އަމީނީ މަގުގައި ހުންނަ ބީއެމްއެލްގެ ބްރާންޗު. (ދައުރު ފައިލް ފޮޓޯ)

'މާލީ ބަގާވާތު'ގެ މައްސަލާގައި ބީއެމްއެލްއާ ސުވާލުކޮށް ލިޔެކިޔުންތައް ހޯދައިފި

ފުލުހުންގެ ސިޓީގެ ޖަވާބުގައި، ބޭންކުގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އެ ބޭންކުން ފުލުހުންނާ ހިއްސާކޮށްފައިވޭ
2 ސެޕްޓެމްބަރު 2024
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން ނިންމި ނިންމުމާ ދިމާކޮށް، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބާގާވާތެއް ކުރަންް އުޅުނު ކަމަށް ތުހުމަތުކުރާ މައްސަލާގައި މައުލޫމާތު ސާފުކުރަން ބީއެމްއެލްއާ ސުވާލުކޮށް ބައެއް ލިޔެކިޔުންތައް ފުލުހުން ހޯދައިފި އެވެ.

މައްސަލައިގެ ފެށުން - ރުފިޔާ އެކައުންޓްތަކުން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމައި ބީއެމްއެލް އިން މިދިޔަ މަހުގެ 25ގައި އިއުލާން ކުރުމުން ސަރުކާރަށާއި ބޭންކަށް އާންމުންގެ ރުޅިވެރިކަމާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންގުމަށް، ބީއެމްއެލް އިން ވަނީ އެ ދުވަހު އެ ނިންމުން ބަދަލުކޮށްފަ އެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅިގެން ސަރުކާރު ބަދަލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. ރައީސް މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ބޭފުޅުން އެ ދުވަހުގެ ކަންތައްތައް ސިފަކުރެއްވީ ސަރުކާރާ ދެކޮޅަށް ހިންގި "މާލީ ބަގާވާތެއް"ގެ ގޮތުގަ އެވެ.

ވީ ކިހިނެއް؟ - އެ ތަހުގީގާ ގުޅޭ ގޮތުން، އިތުބާރު ހުރި އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، ފުލުހުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް އެދި ބީއެމްއެލްއަށް ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގެ ޖަވާބުގައި، ބޭންކުގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އެ ބޭންކުން ފުލުހުންނާ ހިއްސާކޮށްފައިވާކަން 'ދައުރު'އަށް އެ މަސްދަރުތަކުން ކަަށަވަރުކޮށްދިނެވެ.

ފާހަގަކޮށްލެވޭ - ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި ވަކި ބައެއްގެ ނަން ނުގެނައި ނަމަވެސް ފުލުހުން އެ ދުވަހު ބުނެފައި ވަނީ އެ ނިންމުމާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައްޔިތުންނަށް ނުބައި މައުލޫމާތު ދެމުން ދިޔަ ކަމަށެވެ.

އެގޮތުން:

  • ބީއެމްއެލްގެ ނިންމުން ނިންމާފައިވަނީ އިދިކޮޅާ ބައިވެރިވެގެން ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ތުހުމަތު ކުރައްވާފައި

  • ބީއެމްއެލްގެ ނިންމުން ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އިދިކޮޅު އެމްޑީޕީން

ކޮމެންޓް (1)

ތެފައާސާ.

2 ސެޕްޓެމްބަރު 2024
މާލީ ބަޣާވާތުގައި ބޭންކުގެ ދައުރެއް ނެތްކަން ޔަގީންވަންދެން ބޭންކުން ނަގާފައިހުރި "ލުއި" ލޯނުވެސް ނުދައްކަން މިހުންނަނީ. ބަޣާވާތް ކުރާ ބޭންކަކަށް ފައިސާ ދައްކާތަނުން ބަޣާވާތަށް ފަންޑުކުރާ މީހަކަށް ވެދާނެކަމުގެ ބިރަށް...
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް