ސްޓޭޓް ބޭންކް އޮފް އިންޑިއާ ރާއްޖޭގެ ބްރާންޗު ކައިރީ ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އިންޑިއާއަށް ދައްކަން އޮތް އިތުރު 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019ގައި އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް 100 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަނެއް 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި އެވެ.
އެނގުން މުހިންމު - އިންޑިއާ ސަރުކާރުން ގެރެންޓީ ދީގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ރާއްޖޭގެ ބްރާންޗުން ޓީބިލްގެ ގޮތުގައި ސަރުކާރަށް ދީފައިވާ އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހުނީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. އެ ފައިސާ ދެއްކުން ވެސް އިތުރު އަހަރަކަށް ދަންމާލަން އިންޑިއާއިން އެއްބަސްވެ އެ ޓީބިލް ވަނީ ރޯލްއޯވާކޮށްފަ އެވެ.
ވީ ކިހިނެއް؟ - ބާކީ އޮތް 50 މިލިއަން ޑޮލަރަށް ރާއްޖެއިން ފައިސާ ދެއްކުމުގެ ސުންގަޑި މިއަދުގެ ނިޔަލަށް ހަމަވާއިރު ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ ބަޖެޓް ސަޕޯޓެއްގެ ގޮތުން އެ ފައިސާ ދެއްކުން އިތުރު އަހަރަކަށް ދަންމާލަދޭން އިންޑިއާއިން އެއްބަސްވެ އެގޮތަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖެއިން މިއަހަރު އިންޑިއާއަށް ދައްކަން ޖެހޭ ހުރިހާ ދަރަންޏެއް ދެއްކުން އެ ގައުމުން މި ވަނީ ފަސްކޮށްދީފަ އެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އިންޑިއާގައި އެދުނީ މިދިޔަ މޭ މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.
"މި އެހީއަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެކެވެ. ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ."
ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ މި އެހީތެރިކަން ރާއްޖެއަށް މިލިބުނީ އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްފަ އެވެ.
ގުޅުންހުރި - އެސްބީއައިން 2019ގައި ރާއްޖެއަށް ދިން 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާއިން މީގެ ކުރިން މައާފުވެސް ކޮށްދީފައިވެ އެވެ. އަދި މި ސަރުކާރުން އައިފަހުން އެ ޓީބިލްގެ 50 މިލިއަން ޑޮލަރު ވަނީ މި ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ދައްކައިފަ އެވެ.
ކޮމެންޓް (1)
މައެ