކަށް ވުމަކީ ނާދިރު ކަމެއް ކަމަށް ފެނުނަސް ކަށަވަރު ލަނޑުދަނޑިއަކާއި ފުރިހަމަ ޕްލޭނެއް އޮވެގެން އެއީ ހާސިލުކުރެވިދާނެ ކަމެއް

  • ގޮންޖެހުންތަކުން އަރައިގަނެ ކުރިއެރުން ހޯދުމަކީ ރާއްޖެއަށް އާ ކަމެއް ނޫން

  • 1965 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު ވެސް ރާއްޖެއަކީ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެއް. އެކަމަކު މިއަދު ރާއްޖެއަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެެރޭގައި ހިމެނޭ ގައުމެއް؛ އެކަމާ މެދު ދިވެހިން ފަހުރުވެރިވޭ

  • ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކޮށްގެންނާއި އިގްތިސޯދު ޑިޖިޓަލައިޒްކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އިގްތިސޯދު ބަދަލުކޮށްގެންނާއި ގުދުރަތީ ރީތިކަމާއި ކަނޑުގެ ވަސީލަތްތަކުގެ އެހީގައި ތަރައްގީވެފައިވާ ގައުމަކަށް ހެދޭނެ 

ފިޔަވަޅު ނާޅައި މާލީ އެހީގެ ނިޒާމު ފަސޭހަކޮށްދިނުމަށް ގޮވާލެއްވި

ރައީސް ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލާނެ އިގްތިސޯދީ ބޮޑު ބަދަލަކަށް ރާއްްޖެ އަމާޒު ހިފާފައިވިޔަސް ދިވެހި ސަރުކާރުން އެކަމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާއެއް ނެރެވޭނީ ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަށީގެންވާ މާލީ އެހީތެރިކަމެއް ލިބިގެން ކަމަށެވެ.

ގައުމުގެ ތަރައްގީގެ ޒިންމާ ރާއްޖެއިން އަބަދުވެސް ނަގަމުން އައީ އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން މިހާރު ވެސް ލިބެމުންދާކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖެއަކީ އަބަދު އެހީ ބަލައިގަންނަން އޮތް ގައުމެއްގެ ގޮތުގައި ނުދެކި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި ދުށުމަށް ބައިނަލްއަގުވާމީ ބޭންކުތަކާއި އެހީދޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

"ފަންޑުތަކާއި ބޭންކުތަކާއި އެހީދޭ ފަރާތްތަކަށް އަޅުގަނޑުމެން މި ގޮވާލަނީ ދަރަނި ނެގުމުގައި އަގު ދަށްކޮށްދިނުމަށް. މާލީ ނިޒާމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ނިޒާމު އަޅުގަނޑުމެންނަށްޓަކައި ފަސޭހަކޮށްދިނުމަށް. ޝަރުތުތައް ލުއިކޮށްދިނުމަށް،" ރައީސް ވިދާޅުވި  އެވެ.

މީގެ 59 އަހަރު ކުރިން އދ.ގެ މަޖިލީހާ ހަމަޔަށް ރާއްޖެ ދިޔައީ، ޔަގީންކަމެއް ނެތް ފަގީރު ގައުމެއްގެ ގޮތުގައި ނަަމަވެސް، ބަދަހި ގުޅުންތަކަކާ އެކު ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ގައުމަކަށް ރާއްޖެ ވުމަށް އެދިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު އަނެއްކާވެސް މި އައީ މަތީ އަމާޒަކާ އެކު އާ އުސްމިންތަކަކަށް ވާސިލުވެ ކުރިއަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރުމަށް. ރާއްޖެއަކީ 2040ވަނަ އަހަރު އަންނަންވާ އިރަށް، ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރާ އެކު،" ތަގުރީރު ނިންމަވާލައްވަމުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

ހަމަމިހާރު

25 ސެޕްޓެމްބަރު 2024
2040ގައި ވެސް މިރައީސްތޯ ހުންނަވާނީ، ހީފުޅު ކުރައްވަނީ، ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި ހުންނެވީމާ، މިރައީސަށް ވެސް ހުންނެވޭނެ ކަމަށްތޯ. 5 އަހަރު ހުންނެވުނަސް އެއީ ބޮޑު ވަރެއް. މިހާރު ވެސް ފޭލުވިތާ އެތައް ދުވަހެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް