އާސަންދަ އޮފީސް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާސަންދަ

އާސަންދަ އިސްލާހުކުރަން އޮކްޓޫބަރުގައި ފަށަނީ

ފިނޭންސް މިނިސްޓްރީން ބުނީ އާސަންދައަށް ބަދަލު ގެންނާނީ އާންމުންނަށް ވީހާ ވެސް އަސަރު ކުޑަވާނެހެން ކަމަށް

އާސަންދަ އާއި ސަބްސިޑީތަކަށް އިސްލާހީ ބަދަލުތަކެއް އަހަރު މެދު ތެރޭ ގެންނަ ގޮތަށް ބަޖެޓުގައި ހިމަނާފައި ވާއިރު، އެ ބަދަލުތައް ގެންނަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށާއި އެކަމަށްޓަކާ އެކުލަވާލަން ޖެހޭ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އޮކްޓޫބަރުގައި އާސަންދައަށް ބަދަލުތައް އަންނައިރު އެކަމާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކަމަށެވެ.

ތަފްސީލު - އެ ބަދަލުތައް އެންމެ ބޭނުންވާ ގޮތަށް ގެނެވޭނީ ރައްޔިތުންނަށް ވީހާ ވެސް ބޮޑަށް ކަންތައްތައް އޮޅުންފިލުވައިދީގެން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތޮފާ ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އާސަންދައަށް ބަދަލު ގެންނާނީ އާންމުންނަށް ވީހާ ވެސް އަސަރު ކުޑަވާނެހެން ކަމަށެވެ.

އޭނާ ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަކޮށް ވިލުންވެރިކުރުމާ އެކު ބޭނުންޖެހިފައިވާ ފަރާތްތަކަށް މިހާރަށް ވުރެ ރައްކާތެރިކަމާއި ފުރިހަމަކަމާ އެކު ހިދުމަތް ލިބިދިނުމަކީ އަމާޒު ކަމަށެވެ.

"އެ ނިޒާމަށް ބަދަލުވުމުގެ ތެރެއިން ދެ ކަމެއް އެބަ ހާސިލްވޭ. އެއް ކަމަކީ ހަރަދު ވަރަށް ބޮޑުތަނުން އެބަ ކުޑަވޭ. ލިބޭ ހިދުމަތުގެ ފެންވަރު އިތުރުކުރުމާ އެކީގައި،" އޭނާ ވިދާޅުވި އެވެ.

އާސަންދައަށް ބަދަލު ގެންނައިރު، ސާއިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ސަރުކާރަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ.

"މިހާރު މި ދިމާވާ މައްސަލައަކީ ޕެންޑިން ބިލުތައް އެބަހުރި ދާއިރާތަކުން. އެއީ ދައުލަތުގެ ހޮސްޕިޓަލުތަކުން އެ ހިދުމަތްތައް ނުލިބޭތީ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ އާސަންދައަށް ބަދަލު ގެންނައިރު މުޖުތަމައު ވެސް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.

"ބައެއް ކަހަލަ ޓެސްޓުތައް ހެދުން އިތުރެއް ނޫން. ބައެއް ކަހަލަ އޮޕަރޭޝަންތަކާއި ދެވޭ ބޭސްތައް އެއީ އަޅުގަނޑުމެންނަށް ބޭނުންވާ އަދަދުތޯ، ބޭނުން ކުރަން ޖެހޭ އެއްޗެހިތޯ ބަލާފައި އެކަންތަކަށް ދިއުން މުހިއްމުކަން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާސަންދައަށް ގެންނަ ބަދަލުތައް ތަންފީޒު ކުރަން އަންނަ އޮކްޓޫބަރުގައި ފަށާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެެން އެއްވެސް ހިދުމަތެއް ސަރުކާރުން ބޭނުމެއް ނުވޭ ރައްޔިތުންނަށް ދަތިވާ ގޮތަށް ކުރިއަށް ގެންދާކަން. ގެނެވޭ ބަދަލު ވާން ޖެހޭނީ ވަރަށް ރަނގަޅަށް ކޮމިއުނިކޭޓުކޮށްގެން ގެނެވޭ ބަދަލަކަށް،" ޝަފީގު ވިދާޅުވި އެވެ.

އެނގުން މުހިއްމު - އަންނަ އޮކްޓޫބަރު މަހުގެ 1 އިން ފެށިގެން އަމިއްލަ އިންޝުއަރެންސް ޕެކޭޖެއް ނަގާފައިވާ މީހުންނަށް އާސަންދައިގެ ހިދުމަތް ލިބޭނީ އެ އިންޝިއުރަންސަށް ކަނޑާފައި ބާކީ ބިލަށް އަރާވަރު ކަމަށް އާސަންދަ ހިންގާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ބުނެފަ އެވެ.

އެންސްޕާ އިން ބުނީ ބަދަލު ގެންނަނީ ޑަބަލް އިންޝުއަރެންސަށް ކުރާ ހަރަދު ކުޑަކުރަން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް