27 އޮގަސްޓް 2024: އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު (ކ) އާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ޖަލުގައި މީހުން މަރުވުން ތަކުރާރުވާ މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ބުނީ ގައިދީން ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދާ ގޮތް ރަނގަޅަށް ބަލައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް
24 ސެޕްޓެމްބަރު 2024

ޖަލުގައި މީހުން މަރުވުން ތަކުރާރުވަމުންދާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިގޮތަށް ގޮވާލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި އަމިއްލައަށް މަރުވެފައި އޮއްވާ މިއަދު ފެނުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

ތަފްސީލް - އެމްޑީޕީން ބުނީ އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވުމުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް އެ ޕާޓީން ގޮވައިލައިފައި ވަނިކޮށް ކަމަށެވެ.

ބުނީ ކީކޭ؟ - އެމްޑީޕީން ބުނީ އަނެއްކާވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވަނީ:

  • ޖަލުގައި މީހުން މަރުވާ މައްސަލާގައި ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް 

  • މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް 

އެމްޑީޕީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. މިފަދަ ހާދިސާތައް ޖަލުގައި ތަކުރާރު ވަމުންދާތީ، ގައިދީން ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދާ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެނގުން މުހިންމު - މިއަދު ދަންޖެހިފައި ހުއްޓާ ފެނުނު ގައިދީއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 6:52ގައި ކަމަށް ކަރެކްޝަސްއިން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް