އިގްތިސާދު

އިތުބާރު ގެއްލުނީ ރާއްޖޭގެ މުޅި މާލީ ނިޒާމަށް

އިއްޔެ އެ ފެނުނު މަންޒަަރުތަކުގެ ބަދަލުގައި އެއަށް ވުރެ މާ ރަނގަޅަށް، ބީއެމްއެލް އާއި އެމްއެމްއޭ އަދި ސަރުކާރަށް ވެސް އެފަދަ ކަންކަން ކުރެވެން އޮންނާނެ

އިއްޔެ، 25 އޮގަސްޓު 2024 ވީ އާދިއްތަ ދުވަހު، ކަންކަން ހިނގި ގޮތުން، ގެއްލުންވެ ހާނިއްކަވީ ޖުމްލަކޮށް ރާއްޖޭގެ މުޅި މާލީ ނިޒާމަށެވެ. ދިވެހިންނާއި ބިދޭސީ ޑިޕޮސިޓަރުންނާއި އިންވެސްޓަރުން، އަދި އައިއެމްއެފް ފަދަ އިންސްޓިޓިއުޝަންތަކުން ޝައްކުގެ ލޮލަކުން ބަލާނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްއަކަށް ނޫނެވެ. ޖުމްލަކޮށް ރާއްޖޭގެ މާލީ ނިޒާމަށެވެ. ދިވެހި އިގުތިސާދަށެވެ. 

ބައެއް މުހިންމު ސުރުހީތައް ހަނދާންކޮށްލަމާތޯ އެވެ؟ 

  • ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ހިންގާ ޑޮލަރުގެ މުޢާމަލާތްތައް ލިމިޓް ކުރުމުގެ ފިޔަވަޅުތަކެއް އަޅާނޭކަން ސުރުހީތަކަށް މިދިޔަ ހަފްތާއިން ފެށިގެން ދިޔައީ އަރަމުންނެވެ. 

  • ބީއެމްއެލްގެ ތަޖުރިބާކާރު ޚިދުމަތްތެރިޔާ އައިޝަތު ނޫރައްދީން، ކުންފުނީގެ ބޯޑުން ވަކިކުރީ ހޮނިހިރު ދުވަހުގެ އިރު އޮއްސުނު ފަހުުންނެވެ. 

  • ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކަށް ޑޮލަރުގެ މުއާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލިކަމަށް ބީއެމްއެލްއިން އިއުލާންކުރީ އާދީއްތަ ދުވަހު ހެނދުނެވެ. 

  • ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ބީއެމްއެލްއިން އިއްޔެ އަމަލުކުރީ 'ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން އަންގާފައި އޮއްވައި' ކަމަށް މިނިސްޓަރަކު ހާމަކުރެއްވި އެވެ.

  • • އަސުރަށް އިރު ތިރިވި ފަހުން ބީއެމްއެލުން ބުނީ ކާޑުތަކަށް ގެނައި ރެސްޓްރިކްޝަންތައް، މަރުކަޒީ ބޭންކުގެ އިރުޝާދާ އެއްގޮތަށް، އުވާލީ ކަމަށެވެ. 

ރާއްޖޭގައި ޑޮލަރު ލިބުމުގެ ދަތިތަކަން މި ދުވަސްވަރު ވަރަށް ބޮޑު

އެންމެ 24 ގަޑިއިރު ތެރޭގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން، އިތުބާރު ގެއްލުނީ ހަމައެކަނި ބީއެމްއެލްއަކަށް ނޫނެވެ. މުޅި މާލީ ނިޒާމަށެވެ. ބައެއް ސަބަބު ބަޔާން ކުރުމަށް މަސައްކަތް ކުރާނަމެވެ. 

ހ. ރާއްޖޭގެ އެންމެ ބޮޑު އަދި ގައުމީ ބޭންކްގެ އަސާސްތައް ރަނގަޅު ނޫން ކަމަށް ޑިޕޮސިޓަރުންނަށް މިއަދު ޔަގީން ކުރެވިއްޖެ އެވެ. 

ށ. ޑިޕޮސިޓަރުންގެ ފަންޑުތައް ހިމާޔާތްކުރަން ޖެހޭ ހާލުގައި، ބޭންކުގެ މުލައްދަނޑީގައި ހިތްވަރު ހުރެދާނޭކަމާ މެދު ޝައްކު އުފެދިއްޖެ އެވެ.

ނ. ބީއެމްއެލްގެ ބޯޑުގެ ނިންމުން ބަދަލުކުރުމަށް ސީދާ ރައީސް މަސައްކަތް ކުރެއްވިކަން މިނިސްޓަރުން ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ މިނިވަންކަމާ މެދު ސުވާލު އުފެދިއްޖެ އެވެ. 

ރ. ރައީސްގެ އެންގެވުމަށް ތަބާނުވުމުން، މަރުކަޒީ ބޭންކުގެ އިންސްޓްރަކްޝަނަށް ބޭންކުގެ ނިންމުން ބަދަލުކުރިކަން އިއުލާނު ކުރުމުން، މަރުކަޒީ ބޭންކްގެ މިނިވަންކަމާއި، އެ ބޭންކުން އަޅާނޭ ފިޔަވަޅުތަކާ މެދު ރާއްޖެ އާއި ބޭރު ދުނިޔޭގައި ޝައްކު އުފެދުނީ އެވެ. 

އިރުއަރާއި އިރުއޮއްސުމާ ދެމެދު އެވެ.  

އަޅުގަނޑު ޔަގީންކުރާ ގޮތުގައި، މިއަށް ވުރެ ތިއްތިކޮށް މިކަންތައް ކުރެވުނީހެވެ. މި ދަނޑިވަޅުގައި ބީއެމްއެލްއިން ވެސް އަމަލުކުރީ ރާއްޖޭގެ އިގުތިސާދަށް އެންމެ ފަހިކޮށް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ. ބޭންކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، މިއަށް ވުރެ ތިޔާގި ވިސްނުމަކަށް، މި ނާޒުކު ވަގުތުގައި ބޭންކުން ދާން ޖެހޭނެ ކަމަށް އަޅުގަނޑު ވެސް ދެކެމެވެ. 

ބޯޑު ޑިރެކްޓަރު ވަކިކުރުމުން ވެސް، ބޭންކް ގޮތް ދޫނުކުރުމުން، ސަރުކާރުން ކަންތައް ކުރީ ވެސް ރަނގަޅަށް ކަމކަަށް އަޅުގަނޑު ނުދެކެމެވެ. ރާއްޖޭގެ މާލީ ވަޒީރާ އެކުގައި ހަތަރު ވަޒީރުން ނޫސްވެރިންގެ ބައްދަލުވުމަށް އަރައި، ބީއެމްއެލްގެ އަތް އަނބުރާލަން އުޅުއްވި ކަމަށް ބުނުން ރީއްޗެއް ނޫނެވެ. އަދި އަމުދުން ރާއްޖޭގެ މައި ބޭންކްގެ ނިންމުންތައް ބަދަލުކުރަން ސީދާ ރައީސް މަސައްކަތް ކުރެއްވި ކަމަށް، ޕްރެސް ކޮންފަރެންސެއްގައި އެއްވެސް ހާލަތެއްގައި ދައުލަތުގެ ވަޒީރަކު ވިދާޅުވުމަކީ 'އައްޗި' ކަމެކެވެ. 

ސަރުކާރާ ވަކިން މިނިވަންކޮށް ހިންގަން 1 ޖުލައި 1981ގައި، އުފެއްދި މަރުކަޒީ ބޭންކް އެމްއޭއޭއިން ކަންތައް ކުރީ ވެސް ރަނގަޅަށް ކަމަށް ދެންނެވޭކަށް ނެތެވެ. ބީއެމްއެލް ބޯޑުގެ ނިންމުމެއް ރައީސް ބޭނުންފުޅުވާ ގޮތަށް، ބަދަލުކުރަން އެމްއެމްއޭގެ އިންސްޓްރަކްޝަނެއް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރަސްމީކޮށް ބީއެމްއެލަށް ފޮނުވުމުން، މަރުކަޒީ ބޭންކްގެ މިނިވަންކަމާ މެދު ސުވާލު އުފެދުނީ އެވެ. އެއަށް ވުރެ އޮމާންކޮށް ވެސް މަގުސަދު ހާސިލު ކުރެވުނީހެވެ.

ރާއްޖެ މިއަދު މިވަނީ އިގުތިސާދީ ކޮޅިގަނޑެއްގައި ޖެހިފައިކަން، ހޭލައި ތިބި ދިވެހިންނާއި ބޭރުގެ އިންވެސްޓަރުން ދަނެ އެވެ. އަޅުގަނޑުމެން ކަންތައް ކުރާނީ ކިހިނަކުންތޯ އެންމެން ތިބީ ބަލާށެވެ. ދިވެހި ނޫސްތަކުގެ ހުރިހާ ސުރުހީތައް، އިނގިރޭސި އާއި، ފޮންނައްކާ ބަހަށް ބަދަލުކޮށް، ދުނިޔޭގެ ހުރިހާ ގައުމެއްގައި  މިވަގުތު ދަނީ އާންމުކުރަމުންނެވެ. 

ބީއެމްއެލް އާއި ސަރުކާރު އަދި މަރުކަޒީ ބޭންކުން ވެސް، ދުނިޔޭގެ އެންމެން ކުރިމަތީގައި އުނުހުރި އަންނައުނު ނުބާލާ ވެސް، މަންޒިލު އަތުވާނޭ އެތައް މަގެއް ކޮށުނީހެވެ. 

އެޑިޓަރުގެ ނޯޓް:

އިބްރާހިމް އާތިފް ޝަކޫރަކީ ރާއްޖޭގެ އިގުތިސާދީ މައްސަލަތަކާ މެދު އާންމުން ހޭލުންތެރިކުރުވަން ވަަރަށް ބޮޑަށް މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. އެކަމަށްޓަކައި މި ފަހުން އޭނާ އިސްވެ ހުންނަވައި ޓީވީ ޕްރޮގްރާމްތަކެއް ވެސް އުފެއްދެވި އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި މީޑިއާތަކަށް ދޭތެރެ ދޭތެރެއިން ލިއުއްވަމުން ގެންދަވަ އެވެ. އާތިފް ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް (4)

ނޮޓް އަ މާހިރު

26 އޯގަސްޓު 2024
ރަނގަޅަށް ކުރެވުނީ ހީ ކޮންގޮތަކުން ކަން ވިދާޅުވިދެއްވި ނަމައެވެ. އަޅުގަނޑު އާންމު މީހާއަށް ވެސް އެކި މުއައްސަސާތަކުން ކަންތައް ކުރީ ރަނގަޅަށް ނޫންކަން އެނގެއެވެ.
0 1

ފިނރުޓޭ

26 އޯގަސްޓު 2024
މަ ބުނީ ބީޔެމްޔެލް ގެ ހިސާބުންތަކުން ހާދަހާ ބައިވަރު ޑޮލަރުގެ ސޭވިންގ ޑިޕޮސިޓް އެބަހުުއްޓޭ ޑޮލަރު ނެތޭ ކިޔާ ނަގާ އިރުގަ!
1 0

ސިޔާސީ

26 އޯގަސްޓު 2024
ސަރުކާރާ ވަރަށް އިދިކޮޅު ލިޔުމެއް، ޙަޖަމް ކުރަން އުނދަގޫ ދެއްތޯ؟
2 1

ޢައްޔަ

26 އޯގަސްޓު 2024
އާތިފު މި އުޅޭ މީހުންނަށް ކުރު ދޮށިން ދީފި
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް