ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް. (ފޮޓޯ/ ހެލްތު މިނިސްޓްރީ)

މަންކީޕޮކްސް

އެމްޕޮކްސް ކަމަށް ހީކޮށް 2 ކޭސް ރިޕޯޓު ކުރި؛ ޕޮޒިޓިވްވީ ފާނަބަސަންދަށް

މިހާތަނަށް އައިއިރު އެމްޕޮކްސްގެ އަލާމާތް ހުރި މީހަކު ވެސް ރާއްޖެއިން ފެނިފާ ނުވާކަމަށާއި އަދި ރާއްޖެ އެތެރެވެފައި ވެސް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި
22 އޯގަސްޓު 2024

ރާއްޖެއިން އެމްޕޮކްސް ފެނުނު ކަމަށް ޝައްކު ކުރެވިގެން ކަމާބެހޭ އިދާރާތަކަށް ދެ ކޭސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ދެ ކޭސް ވެސް ޕޮޒިޓިވްވެފައި ވަނީ ފާނަބަސަންދަށް (ޗިކަންޕޮކްސް އަށް) ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - އެމްޕޮކްސް އަކީ ޕަބްލިކް ހެލްތު އިމަޖެންސީއެއް ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗް އިން ވަނީ މި މަހު އިއުލާނުކޮށްފަ އެވެ.

އެ ބަލި ފެތުރެން ފެށީ ކޮންގޯގަ އެވެ. އެ އިންފެކްޝަން އަވައްޓެރި ގައުމުތަކަށް ފެތުރި، މި ހަފްތާގައި ތައިލެންޑުން ވެސް ވަނީ އެބަލީގެ ކޭސްއެއް ފެނިފަ އެވެ.

އެމްޕޮކްސް

ވީ ކިހިނެއް؟ - އޭޝިއާގެ ގައުމުތަކުގައި އެމްޕޮކްސް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން އެމްޕޮކްސް ފެނިފައިވާކަމުގެ އަޑުތަކެއް މިއަދު ވަނީ އަރާފަ އެވެ. ނަމަވެސް، އެކަން ހެލްތު މިނިސްޓަރު ދޮގު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިހާ ހިސާބަށް އައި އިރު އެކަހަލަ [އެމްޕޮކްސްގެ] ކޭހެއް ފެނިފައެއް ނެތް،" ތިން ވުޒާރާއެއް ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަލީލް ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް ރިޕޯޓު ކުރި ދެ ކޭހެއް އަޅުގަނޑުމެން ޓެސްޓު ކޮށްފިން. [އެ ދެ ކޭސް] އެއީ ޗިކަންޕޮކްސް."

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި:

  • އެމްޕޮކްސް އަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން

  • މިހާތަނަށް އައި އިރު އެބަލީގެ އަލާމާތް ހުރި މީހެއް ރާއްޖެއިން ފެނިފައެއް ނުވޭ އަދި ރާއްޖެއަށް އިމްޕޯޓުވެފަ އެއްވެސް ނުވޭ

ފާހަގަކޮށްލެވޭ - ޑަބްލިއުއެޗްއޯ އިން އެމްޕޮކްސްގެ ސިއްހީ ކުއްލި ނުރައްކަލެއް އިއުލާނު ކުރުމުން ރާއްޖޭގައި އެ ބަލި ފެތުރިދާނެތޯ ބެލުމަށް ރިސްކު އެސެސްމެންޓެއް ހަދަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް