ޑރ. އަލީ ލަތީފް އަދި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ): އެ ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައި

ކޮރަޕްޝަން

ކޮވިޑާ ގުޅޭ ކޮރަޕްޝަނެއްގައި އަލީ ލަތީފާއި ސަލީމްގެ މައްޗަށް ދައުވާ ކުރަން އެދިއްޖެ

އެ މައްސަލައިގައި އައިޖީއެމްއެޗްގެ ލެބޯޓަރީގެ އޭރުގެ ވެރިޔާ ޑރ.މިލްޒާ އަބްދުލްމުހުސިންގެ މައްޗަށް ވެސް ދައުވާކޮށްދޭން އޭސީސީން ވަނީ އެދިފައި

ކޮވިޑް-19ގެ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" ނުވަތަ ކެމިކަލް ހޯދަން އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދީފައިވާތީ ޑރ. އަލީ އަބްދުﷲ ލަތީފާއި އައިީޖީއެމްއެޗްގެ އޭރުގެ ސީއީއޯގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. 

ވީ ކިހިނެއް؟ - އޭސީސީން މިއަދު ބުނީ ކޮވިޑް ޓެސްޓް ހެދުމަށް ބޭނުންވާ ރީއެޖެންޓްސް ހޯދުމަށް ކޮވިޑުގެ ދުވަސްވަރު ހަވާލުކުރި އާރުއެމްއެލްއެސް ލެބް ސާވިސަސް ކުންފުންޏަކީ އަލީ ލަތީފުގެ މަސްލަހަތު އޮތް ވިޔަފާރިއެއް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އޭރު އަލީ ލަތީފަކީ އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން އަދި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމުގެ ހުންނެވި ފަރާތެއް ކަމަށް ވެސް އޭސީސީން ފާހަގަކުރި އެވެ. 

އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުންޏަށް ކެމިކަލް ސަޕްލައިކުރުމަށް ހަވާލުކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމަށް ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ތަފްސީލް - އަލީ ލަތީފްގެ އިތުރުން އެ މައްސަލައިގައި އޭސީސީން ދައުވާކޮށް ދިނުމަށް ދެން އެދުނު ފަރާތްތަކަކީ: 

  • 1-

    އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް (ކުޑަ ބަންދޭ)، މއ.ބަންދުގެ 

  • 2-

    އައިޖީއެމްއެޗްގެ ލެބޯޓަރީގެ އޭރުގެ ވެރިޔާ ޑރ.މިލްޒާ އަބްދުލްމުހުސިން، ގަހާކޯޅި، ގދ.ތިނަދޫ

"އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހެޅީ،... ގާނޫނުލްއުގޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގަ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ. 

އެނގުން މުހިންމު - ގާނޫނުލްއުގޫބާތުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަކީ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެގޮތުން:

  • އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަސާސީ މިންގަނޑުން 1 އަހަރާއި 7 މަސް ދުވަހުގެ ހުކުމެއް އަންނާނެ 

  • އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުން

ފާހަގަކޮށްލެވޭ - މީގެ އިތުރަށް އޭސީސީން ބުނީ އަލީ ލަތީފުގެ މަސްލަހަތު އޮތް އާރުއެމްއެލްއެސް ކުންފުނިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ ވަކި މައްސަލައެއްގެ ގޮތުގައި އެ ކުންފުންޏާއި އަލީ ލަތީފުގެ މައްޗަށް މަނީލޯންޑަރިންގެ ތަހުގީގެއް ހިންގައިދޭން ފުލުހަށް މިހާރު ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުންޏެވެ. 

ގުޅުންހުރި - ކޮވިޑުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ނަމަކަށް ކިޔާ ކުންފުންޏަކަށް 30 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާ މައްސަލަ ވެސް އޭސީސީން ތަހުގީގުކޮށް އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތުގެ ވެރިންތަކެއްގެ މައްސަލަ ޕީޖީއަށް މީގެ ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީ ނިންމާ މައްސަަލަ ވަނީ ފައިލްކޮށްފަ އެވެ. 

އެ މައްސަލައިގައި ސަރުކާރުން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހެޅުމުން ނިންމާފައި ވަނީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް އެ ކުންފުނިން ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން އަދިވެސް ނުހޯދެ އެވެ. 

ކޮމެންޓް (2)

ފާފު

20 އޯގަސްޓު 2024
ތިރީސް މިލިއަންވެސް ނުފެނުނު، ވެންޓިލޭޓަރުތައްވެސް ނުފެނުނު، ހެއްކެއް ވެސް ނުފެނުނު. އަލީ ލަތީފަކީވެސް ހަމަ ހުދު ކަފަކޮޅެއް. މިވާ ރާއްޖެ އެއް.
1 0

ހުވަދޫ އަހައްމަދޭ

20 އޯގަސްޓު 2024
ނުވާނެ ސާބިތެއް. މިހާރުވެސް އޮންނާނީ މުއިއްޒު ނޫމަޑިއާ ހެދި ކަހަލަ ޑީލެއް ހަދައިގެން ސަލާމަތް ވާނެ ކޮޅު ހޯދާފަ،
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް