ޓްރީޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅަށް ކުރިއަށް ގެންދިޔަ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕްގެ ތެރެއިން(ފޮޓޯ/ޓްރީޓޮޕް)
ޓްރީ ޓޮޕުން މި ހަފްތާ ބަންދުގައި ތިނަދޫގައި ހެލްތު ކޭމްޕެއް
ޓްރީ ޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫގައި މަލްޓި-ސްޕެޝިއަލިޓީ ހެލްތު ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ ރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން އެ ހަރަކާތް ކުރިއަށް ގެންދާނީ މި ހަފްތާ ބަންދުގަ އެވެ.
އެ ކޭމްޕުގައި ޓްރީޓޮޕުގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.
ތަފްސީލް - އެ ކޭމްޕާ ގުޅޭ ގޮތުން ޓްރީ ޓޮޕް ހޮޮސްޕިޓަލުން މިއަދު ބުނީ، ހެލްތު ކޭމްޕުގައި ފަރުވާ ދޭނެ ދާއިރާތަކުގެ ތެރޭގައި:
-
ކަށީގެ ބަލިތައް
-
ކަރުންމަތީގެ ބަލިތައް
-
ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް
-
ހުޅުހުޅުގައި ރިއްސުން
-
ހިތުގެ ބަލިތައް
-
ގޮހޮރުގެ ބަލިތައް
-
ވައިހެދުމުގެ މައްސަލަތައް
-
އަންހެނުންގެ ހާއްސަ ބަލިތައް
ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ މިފަދަ ހެލްތު ކޭމްޕުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން، މިދިޔަ މަހު ގއ. ވިލިނގިލީގައި ވެސް ހެލްތު ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ. އެ ކޭމްޕުގައި އެ އަތޮޅުގެ އެކި ރަށްރަށުން 300އަށް ވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދެއްކި އެވެ.
މިކޭމްޕްތަކުގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާ އެކު، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިނަދޫ މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕުގައި ބައިވެރިވާނެ ޑޮކްޓަރުން:
-
ޑރ. މުހައްމަދު ހަބީބް: ކަށީގެ ހާއްސަ ބަލިތަކާއި ޓްރޯމާ ސާޖަރީ
-
ޑރ. އަލީ މުޒްނީ: ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ
-
ޑރ. އަހުމަދު އާޒިމް އަބްދުލް ޝަކޫރު: ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ ކޮންސަލްޓަންޓް
-
ޑރ. ރާޖޭޝް އަރްވިންދް ވާލަން: ކަރުން މަތީގެ ހާއްސަ ބަލިތައް
-
ޑރ. ޝިރްމީން މުހައްމަދު: އަންހެނުންގެ ހާއްސަ ބަލިތައް
-
ޑރ. މެހްމުތް އޮޑާ: ކުޑަކަމުދާ ނިޒާމުގެ ބަލިތައް
-
ޑރ. އަބްދުލް އަޒީޒް އަހްމަދު ހިތުގެ ހާއްސަ ބަލިތައް (އިންޓަވެންޝަނަލް ކާޑިއޮލޮޖީ)
-
ޑރ. ޑިއެގޯ އެލެޖެންރޯ ބުލްޖެރިއޯނިއޯ: އެތެރެހަށީގެ ހާއްސަ ބަލިތައް
ބުނީ ކީކޭ؟ - ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްވެ، ލުއި ފަސޭހަކަމާ އެކު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.