ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން އާންމުންގެ މީހަކު (ވ) ރޭންޑޮމް ސާމްޕަލް ނެގުމަށްޓަކައި މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓެއް ދައްކާލަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މަސްތުވާތަކެތީގެ ފަރުވާއަށް އިތުރު 30 މިލިއަން ބަޖެޓުގައި ހިމަނަނީ

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާނީ އެންޑީއޭ އިން؛ އެ ތަނުގެ ބަޖެޓުގެ ގޮތުގައި މި އަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާ
17 އޯގަސްޓު 2024

މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެންނަން ކުރިއަށް ގެންދާ ފަރުވާގެ ނިޒާމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ނިންމައިފި އެވެ.  

ވީ ކިހިނެއް؟ - އެކަން އިއުލާނުކުރެއްވީ ނެޝަނަލް ޑްރަގް އޭޖެންސީގެ (އެންޑީއޭ) ޗެއާމަން އަދި ހޯމްލޭންޑުގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރް ހުސައިން އެވެ.

ލުބުނާ އެކަން އިއުލާނުކުރެއްވީ މިދިޔަ އަހަރު ޑްރަގް ކޯޓުން ކޮށްފައިވާ ރިހެބިލިޓޭޝަންގެ އަމުރުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތަތަކަށް ފަރުވާ ނިންމިކަމުގެ ލިޔުން ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެނގުން މުހިންމު - ރިހިބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާނީ އެންޑީއޭ އިންނެވެ. އެ ތަނުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާ އެވެ.

ތަފްސީލް - ލުބުނާ ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ނިޒާމަށް ސަރުކާރުން ކުރާ ހޭދަ މިހާރު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ ނިޒާމް އިތުރަށް ހަރުދަނާ ކުރަން ޖެހޭތީ ބަޖެޓުގައި އިތުރު 30 މިލިއަން ހިމަނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ނިންމައި މުޖުތަމައަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ލިބެން ޖެހޭ ކަމަށް ލުބުނާ ވިދާޅުވި އެވެ. އަދި އެފަދަ މީހުންނަށް ވަޒީފާ ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޭނާ ގޮވާލެއްވި އެވެ.

އޭގެ އިތުރުން، ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޑްރަގް ކޯޓުން ބުނި ގޮތުގައި:

  • މިދިޔަ އަހަރު 586 މީހެއްގެ މައްޗަށް ފަރުވާ ހޯދަން އަމުރުކުރި 

  • އޭގެ ތެރެއިން 419 މީހުން އެ ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައި 

  • ފަރުވާގެ އަމުރާ ހިލާފްވެގެން 173 މީހުން ފަރުވާއިން ވަކިކޮށް، ފުރަތަމަ ހުކުމް ތަންފީޒުކުރަން އަމުރުކޮށްފައިވޭ

އެނގުން މުހިންމު - މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ހަތް މަރުކަޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ. އެ ތަންތަނުން ދޭ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ:

  • ޑްރަގް ކޯޓުން ކޮމިއުނިޓީ ފަރުވާއަށް ހުކުމް ކުރާ މީހުންނަށް ދޭ ފަރުވާ (3-6 މަހުގެ ފަރުވާ)

  • ޑިޓޮކްސިފިކޭޝަން ޕްރޮގްރާމް (14-21 ދުވަސް)

  • އާފްޓަ ކެއާ ޕްރޮގްރާމް 

  • މެތަޑޯން މެއިންޓެނެންސް ޕްރޮގްރާމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް