ފެނަކަ އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކޮރަޕްޝަން

ފެން ކުންފުނިން ހުށަހެޅި އަގަށް ވުރެ 6 މިލިއަން ރުފިޔާ ބޮޑުކޮށް ފެނަކަ އަށް ފެން ޕްލާންޓެެއް ގަތް މައްސަލަ ފެންމަތިވެއްޖެ

ފެނަކައިން އަވަސް އަރުވާލައިގެން 13.6 މިލިއަން ރުފިޔާއަށް ސްޕެސިފިކޭޝަންތަކަށް ވެސް ނުފެތޭ އެ ފެން ޕްލާންޓު ގަނެފައިވަނީ އެމްޑަބްލިޔުއެސްސީން ފެނަކައިން ބޭނުންވާފަދަ ފެން ޕްލާންޓެއް 7 މިލިއަން ރުފިޔާއަށް ހޯދައިދޭން ހުށަހަޅާފައި އޮއްވާ
13 ސެޕްޓެމްބަރު 2024
2

ފެނަކައިން މިފަހުން ގދ. ތިނަދުއަށް ހޯދި ފެން ޕްލާންޓަކީ، ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އިން ހުށަހެޅި 7 މިލިއަން ރުފިޔާއަށް ވުރެ 6 މިލިއަން ރުފިޔާ ބޮޑުކޮށް ގަނެފައިވާ އަދި ސްޕެސިފިކޭޝަންތަކަށް ވެސް ނުފެތޭ އާރު-އޯ ޕްލާންޓެއް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފެނަކައިން ތިނަދޫގެ ފެން ޕްލާންޓް ގަންނަން ސޮއިކޮށްފައިވާ އެގްރިމެންޓް ފޯމާއި ފެނަކައިގެ ޓެކްނިކަލް ޓީމުން އެ ފެން ޕްލާންޓް ބަލައި ތައްޔާރުކޮށްފައިވާ އިންސްޕެކްޝަން ރިޕޯޓުގެ ކޮޕީ 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

އެގްރިމެންޓުގައި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މުއާޒް މުހައްމަދު ރަޝީދެވެ. އަދި ފެނަކައަށް ފެން ޕްލާންޓު ވިއްކި އެޗުކިއު ހޯލްޑިންސްގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހައްމާދު މުހައްމަދެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފައިލް ފޮޓޯ/ފެނަކަ)

އެނގުން މުހިއްމު - ސަރުކާރުގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި އެޗްކިޔު ހޯލްޑިންސް އަކީ މެޝިނަރީ އާއި އިކުއިޕްމަންޓް ހޯލްސޭލްކޮށް ވިއްކާ ކުންފުންޏެކެވެ. އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި އަދި ޝެއާ ހޯލްޑަރުންގެ ގޮތުގައި ވެސް ތިބެނީ ހައްމާދު މުހައްމަދާއި ގުދުރަތުﷲ ނަސީރެވެ. އެ ދެ މީހުން ވެސް އެ މަގާމުތަކާ ހަވާލުވެފައިވަނީ 28 މެއި 2023ގަ އެވެ.

ތަފްސީލް - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި އެގްރިމެންޓުގައި ހެކިވެރިން ސޮއިކޮށްފައިވަނީ ފެނަކައިގެ އެމްޑީ ސޮއިކުރުމުގެ އެއް ދުވަސްކުރިންނެވެ. މި ހަފްތާގެ އަންގާރަ ދުވަހު ސޮއިކޮށްފައިވާ ކަމަށް ދައްކާ އެގްރީމެންޓުން އެނގޭ ގޮތުގައި:

  • ތިނަދޫގެ ފެން ޕްލާންޓް ފެނަކައިން ގަނެފައިވަނީ 13.6 މިލިއަން ރުފިޔާއަށް

  • އެއްބަސްވެފައިވަނީ ސޮއިި ކުރާތާ އެއް ދުވަސްތެރޭގައި ހެޗްކިޔު ހޯލްޑިންސް އިން ފެން ޕްލާންޓު ޑެލިވާކުރާ ގޮތަށް؛ އަދި ޑެލިވަރީއާ އެކު ފެނަކައިން އެއްފަހަރާ ފުލް ޕޭމަންޓު ހަދަން ޖެހޭ ގޮތަށް

އަވަސް އަރުވާލައިގެން އެއްފަހަރާ އަގު ދައްކާ ގޮތަށް އަދި ބޮޑު އަގުގައި ފެނަކައިން މި ޕްލާންޓު ގަނެފައިވަނީ، ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އިން 7 މިލިއަން ރުފިޔާއަށް ސްޕެސިފިކޭޝަންތަކަށް ފެތޭ ފެން ޕްލާންޓެއް ތަރައްގީ ކޮށްދޭން ހުށަހަޅާފައި ވަނިކޮށް ކަން ވެސް 'ދައުރު'އަށް ވަނީ އެނގިފަ އެވެ. އެމްޑަބްލިޔުއެސްސީގެ ހުށަހެޅުމުގައި ވަނީ ވެސް ފެނަކައިން އިންސްޓޯލްމަންޓް އުސޫލުން ފެން ޕްލާންޓަށް ފައިސާ ދައްކަން ޖެހޭ ގޮތަށެވެ.

ފެނަކަ އައްޑޫ އިންޖީނު ގޭގައި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަނީ. (ފައިލް ފޮޓޯ/ފެނަކަ)

ފާހަގަކޮށްލެވޭ - ބޮޑު އަގުގައި ފެން ޕްލާންޓް ގަތް އިރު، ފެނަކައިން އެދިފައިވާ ސްޕެސިފިކޭޝަންތަކަށް ވެސް އެ ފެން ޕްލާންޓު ނުފެތޭކަން އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ބުދަ ދުވަހު ހަދާފައިވާ އިންސްޕެކްޝަނުން ދައްކަ އެވެ. އެގޮތުން:

  • ފެނަކައިން ގަންނަން އެއްބަސްވީ 20 ގަޑިއިރުތެރޭ 300 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް؛ ނަމަވެސް، ގަނެފައިވާ ފެން ޕްލާންޓުން 300 ޓަނު އުފައްދަނީ 24 ގަޑިއިރުން

  • ފެން ޕްލާންޓުގައި ދެ ޓްރާންސްފާ ޕަމްޕު، އެއް ކާޓްރިޖު ފިލްޓަރު އަދި އެއް ޕްރޮޑަކްޓް ޑިސްއިންފެކްޓަންޓް ޔޫވީ-ސީ ސިސްޓަމް މަދު؛ މިތަކެތި ލިބޭނެ ކަމަށް ކޮންޓްރެކްޓަރު ޕްރޮޕޯޒަލްގައި އޮތް

  • މީގެ އިތުރުން ވެސް ފެނަކައިން އެދިފައިވާ ބައެއް ސްޕެސިފިކޭޝަންތައް ނެތް؛ މިސާލަކަށް ރިޖެކްޓް ޓޭންކާއި ރިޖެކްޓު ޕަމްޕު

ފެނަކައިގެ ބަސް - އެކަމާ ގުޅިގެން ސުވާލު ކުރުމުން އެމްޑީ މުއާޒް ވިދާޅުވީ، އެ ފެން ޕްލާންޓް ޕްރައިވެޓް ކުންފުންޏަކުން ގަނެފައިވަނީ އެމަޖެންސީ ޕްރޮކިއުމަންޓުގެ ދަށުން، ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • އެމްޑަބްލިޔުއެސްސީން ފެން ޕްލާންޓް ޑެލިވާ ކޮށްދޭން ފަސް ހަފްތާގެ މުއްދަތެއް ނަގާނެ ކަމަށް ބުނި

  • ތިނަދުއަށް ފެން ފޯރުކޮށްދޭން މިހާރު ޕްރައިވެޓް ސަޕްލަޔަރަކަށް ފައިސާ ދައްކަން ޖެހޭތީ ކޮންމެ ހަފްތާއަކު ފެނަކައަށް ދަނީ 1 މިލިއަން ރުފިޔާގެ ގެއްލުން ލިބެމުން

  • އިތުރު ފަސް ހަފްތާއަށް ޕްލާންޓެއް ނެތި، އެގޮތަށް ފެން ފޯރުކޮށްދޭ ނަމަ ފެނަކައަށް 5 މިލިއަން ރުފިޔާގެ ގެއްލުން ވާނެ

އެހެންކަމުން ވަގުތުން ފެން ޕްލާންޓް ޑެލިވާ ކުރާ ގޮތަށް ގެނައީ ފެނަކައަށް ގެއްލުން ކުޑަކޮށް، ތިނަދޫ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކަމަށް މުއާޒް ވިދާޅުވި އެވެ.

ކޮމެންޓް (2)

ހިސާބު ކިތާބު

16 ސެޕްޓެމްބަރު 2024
13.6 މިލިއަން އިން 7 މިލިއަން ކެންޑުމުން ބާކީ 6.6 މިލިއަން 5 ހަފުތާ މަޑުކުރުމުން 5 މިލިއަން ގެއްލުން 6.6މިލިއަން އިން 5 މިލިއަން ކެންޑުމުން 1.6 މިލިއަން! 1.6 މިލިއަން މީ ފައިދާ ތޯ ނޫނީ ގެލުންތޯ؟
0 0

ހިތަދޫ ހުސެން

14 ސެޕްޓެމްބަރު 2024
ސާއީދު ނަންވާނީ، މުއާޒް ވެސް ހަމަ އޭގެ މީހަކަށް މިވީ.. މިވަރަށް ފައިސާ ދަތިކަން ހުރި އިރު 5 ހަފްތާއަށް އަގު ހެޔޮކޮށް އަދި ލުއިކޮށް ދެއްކެން އޮތް އެއްޗެއް، ދަށް ފެނވަރުގަ އަގު ބޮޑުކޮށް އަދި ފައިސާ ވަގުތުން ދޭ ގޮތަށް ގަތުމަކަށް އުސޫލުން ގަތް އެއްޗެކޭ ބުނީމާ ދެން ނެތް ބުނާނެ އެއްޗެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް