ސިވިލް ކޯޓު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ކޭ-ޕާކް މައްސަލައިގެ ލިޔުންތައް އެޗްޑީސީން ހާމަކުރުމުގެ އަމުރެއް ނުދިން

މި ލިޔެކިޔުންތައް ހޯދަން އެދިފައިވަނީ ކޭ-ޕާކް މަޝްރޫއުން ގެއްލުން ލިބުނު މީހެއްގެ ފަރާތުން؛ އޭނާ ލިޔެކިއުންތައް ބޭނުންވަނީ ބަދަލު ހޯދުމުގެ މައްސަލައެއް ހުށަހެޅުމުގެ ކުރިން އެޗްޑީސީގެ އިހުމާލެއް އޮތްތޯ ބަލަން

ކޭ-ޕާކް ރެސިޑެންސް މަޝްރޫއުއިން ގެއްލުންވި މީހެއްގެ ފަރާތުން ބަދަލު ހޯދުމުގެ މައްސަލައެއް ހުށަހެޅުމަށް، އެޗްޑީސީގެ ފަރާތުން ބޭނުންވާ ލިޔެކިއުންތަކެއް ހޯދައިދިނުމަށް އެދި ހުށަހެޅި މައްސަލާގައި އެ ލިޔެކިއުންތައް ދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ފްލެޓްތަކެއް އިމާރާތް ކުރުމަށް ކޮރެއާގެ ކުންފުންޏެއްް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑާއި އެޗްޑީސީން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. އެގޮތުން:

  • އެ މަޝްރޫއުގެ ދަށުން 'ކޭ-ޕާކް ރެސިޑެންސް'ގެ ނަމުގައި ހަދަން ފެށި އެޕާޓުމަންޓް އިމާރާތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ ދެ އަހަރު ނަމަވެސް މަޝްރޫއު ނުނިމި ހަތް އަހަރު ވެއްޖެ

  • އެތަނުގެ އެއް ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) އެ ޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައި 

  • އެ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސް އެތަނުން ފްލެޓް ގަތް އެތައް ބަޔަކަށް ގެއްލުންވެ ޝަކުވާތައް ވަނީ ބޮޑުވެފައި 

ވީ ކިހިނެއް؟ - ކޭ-ޕާކް މަޝްރޫއުއާ ގުޅޭ ލިޔެކިއުންތަކެއް އެޗްޑީސީގެ ފަރާތުން ހޯދުމުގެ އަމުރަކަށް އެދި ހުށަހެޅީ އެ މަޝްރޫއުން އެޕާޓްމަންޓް ގަތް މުހައްމަދު ފާރިޒް ފާކިރު، ސައްކެޔޮގެ/އައްޑޫ ފޭދޫ އެވެ. އެ ލިޔެކިއުންތައް ބޭނުންވާ ސަބަބަކަށް އޭނާ ބުނެފައިވަނީ ކޭ-ޕާކް މަޝްރޫން ތިން ރޫމްގެ އެޕާޓުމަންޓެއް ގަތުމަށް 28 ޖުލައި 2022ގައި ހަންބޯ ކުންފުންޏާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް އެ އެޕާޓްމަންޓް ހަވާލުކޮށްފައި ނުވާތީ އެ މުއާމަލާތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މައްޗަށް މައްސަލަައެއް ހުށަހެޅުމަށް ބޭނުންވާތީ ކަމަށެވެ.

ތަފްސީލް - އެޗްޑީސީގެ ފަރާތުން އޭނާ ހޯދަން އެދިފައިވާ ލިޔެކިއުންތަކަކީ:

  • ކޭ-ޕާކް މަޝްރޫއު އިމާރާތްކުރުމާ ބެހޭ ގޮތުން އެޗްޑީސީ އާއި ހަންބޯ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ

  • އެޗްޑީސީ އާއި ހަންބޯ ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ ޕާޕޯމަންސް ގެރެންޓީއެއް ނަގާފައިވާ ނަމަ އެ ލިޔުންތަކުގެ ކޮޕީ

  • މަޝްރޫއު ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަޝްރޫއުއާ ގުޅޭ ކަންކަން ތަންފީޒުކުރަން ދެވަނަ ފަރާތަކަށް އެއްވެސް ބާރެއް ދީފައިވާ ނަމަ އެކަމާ ގުޅޭ ލިޔުންތަކުގެ ކޮޕީ

  • އެ މަޝްރޫއުގެ ދަށުން އެޕާޓުމަންޓް ވިއްކުމުގެ ހުއްދަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހަންބޯ ކޮމްޕެނީ ލިމިޓެޑަށް ދީފައިވާ ނަމަ އެކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

  • މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަށް ނިންމާފައި ނުވާތީ އެޗްޑީސީގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެ ފިޔަވަޅުތަކުގެ ތަފްސީލާއި ލިޔެކިއުންތައް

  • މަޝްރޫއު ކުރިއަށްދާ ގޮތް ބަލައި މޮނިޓާކުރުމުގެ ގޮތުން އެޗްޑީސީން ކޮށްފައިވާ ކަންކަމާ ގުޅޭ ލިއުންތަކުގެ ކޮޕީ

މި ލިޔެކިއުންތަކަކީ އެޗްޑީސީގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ލިޔެކިޔުންތަކެއް ކަމަށް އޭނާ ގަބޫލުކުރަނީ ހަންބޯ ކުންފުނިން ކޭ-ޕާކް އެޕާޓްމަންޓްތައް ތަރައްގީކުރަނީ އެޗްޑީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ބިމެއްގައި ކަމަށް ވުމުންނެވެ.

ހަންބޯ ކުންފުންޏަށް އެޕާޓުމަންޓުތައް ތަރައްގީކޮށް ހަވާލުކުރެވިފައިނުވަނީ އެޗްޑީސީން ފުރިހަމަކޮށްދޭން ޖެހޭ ކަންކަން ފުރިހަމަކޮށްދީފައި ނުވާތީތޯ ނުވަތަ އެކަމުގައި އެޗްޑީސީގެ އިހުމާލެއް އޮތްތޯ އާއި އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް އެ ލިޔެކިޔުންތައް މުހިންމު ކަމަށް ވެސް އޭނާ ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވެ އެވެ. އެއީ ހަންބޯ ކުންފުންޏާއި އެޗްޑީސީއާ ދެކޮޅަށް ހުށަހަޅަން ގަސްތުކުރާ މައްސަލައިގެ ކަންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ބުނީ ކީކޭ؟ - މި އަމުރު ނެރެދިނުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނެފައިވަނީ އެ މައްސަލާގައި ދައުވާއެއް ހުށަހެޅުމުގެ ކުރިން ލިޔެކިޔުން ހާމަކުރުމުގެ އަމުރެއް ނެރެދޭން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނީ:

  • އެއްބަސްވުމުގެ އެއްބައިވެރިއަކު އަނެއް ބައިވެރިއަކަށް އަދާކުރަން ޖެހޭ ހައްގުތައް ގުޅިފައިވަނީ އެ އެއްބަސްވުމެއްގައި ހިމެނޭ ބައިވެރިންގެ މައްޗަށް

  • އެޗްޑީސީއަކީ މައްސަލަ ހުށަހެޅި ފަރާތާއި ހަންބޯ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ބައިވެރިއަަކަށް ނުވާއިރު އެ އެއްބަސްވުމުގެ ހައްގެއް އަދާނުކޮށްގެން އެޗްޑީސީގެ މައްޗަށް ދައުވާއެއް ބިނާކުރުމުގެ ފުރުސަތެއް ނެތް

އެނގުން މުހިންމު - މި ލިޔެކިޔުންތައް ހާމަކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެދީފައި ނުވާއިރު، އެ ލިޔެކިޔުންތައް ދިނުމަށް އެޗްޑީސީން ކޯޓުގައި އިންކާރުކޮށްފައެއް ނުވެ އެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން އެޗްޑީސީން ކޯޓުގައި ބުނެފައިވަނީ އެ ލިޔެކިޔުންތަަކަކީ މައްސަލައެއް ހުށަހެޅުމުގެ ބޭނުމަށް ހޯދާ ލިޔެކިޔުންތަކެއް ކަމުން، ލިޔުންތަކުގެ ސިއްރު ހިފަހައްޓާ ގޮތަށް މައްސަލަ ހުށަހަޅާ ފަރާތަށް އެ ލިޔެކިޔުންތައް ހިއްސާކުރެވިދާނެ ކަމަށެވެ.

އެކަމަކު އެ ހުރިހާ ލިޔެކިޔުންތަކަކީ އެޗްޑީސީ އާއި ހަންބޯ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސިއްރު ހިފަހައްޓަން ޖެހޭ މުއާމަލާތްތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން، ލިޔެކިޔުންތައް ދޫކުރުމުގެ އަމުރެއް ނެރުމުގެ ކުރިން ހަންބޯ ކުންފުނީގެ ބަހެއް ހޯދުމަށް އެޗްޑީސީން އެދިފައިވެ އެވެ.

ގުޅުންހުރި ކަމެއް - ހަތް އަހަރު ވެގެންދިޔައިރު އެޕާޓާމަންޓްތައް ނިމިފައި ނުވާއިރު، އެ މަޝްރޫއުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ 100އަަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ގެއްލުންތަކެއްވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގެއްލުންތަކެއް ލިބެމުންދާތީ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ވެސް މިހާރު އޮތީ މައްސަލައެއް ހުށަހަޅާފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެ މައްސަލާގައި އެދިފައި އޮތީ ކޭ-ޕާކް މަޝްރޫއުގައި އެޗްޑީސީން އަމަލުކޮށްފައިވާ ގޮތް ތަފްސީލީ ގޮތެއްގައި ބަލައިދިނުމަށެވެ.

އެޗްޑީސީއަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު، އެޗްޑީސީގެ ބެލެނިވެރިކަމުގެ ދަށުގައި ކުރިއަށްދާ އެފަދަ މަޝްރޫއުތަކުގައި އިހުމާލާއި ގަވައިދާ ހިލާފު ކަންތައްތަކެއް ހިނގާއިވާ ނަމަ އެކަން ހިނގާފައިވާ ގޮތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް