އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗް

އައިޖީއެމްއެޗް ބޮޑުނުކޮށް ހިދުމަތް ރަނގަޅެއް ނުކުރެވޭނެ: ސީއީއޯ

އައިޖީއެމްއެޗުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރަން އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް
21 އޯގަސްޓު 2024
1

އައިޖީއެމްއެޗް އިން ދޭ ހިދުމަތްތަކުގެ ފެންވަރު، އެ ހޮސްޕިޓަލު ބޮޑުކޮށް ޖާގަ އިތުރުކޮށްގެން ނޫނީ ރަނގަޅު ނުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުވެ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ "ބެޑް ކެޕޭސިޓީ" ދަށްވުން ކަމަށެވެ.

ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ އައިޖީއެމްއެޗުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރަން އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން 32 ސްޕެޝަލައިޒް ދާއިރާއިން ފަރުވާދެމުން ދާއިރު ހޮސްޕިޓަލަށް އެންމެ އެކަށީގެންވާ މިންވަރަށް އެނދު އިތުރުކުރެވިފައި ނުވުމަކީ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އައިޖީއެމްއެޗް ހުޅުވިއިރު [1995]ގައި ހޮސްޕިޓަލްގެ ހުރީ 186 އެނދު. މި އެނދުގެ އަދަދު މި ހައިލައިޓްކޮށްލަނީ އިންޕޭޝަންޓް، އެޑްމިޓްކޮށްގެން ފަރުވާދޭ އެނދުތައް، މީގެ ތެރޭގައި އެމެޖެންސީ ރޫމް އަދި އައިސީޔޫގައި ހުންނަ އެނދުތަކެއް ނުގުނަން. 2024އާ ހަމައަށް އައިއިރު އަޅުގަނޑުމެންގެ މި ހުރިހާ ހޮސްޕިޓަލެއްގައި 316 އެނދު ގާއިމްކޮށްފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.

"ހަގީގަތަކީ ހޮސްޕިޓަލް ތަރައްގީވެ ހޮސްޕިޓަލްގެ ޑޮކްޓަރުން ތަރައްގީވެ މުވައްޒަފުން އިތުރަށް ހޯދާ ސްޕެޝަލައިޒްޑް ހިދުމަތްތައް ތައާރަފްކޮށްގެން ދާއިރު މި ކޮންމެ ހިދުމަތަކާ އެކު އަޅުގަނޑުމެންނަށް އެޑްމިޓްކޮށްގެން ފަރުވާދޭއިރު އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް އެނދު އިތުރުނުކުރެވުމަކީ އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއް ދިމާވެގެން މިދަނީ."

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލާ ގުޅިގެން އެންމެ ގިނައިން އާންމުންގެ ޝަކުވާ އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމަށްވާ އެޕޮއިންޓްމަންޓް ނުލިބުމުގެ މައްސަލަ ހައްލުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ޕައިލެޓް ޕްރޮޖެކްޓެއް ފަށައިގެން މިހާރު ކުރިއަށް ގެންދާ ކަމަށާއި އެއިން ދުރާލާ އެޕޮއިންޓްމަންޓް ހެއްދޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިކަން އަވަސްކުރާ މިންވަރަށް އެ މިންވަރަށް އެނދު ނެތީމަ އަޅުގަނޑުމެންނަށް އަނެއްކާ އަނެއް ގޮންޖެހުންތައް ކުރިމަތިވެގެންދާނެ،" އިބްރާހިމް އަބްދުލް ރައްޒާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އެމަޖެންސީ ރޫމްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ އެޑްމިޓްކޮށްގެން ފަރުވާދޭ ތަނެއް ނޫން ކަމަށާއި އެނދު ނުލިބިގެން އެތަނުގައި ބަލިމީހުން ބައިތިއްބަން ޖެހެނީ ކަމަށް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ހޮސްޕިޓަލް ބާވެއްޖެ، އާ އިމާރާތެއް ބޭނުންވޭ"

އިބްރާހީމް އަބްދުލް ރައްޒާގު ވިދާޅުވީ އައިޖީއެމްއެޗް އިމާރާތް މިހާރު ވަރަށް ބާވެފައިވާ ކަމަށާއި ހޮސްޕިޓަލުގެ ބައެއް ވޯޑުތައް ބަލިމީހުން ބައިތިއްބަން އެކަށީގެން ވެސް ނުވާ ކަމަށެވެ.

"އައިޖީއެމްއެޗް ވަރަށް ދުވަސްވެއްޖެ، ވަރަށް ބާވެފައި، އައިޖީއެމްއެޗް އަޕްގްރޭޑްކުރަން އެބަ ޖެހޭ. އައިޖީއެމްޗް އަޕްގްރޭޑްކުރެވެން މިއޮތީ އެހެން ވަސީލަތެއް، މާނައަކީ އެނދު އިތުރުކުރެވޭނެ އެހެން ވަސީލަތެއް ގާއިމްކުރެވިގެން،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހުރި ބިމުގައި އޮތް ހުސް ތަނުގައި އަޅާ ކެންސަރު ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާގެ އިތުުރުން އަންހެނުންނާއި ކުޑަކުދިންނަށް ހާއްސް ހިދުމަތްތަކެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ވިދާޅުވީ އެ ހޮސްޕިޓަލް ހަދާ ނިމޭއިރު އައިޖީއެމްއެޗާއި ދަރުމަވަންތަ ވެސް ހިމެނޭހެން އެނދުގެ އަދަދު 650 އަށް އިތުރުވާނެ ކަމަށެވެ. އެތަން ނިމުމުން އައިޖީއެމްއެޗުގެ ވޯޑު މިހާރު ހުރި ސަރަހައްދުގައި އިތުރު އިމާރާތެއް އަޅައި ދަރުމަވަންތައާ ގުޅާލަން ވިސްނާ ކަމަށް ވެސް ވިދާޅުވި އެވެ.

"ފާއިތުވެދިޔަ އަހަރުތަކުގައި ހޮސްޕިޓަލް މެއިންޓެއިން އަދި ރިޕެއާ މަސައްކަތްތައް ނުކުރެވި ހުރީމަ މުޅި ތަނުގައި ކޮންޑެންސޭޝަން މައްސަލަތަކާއި ވޯޓާ ލީކޭޖް މައްސަލަ އާއި ފަންގަސްގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނީ. މީގެ ސަބަބުން ބައެއް ރޫމްތައް ބޭނުންނުކުރެވޭ، ރޫމް ލިބުމުގައި ބޮޑެތި ދަތިތަކެއް ވެސް މި އަންނަނީ ރޫމްތަކުގެ ކޮންޑިޝަން ރަނގަޅު ނޫންވީމަ. އަޅުގަނޑުމެންނަށް ކުޑަކުދިންނާއި ބަލިމީހުން އެތަންތަނުގައި ބެހެއްޓުމަކީ އިތުރަށް ތަކުލީފްތަކެއް ކުރިމަތިވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭގެ ކުރިން މިއަހަރުގެ ތެރޭގައި އިތުރު 70 ވަރަކަށް އެނދު އައިޖީއެމްއެޗަށް ގެންނަން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އެކަމާ ގުޅޭ ގޮތުން ވިދާޅުވީ:

  • ބޭނުންވާ ކުރެހުންތައް ނިމިފައި

  • އަމަލީ މަސައްކަތް މި މަހު ނުވަތަ އަންނަ މަހު ފަށާނެ

  • އެ އެނދުތައް ބަހައްޓާނީ އޮޕަރޭޝަން ތިއޭޓަރު ހުރި ކޮމްޕްލެކްސްގައި

  • އޭސީކޮށް ރަނގަޅު ފެންވަރެއްގެ ވޯޑުތަކެއް ހަދަންވަނީ ނިންމާފައި

ހުޅުމާލޭ ހޮސްޕިޓަލުގެ ވެސް ބެޑް ކެޕޭސިޓީ އިތުރުކުރަން އަންނަ އަހަރު ކުރީކޮޅު ޕްރޮޖެކްޓެއް ފަށަން ވަނީ ނިންމައިފަ އެވެ. ކުރިއަށް އޮތް ތަނުގައި 15 ބުރީގެ އެކްސްޓެންޝަން ބިލްޑިންއެއް 250 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލެ ހޮސްޕިޓަލް ބިމުގައި އަޅަން ނިންމާފައިވާ ކަމަށް ވެސް އިބްރާހީމް އަބްދުލް ރައްޒާގް ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

ވާނުވާ

22 އޯގަސްޓު 2024
ކިހާ ވަރަކަށް ބޮޑު ކުރީމަތޯ ޙިދުމަތް ރަގަޅުވާނީ..މިހާަރު އަޅާފަހުރި އެ ކުޑަ އިމާރާތުގަ މަސައްކަތް ނުކުރެވެނީ ތޯ

އިތުރު އާޓިކަލް

އިތުރު އާޓިކަލް