ރައީސް މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ބޮޑެތި މައްސަލަތައް ހައްލުކުރަން ދުނިޔެ އެއްބައިވާން ޖެހޭ: ރައީސް
ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ އެއްބައިވަންތަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އދ.ގައި ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ އާންމު ބަހުސްގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ މީހުންގެ އަމަލުތަކުން އުފެދިފައިވާ މައްސަލަތަކެއް ކަމަށެވެ. އެ މަނިކުފާނު ވަނީ، ދުނިޔެ ބޭނުން ވަނީ އެއްބައިވަންތަ، އެކުވެރި ދައުލަތްތަކެއް ކަމަށާއި ބައިބައިވެ މާޔޫސްވެފައިވާ އދ.އެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - އދ. އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަން ޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ޖަމާއަތުގެ ނިންމުންތައް ދުނިޔޭގެ ފެންވަރުގަ އާއި ދާހިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލައްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އދ.ގެ މައްސަލަތައް ފާހަގަކުރައްވައި އެ ކަންކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ކަންކަމަކީ:
-
މޫސުމަށް އަންނަ ބަދަލުތައް
-
ހަމަނުޖެހުންތައް ހައްލުކުރުން
-
ބޭއިންސާފު ނައްތާލުން
"މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުން ދާއިރު، ރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް އަދި ނުތިބޭނަން ވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އދ. ހަރުދަނާކުރުމަށް ފުޅާ ދާއިރާއެއްގައި އިސްލާހުތަކެއް ގެނައުމަށް ގޮވާލައްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
-
އެ ޖަމާއަތުގެ މުހިންމުކަން ދެމެހެއްޓޭނީ ހަގީގީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން އދ.ގެ ކިބައިގައި ހުރެގެން
-
އދ. އަކީ ސުލްހަ އާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށް، ދުނިޔޭގެ ލީޑަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ