ރައީސް މުހައްމަދު މުއިއްޒު މިރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

ވިޔަފާރިތަކަށް ލިބޭ ޑޮލަރު ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރާނަން: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ބައެއް މީހުން ރުޅި އަންނާނެ ފަދަ ނިންމުމަކަށް ވިޔަސް އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް

ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބޭރު ފައިސާއިން ނުވަތަ ޑޮލަރުން އަމްދަނީ ލިބޭ ކުންފުނިތަކުން ބްލެކް މާކެޓްގައި އެ ފައިސާ މާރުކުރުން ހުއްޓުވައި، ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭގެ ގަވައިދުތައް ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ މިރޭ ޕީއެންސީގެ ރަސްމީ ހަރުގޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން އަޅަން އިއްޔެ ކެބިނެޓުން ނިންމި ބައެއް ނިންމުންތަކުގެ ތަފްސީލު ދެއްވަމުންނެވެ.

އެ ނިންމުންތަކާ ގުޅޭ ބައެއް ކަންކަން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާއިރު، ރައީސް ވިދާޅުވި ގޮތުގައި ޑޮލަރު މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭގެ ބައެއް ގަވައިދުތަކަށް ބަދަލު ގެންނަން އެ އިދާރާއަށް މިހާރު ލަފާދެއްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުން އިސްލާހުކުރަން ނިންމި ގަވައިދުތަކުގެ ތެރޭގައި ހިމެނެނީ:

  • އެމްއެމްއޭގެ މަނިޓަރީ ގަވައިދު

  • މަނީ ޗެންޖާސް ގަވައިދު

  • ފޮރިން ޑައިރެކްޓް އިންވެސްމަންޓް ގަވައިދު

  • ބިޒްނެސް ޕްރޮފިޓް ޓެކްސް ގަވައިދު

 ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ރާއްޖޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ވިޔަފާރިތައް އެބަ ހިންގާ. މަނީ ޗޭންޖާސް ރެގިއުލޭޝަންއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ ފައިސާ ބްލެކް މާކެޓްގައި މި މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް، ބޭންކަށް މާރުކުރުން މަޖުބޫރުވާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން (ފޮޓޯ/ ޕީއެންސީ)

ތަފްސީލު - ރައީސް ވިދާޅުވީ އެމްއެމްއޭގެ ގަވައިދުތަކަށް މި ގެންނަ އިސްލާހުތަކުގެ ސަބަބުން "ވަރަށް ގިނަ މީހުން ރުޅި އަތުވެދާނެ" ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ "ރައްޔިތުންގެ ފަޅީގައި" ކަމަށް ވިދާޅުވި އެވެ.

އިތުރަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ:

  • ފޮރިން ޑައިރެކްޓް އިންވެސްމަންޓްތަކުން ލިބޭ ނަފާ ރާއްޖޭގެ ބޭންކްތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ގެންނަ އިސްލާހުތައް

  • އޭގެ ސަބަބުން ރާއްޖޭގައި ގިނަ ދުވަސް ވަންދެން ޑޮލަރު ހިފެހެއްޓޭނެ

ރައީސް ވިދާޅުވި ގޮތުގައި މި ނިންމުންތަކުގެ ފައިދާކުރަން ވަގުތު ނަގާނެ އެވެ. މިކަންކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"ގިނައިން ބޭރު މީހުން މަނީ އެކްސްޗޭންޖްތައް ހިންގަނީ ވެސް. މި ތަންތަނުން މި ދެންނެވި ބަދަލުތައް ގެނައިމަ، ބޭންކުން އިއުލާންކުރާ ބޭންޑުތަކަށް ވުރެ މަތިން ޑޮލަރު މާރުކުރަން އުޅޭ ނަމަ، ރައްޔިތުން އެތަންތަނަށް ނުދިޔައިމަ ނިމުނީ. އެއަށް ވުރެ މާ ރަނގަޅަށް ރެގިއުލޭޓް ވެގެން އޭރަށް ޑޮލަރު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ، ހުރިހާ އެންމެންގެ އެއްބާރުލުން ލިބޭ ނަމަ، އެންމެން އެކަކު އަނެއްކަކަށް ކޮށްދޭ ކަމެއް މިއީ. ވިޔަފާރިވެރިންނާއި އާންމު ފަރާތްތަކުގެ އެއްބާރުލުން ދޭކަމުގައިވާ ނަމަ، ޑޮލަރުގެ ބެލެކް މާކެޓް ވަރަށް ބޮޑު ތަނުން ހަމައަކަށް އެޅުވި، ޑޮލަރު ރޭޓް ހިފަހެއްޓި، ކުޑަކުރެވި، ބޭންކް ތެރޭގައި ޑޮލަރުގެ ރިޒާވް ގިނަކުރެވި، ކަންތައްތަކެއް ވާނެ."

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

ކެބިނެޓްގެ ބައްދަލުވުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ނިންމުންތައް ވެސް ރައީސް މިރޭ ތަކުރާރުކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކާއި އިމްޕޯޓް ޑިއުޓީ ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ހެދުން

  • ޑޮލަރުން މުސާރަ ދޭ މުވައްޒަފުންގެ ޕެންޝަން ފައިސާ ވެސް ޑޮލަރުން ޖަމާކުރާ ގޮތަށް ހެދުން

"މިއީ ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކަށް [އަޅާ ފިޔަވަޅުތައް]. އާންމު ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެ. ޑޮލަރުގެ އާމްދަނީ ލިބޭ، ޑޮލަރުން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ލިބޭ ފަސޭހައެއް އެއީ. މާކެޓަށް ގޮސް ބޮޑު ރޭޓުން މާރުކޮށް ރުފިޔާ ހޯދައިގެން ދައްކަން ޖެހޭ ދެއްކުމަށް ވެސް ފަސޭހަވާނެ،" ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - މިރޭގެ ޖަލްސާގައި ރައީސް ވަނީ ބީއެމްއެލްއިން ރުފިޔާ ކާޑުން ޑޮލަރުން  ނުކެނޑޭ ގޮތަށް އިއްޔެ ހެނދުނު ނިންމައި، އެއާ އެކު ހިނގައިދިޔަ ކަންކަމަކީ 'މާލީ ބަގާވާތެއް' ކަމަށް ސިފަކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި "ހަމަ ބުއްދިން ވިސްނާލި ކޮންމެ މީހަކަށް ވެސް އެއީ ގެންނަން އުޅުނު ބަގާވާތެއްކަން އެނގެނޭ" އެވެ.

ކޮމެންޓް (2)

ސިކުނޑި

27 އޯގަސްޓު 2024
ކޮންމެ މީހަކުވެސް އަމިއްލަޔަށް ޑޮލަރުގައި ހިފަހައްޓައިގެން އޮންނަންވީ! އޭރުން މައްޗަކަށް ނާރާނެ!! ވާނުވާ އެނގޭ ހަމައެކަކުވެސް މި ސަރުކާރުގައި ނެތީތަ؟ ގައުމުގެ މުސްތަގު ބަލަށްޓަކައިވެސް ޔާމީނުގެ ލަފާހޯދަން މުއީޒަށް މަޖުބޫރު! އަހަރެއް ވަންދެން އަހަރުމެން މިތިބީ ބަލަން!
3 1

ސުޖޭ

26 އޯގަސްޓު 2024
ތިގޮތަށް ބުލެކް މާކެޓުން އެންމެނގަދަޔަށް ޑޮލަރު މާރު ކުރަނީ ރިސޯޓްތަކުން އެމީހުން ސަޕްލަޔަރުންނަށް ޕޭކުރަންބޭނުންވާ ދިވެހި ފައިސާ ހޯދަނީ ބޮޑު އަގުގައި ބުލެކް މާކެޓްގައި ޑޮލަރު ވިއްކައިގެން، ސުވާލަކީ ރިސޯޓް އޯނަރުން ތިކަން ވިޔަ ދޭނެހޭ؟؟ ލެޓްސް ސީ
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް