މާފަންނު ބަސް ޓާމިނަލް ކައިރި މިރޭ ހިނގި އެކްސިޑެންޓް

މާފަންނު ބަސް ޓާމިނަލް ކައިރި އެކްސިޑެންޓެއް؛ އެކަކަށް ފަރުވާދެނީ

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ދަނީ ގިނަ އަދަދެއްގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުން
8 ސެޕްޓެމްބަރު 2024

މާފަންނު ބަސް ޓާމިނަލް ކައިރީ މިރޭ ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލު ޖެހިގެންނެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވާގޮތުން:

  • މި އެކްސިޑެންޓުގައި އެކަކަށް ވަނީ އަނިޔާވެފައި

  • އެމީހާއަށް އަޖީއެމްއެޗްގައި ދަނީ ފަރުވާދެމުން

  • މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

މި އެކްސިޑެންޓާ ބެހޭ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން އެކްސިޑެންޓުވި ދެ ސައިކަލު މަގުމައްޗަށް ވެއްޓިފައިވާ މަންޒަރު ފެނެ އެވެ. ފެންނަ ގޮތުގައި ދެ ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފަ އެވެ.

ފާހަގަކޮށްލެވޭ - މި ފަހުން މާލެ އާއި ހުޅުމާލޭގައި ވަނީ ކައިރި ކައިރީގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފަ އެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހުކުރު ދުވަހުގެ ރޭ ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

މާލޭ ސަރަހައްދުގައި އެންމެ އާއްމުކޮށް އެކްސިޑެންޓުތައް ހިނގާ މަގުތަކުގައި ފުލުހުން މިހާރު ގެންދަނީ 24 ގަޑިއިރު ފޯރިމަރަމުންނެވެ. އަދި އެކްސިޑެންޓުތައް މަދުކޮށް މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރައީސް މުއިއްޒު ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަންގަން ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް