ޑރ. އަލީ ލަތީފް، ކޮވިޑް ދުވަސްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި.

އޭސީސީ

ޑރ. އަލީ ލަތީފް ޓެކްސްއަށް މަކަރު ހެދި ކަމަށް ވެސް ތުހުމަތުކުރެވޭތީ ތަހުގީގު ކުރަން ފޮނުވައިފި

އޭނާގެ މައްސަލަ މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ވެސް އޭސީސީން ވަނީ ގެނެސްފައި

އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ކުރީގެ ޗެއާ ޑރ. އަލީ ލަތީފް ޓެކްސްއަށް މަކަރު ހެދިކަމުގެ ތުހުމަތުގައި، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީރާގައި މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮވިޑްގެ ދުވަސްވަރު ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލެއްގެ ތަހުގީގު ނިންމައި، އަލީ ލަތީފް ހިމެނޭ ގޮތަށް، އައީޖީއެމްއެޗްގެ ކުރީގެ އިސް ތިން ވެރިއަކަށް ދައުވާ ކުރަން ފޮނުވުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އޭސީސީން ވަނީ މިކަން ހާމަކޮށްފަ އެވެ.

ތަފްސީލު - އޭސީސީން ބުނީ އަލީ ލަތީފް މީރާއަށް ހުށަހަޅާފައިވާ ޓެކްސްއާ ގުޅޭ  ލިޔެކިޔުންތަކަށް ބަލާއިރު ޓެކްސްއަށް މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގުގެ ހޯދުންތަކުން ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އިތުރަށް ތަހުގީގުކޮށްދިނުމަށް މީރާއަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަލީ ލަތީފް ޓެކްސްއަށް މަކަރު ހެދި ކަމަށް ބުނާ މައްސަލައިގެ އިތުރު ތަފްސީލެއް އޭސީސީގެ ބަޔާނުގައި ދީފައެއް ނުވެ އެވެ.

ކޮރަޕްޝަންގެ މައްސަލައިގައި އަލީ ލަތީފްގެ އިތުރުން، ދައުވާ ކުރަން ޕީޖީއަށް ފޮނުވި މީހުންނަކީ:

  • އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ)

  • އައިޖީއެމްއެޗްގެ ލެބޯޓަރީގެ އޭރުގެ ވެރިޔާ ޑރ. މިލްޒާ އަބްދުލްމުހުސިން، ގަހާކޯޅި، ގދ. ތިނަދޫ

ފާހަގަކުރެވޭ - އޭސީސީން ބުނީ އަލީ ލަތީފް އާއި މިލްޒާއާ ގުޅޭ ގޮތުން ތަހުގީގަށް ފާހަގަ ކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެ ކައުންސިލުން އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅެއް އަޅަން ޖެހޭ ކަމުގައިވާ ނަމަ، އެ ފިޔަވަޅެއް އެޅުމަށް ފަހު ކޮމިޝަންއާ ހިއްސާ ކުރުމަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިއްމު - މެޑިކަލް ކައުންސިލަކީ ޑޮކްޓަރުންގެ ރެގިއުލޭޓަރީ ބޮޑީ އެވެ. ޑޮކްޓަރުންނަށް ލައިސެންސް ދިނުމާއި ހިފެހެއްޓުމާއި ބާތިލް ކުރުން ފަަދަ ފިޔަވަޅުތައް އަޅާ އިދާރާއަކީ އެއީ އެވެ.

ކޮމެންޓް (1)

ތެފައާސާ.

21 އޯގަސްޓު 2024
ޓެކުހަށް މަކަރު ހެދުމަކީ ޖިނާއީ ކުށެއް. މީރާ އުފެދިގެން ސާދަ ފަނަރަ އަހަރު ވެގެންދާއިރު ޓެކުހަށް މަކަރު ހަދައިގެން ސަކްސެސްފުލް އެންމެ ކޮންވިކްޝަނެއްވެސް ކޯޓަކުން އަދި ނުނިންމާާ. ދައުލަތުގެ އާމްދަނީ އިތުރުކުރަން އެންމެ ފުރަތަމަ މިކަހަލަ ބާގަނޑުތައް ބައްދަން އުޅެންވީނު، އޭގެ ފަހުން ގަރުދިޔައާއި ބަތަށް ތިރިވާން؟؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް