މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/މަޖިލިސް)
ކުރީގެ މެންބަރު ޝަރީފަށް އިންޒާރު ދިން މީހާއަށް ޖޫރިމަނާގެ އަދަބެއް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) އަށް އިންޒާރު ދީ ހަމަނުޖެހުން ހިންގި މީހާގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ކަމުގެ ފެށުން - ގަލޮޅުގެ މެންހެޓެން ހޮޓަލުގެ ކޮޓަރިއެއްގައި 30 ސެޕްޓެމްބަރު 2023ގައި ޝަރީފް ހުންނަވަނިކޮށް އެ ކޮޓަރި ތެރެއަށް މީހަކު ވަދެ އިންޒާރު ދީފައިވެ އެވެ. އޭރު ޝަރީފަކީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ. އަދި އެކަން ހިނގީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތް ދުވަހު އެވެ.
ވީކިހިނެއް؟ - އެ މައްސަލާގައި ދައުލަތުން ދައުވާކުރި މީހާ ކުށަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ. އެހެންވެ އަވަސް ނިޔާގެ ދަށުން ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި އެވެ.
އެ މައްސަލައިގައި:
-
ދައުވާކުރި މީހަކީ އިބްރާހީމް އުނައިސް، ލ.ގަން/ތުނޑި، އުރަހަ.
-
އުފުލާފައިވާ ދައުވާއަކީ މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއް ކުރާނެ ކަމަށް ބިރު ދެއްކުން
ތަފްސީލް - ކްރިމިނަލް ކޯޓުގެ ގާޒީ އާއިޝަތު ނުޒުހާ ކުރެއްވި ހުކުމުގައިވާ ގޮތުން:
-
އިއުތިރާފު އެއްބަސްވުމުގައި ވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ އަދަބެއް
-
އުނައިސް އެ މައްސަލާގައި ބަންދުގައި ދެ މަސް ހޭދަކޮށްފައިވޭ
-
ޖަލު އަދަބުގައި ބާކީ 12 ދުވަސް އޮތުމުން، ފަނޑިޔާރަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އެ އަދަބު ޖޫރިމަނާއަށް ބަދަލުކުރި
-
ޖޫރިމަނާގެ ގޮތުގައި 2،400ރ. ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކުރި