މާލޭގެ ހުސް ބިމެއްގައި ހެދި ޕާކިން ޒޯނެއް.
އާ ޕާކިން ސްލޮޓެއް ދޫކޮށްފައެއް ނުވާނެ: މޭޔަރު އާޒިމް
މާލެ ސިިޓީ ކައުންސިލްގެ މި ދައުރުގައި އާ ޕާކިން ސްލޮޓެއް ދޫކޮށްފައިނުވާނެ ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިިިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އިއްޔެ ވަނީ އަންގާފަ އެވެ.
ބުނީ ކީކޭ؟ - ޓްރާންސްޕޯޓް މިނިސްޓްރީގެ އެ އެންގުމާ ގުޅޭ ގޮތުން އާޒިމް 'ދައުރު'އަށް ވިދާޅުވީ ކައުންސިލްގެ މި ދައުރުގައި އިތުރު ޕާކިން ސްލޮޓެއް ދޫކޮށްފައިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލާ ހަވާލުވީއްސުރެ އިތުރަކަށް ސްލޮޓެއް ދޫނުކުރަން. ކައުންސިލްގެ ލަފަޔާ އެއްގޮތަަށް ކުރިން ދޫކޮށްފައި ހުރި ސްލޮޓްތަކުގެ ކޮންޓްރެކްޓް އާކުރަނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ޓްރާންސްޕޯޓްގެ އެންގުމާ ގުޅޭ ގޮތުން ދެން ކައުންސިލުން އަމަލުކުރާނެ ގޮތް ކައުންސިލްގެ މަޝްވަރާއަކަށް ފަހު ހިއްސާކުރައްވާނެ ކަމަށެވެ.
ތަފްސީލު - ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އެންގުމުގައި މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން އެންގީ އިއްޔެއިން ފެށިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އެ އެންގުމަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
އެނގުން މުހިންމު - މާލެ ސިޓީ ކައުންސިލުން، މާލޭގެ އާންމު ޖާގަތަކުންނާއި ޕާކިން ޒޯންތަކުން ކުއްޔަށް ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ.
މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން އެންގިއިރު، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެޗުޑީސީއިން ވަނީ ހުޅުމާލޭގެ އަށް ޒޯނަކުން 1،375 ޕާކިން ސްލޮޓު، 2،000ރ.ގެ މަގުން ކުއްޔަށް ދޫކުރަން ހުޅުވާލައިފަ އެވެ.