ރައީސް މުއިއްޒު. އައްބާސްއަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: ޕީޖީ ކަމަށް ގެންނަން ރައީސް ޗޮއިސްއަކީވެސް އޭނާ (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ޕީޖީ ކަމަށް ކުރިމަތިލީ ރައީސް މުއިއްޒުގެ އިރުޝާދެއް ލިިބިގެނެއް ނޫން: އައްބާސް
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ކަމަށް ކުރިމަތިލެއްވީ، ރައީސް މުހައްމަދު މުއިއްޒު އެ ކަމަށް އިރުޝާދު ދެއްވުމުން ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި އިންޓަވިއުގައި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް ؟ - ޕީޖީގެ މަގާމު ހުސްވުމުން އެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު މަޖިލީހަށް ފޮނުވީ ވެސް އައްބާސްގެ ނަން އެކަންޏެވެ. އައްބާސް އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އައްބާސްއާ އިންޓަވިއު ކުރުމަށް މިއަދު ޖުޑިޝަރީ ކޮމިޓީއަށް އޭނާ ހާޒިރު ކުރި އެވެ.
ތަފްސީލް - އިންޓަވިއުގެ ބައްދަލުވުމުގައި ރައީސްގެ އިރުޝާދެއް ލިބުމާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ، ކޮމިޓީގައި އިންނެވި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.
ނާޒިލްގެ ސުވާލަށް ޖަވާބު ދެއްވަމުން، ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ އައްބާސް ވިދާޅުވި ކަންކަމަކީ:
-
ޕީޖީގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވީ އަމިއްލައަށް އެ ކަން ބޭނުން ވެގެން ކަމަށް
-
ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް އެ ހަބަރު ލިބުނީ ކުށުގެ ރެކޯޑު އައްބާސް ސާފު ކުރި ކަން ބައެއް ނޫސްތަކުން ރިޕޯޓް ކުރުމުން ކަމަށް
-
މި ކަމަށް ކުރިމަތިލުމަށް ރައީސް މުއިއްޒުގެ އެއްވެސް އިރުޝާދެއް ލިބިފައި ނުވާ ކަމަށް
"އަޅުގަނޑު މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވެގެން ކުށުގެ ރެކޯޑު ސާފުކުރިކަން އެނގިގެން ނޫހުގަ ޖެހި، ނޫހުގެ ޖެހި ފަހުން ބައެއް ކެބިނެޓު މިނިސްޓަރުންނަށް ވެސް އެނގިވަޑައިގެން ސުވާލު ކުރެއްވީ،" އައްބާސް ވިދާޅުވި އެވެ. "ރައީސްގެ އެއްވެސް އިންޑިކޭޝަނެއް (އިރުޝާދެއް އަދި އިޝާރާތެއް) ވެސް މި ކަމަކު ނުލިބޭ،"
ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ މައިގަނޑު ގިނަ ސުވާލުތައް އަމާޒުކުރީ، މީގެ ކުރީގެ ޕީޖީން ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާ މެދު ތެރޭގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެފަދަ ކަމެއް ކުރިމަތި ވެއްޖެ ނަމަަ އައްބާސް އަމަލު ކުރައްވާނެ ގޮތަކާ ގުޅޭ ގޮތުންނެވެ.
މި ސުވާލުތަކުގެ ޖަވާބުގައި އައްބާސް ވިދާޅުވީ، ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ލީޑާޝީޕްގައި ވެސް އެ އޮފީހުގެ ހިންގުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭރު ވެސް މައްސަލައަކަށް ދިމާވި ކަމަކީ ބައެއް ނިންމުންތަކުގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރުން ކަން، އައްބާސް ފާހަގަ ކުރެއްވި އެވެ.
އެ ކަން ހައްލު ކުރައްވާނީ މައުލޫމާތު ހާމަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން އާންމުންގެ ޝައުގުހުރި ބޮޑެތި މައްސަލަތަކާއި، ހައްސާސް ކަމަށް ބެލެވޭ މައްސަލަތަކުގައި ގޮތް ނިންމާ ސަބަބު ވީހާ ވެސް ތަފްސީލްކޮށް ހާމަކުރައްވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަމަވެސް އެއްވެސް ވަރަކަށް ޖިނާއީ މައްސަލަތަކުގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރެއްވި ވަކީލެއް ވެސް އެފަދަ މައްސަލައެއްގައި އުޅެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"..އެހެންވީމާ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔަގީންކަމެއް އެއީ ޕީޖީ އޮފީހުގައި އަޅުގަނޑުގެ މަސްލަހަތު އޮތް މައްސަލައެއް ނޯންނާނެ ކަން، އެފަދަ އެއްވެސް ލޯފާމަކާ ވެސް ގުޅުމެއް ނޯންނާނެ ކަން،" އައްބާސް ވިދާޅުވި އެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ލިބިވަޑައިގެންނެވި ތަޖުރިބާއިން، ޖިިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޕީޖީގެ ހައިިސިއްޔަތުން މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
އެނގުން މުހިންމު - އައްބާސްއާ އިންޓަވިއު ކުރުމަށް ފަހު، އޭނާގެ ނަން ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި މާދަމާ ބާއްވާ، މަޖިލީހުގެ ދައުރުން ބޭރު ހާއްސަ ޖަލްސާގައި އައްބާސްގެ ނަމަށް ވޯޓަށް އަހައި ވަކި ގޮތެއް ނިންމާނެ އެވެ.
ފާހަގަކޮށްލެވޭ - ކުރީގެ ޕީޖީ ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުނު މައްސަލާގައި ވެސް އެންމެ ބޮޑު ތުހުމަތެއް އޮތް ކަމަކީ ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންނަށް އޭރު ދައުވާ އުފުލުމަށް ފަހު ދައުވާތައް އަނބުރާ ގެންދިިޔައީ ނުފޫޒެއް އޮވެގެން ކަމަށެވެ.
ފަސް މަންޒަރު - ޕީޖީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހު އިސްތިއުފާ ދެއްވައި އަދި މަޖިލީހުން އޭނާ ވަކިކުރަން ވެސް ނިންމުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމި ފަހުންނެވެ.
ޝަމީމު މަގާމުން ވަކިކުރަން މަޖިލީހުން ވޯޓު ނަގާފައި ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭ ކަމަށް ބުނެ އެވެ.
ކޮމެންޓް (2)
ކަޅުބިލަމަސް ސިކުޱި
މުޖޭ