އާސަންދައިގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ (ފޮޓޯ/އާސަންދަ)

އާސަންދަ

އަމިއްލަ އިންޝުއަރެންސަށް ކެނޑުމަށް ފަހު އާސަންދަ ދޭ ގޮތަށް ބަދަލުކުރަނީ

ހީނާ ވިދާޅުވީ އާސަންދަ ދޭ އުސޫލު ބަދަލުކުރަން ނިންމީ ޑަބަލް އިންޝުއަރެންސަށް ކުރާ ހަރަދު ކުޑަކުރަން ކަމަށް
12 އޯގަސްޓު 2024

އަންނަ އޮކްޓޫބަރު މަހު 1 އިން ފެށިގެން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ހިދުމަތް ލިބޭނީ އެ އިންޝިއުރަންސަށް ކަނޑާފައި ބާކީ ބިލަށް އަރާވަރު ކަމަށް އާސަންދަ ހިންގާ، ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އާސަންދައިގެ ޕޮލިސީއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި މިއީ އެންމެ މުހިންމު އެއް ބަދަލު ކަމަށެވެ.

ތަފްސީލް - ހީނާ ވިދާޅުވީ އާސަންދަ ދޭ އުސޫލަށް އެ ބަދަލު ގެންނަނީ ޑަބަލް އިންޝުއަރެންސަށް ކުރާ ހަރަދު ކުޑަކުރަން ކަމަށެވެ. އަދި އެގޮތަށް އުސޫލު ބަދަލުކުރުމުން ދެން އާސަންދަ ކަވާ ކުރާނީ އަމިއްލަ އިންޝްއަރެންސުން ކަވާކުރުމަށް ފަހު ބާކީ އޮންނަ އަދަދަަށް ކަމަށެވެ. 

"އެހެން އިންޝުއަރެންސް ހުރި ބޭފުޅެއް ކަމުގައިވާ ނަމަ ބިލް ޕޭ ކުރާއިރުގައި އެ ބޭފުޅެއްގެ އިތުރު އިންޝުއަރެންސަކުން ކްލިއާ ކުރުމަށްފަހުގައި އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަލަ ގޮތަކަށް އިސްލާހު މި ގެންނަނީ،" ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ:

  • ވެލްފެއާ އަދި އާސަންދަ ޕޮލިސީއަށް އިތުރު ބަދަލުތަކެއް ގެންނަން ޑްރާފްޓްތަކެއް އެކުލަވާލައިފައިވާ ކަމަށް 

  • ވަރަށް އަވަހަށް އެ ކަރުދާސްތައް ކެބިނެޓަށް ހުށަހަޅާނެ ކަމަށް

  • އާސަންދަ އިސްލާހުކުރުމަށް ފަހު ސަރުކާރުގެ މުއައްސަސާތަކުން ދޭ ވަކިވަކި އިންޝްއަރެންސް ސްކީމްތައް ކުރިއަށްގެންދާނީ އެންސްޕާގެ ތެރެއިން

  • ސޯޝަލް ރަޖިސްޓާއެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

ހޮސްޕިޓަލްތަކާ އެކު އަގު ހެޔޮ ކުރަން ޕެކޭޖްތަކެއް ހަދަނީ

އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ އެއް ތަނަކީ ޕްރައިވެޓް ހޮސްޕިޓަލްތަކަށް ވާތީ އެ ތަންތަނަށް ހާއްސަ ޕެކޭޖްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އާސަންދައިން ވަނީ ބުނެފަ އެވެ.

އާސަންދަ އަދި އެންސްޕާގެ އިސްވެރިން މިއަދުގެ އިޖްތިމާއީ ކޮމެޓީއަށް ހާޒިރުވެފައި (ފޮޓޯ/ މަޖިލިސް)

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކަށް ކުރަން ޖެހޭ ހަރަދު ބޮޑު ވާތީ ފިނޭންސް މިނިސްޓްރީން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދީފަ އިންނަ ޕްރޮސީޖާ ކޮސްޓް ބޮޑެއް ނޫން. އެކަމަކު އެ މީހުންގެ ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިއަންނަނީ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިއަންނަނީ ޕެކޭޖް ޕްރައިސްތަކެއް ހަދަން،" ޒީނިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަގުތައް ހެދުމަށް ފަހު އެ އެއްބަސްވާ އަގަކަށް ނޫނީ އާސަންދައިގެ ތެރެއިން އެ ހޮސްޕިޓަލްތަކަށް ހިދުމަތެއް ނުދެވޭނެ އެވެ.

"މީގައި އަޅުގަނޑުމެންނަށް ޕޮލިސީ ލެވަލްގައި ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާނެ. މިހާ ހިސާބުން އަޅުގަނޑުމެންނަށް ޕެކޭޖް ނުދީފިއްޔާ ހިދުމަތް ނުލިބޭނޭ ބުނާއިރުގައި އަޅުގަނޑުމެންނަށް އިނގޭ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ އެބަޖެހޭ ވަރަށް ބޮޑަށް ހިދުމަތްތައް ރަނގަޅުކުރަން،" ޒީނިޔާ ވިދާޅުވި އެވެ. 

"އެބަހުރި ވަރަށް ބައިވަރު ލޫޕްހޯލްސްތަކެއް އަޅުގަނޑުމެން ރަނގަޅުކުރަންހުރި."

އެކަމާ ގުޅޭގޮތުން ހީނާ ވިދާޅުވީ ނިއުރޯ ސާޖަރީ ފަދަ ބޮޑެތި ހިދުމަތްތައް މިވަގުތު ލިބެންހުރީ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެކަނި ކަމަށާއި ސަރުކާރު ހޮސްޕިޓަލްތަކުން އެފަދަ ހިދުމަތްތައް ލިބޭނެ އިންތިޒާމާއި ވަސީލަތް ހަމަޖެހިގެން ނޫނީ އެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

އެނގުން މުހިންމު - މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އާސަންދަ އިން ކުރި ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން މިމަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން:

  • މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އާސަންދަ އިން 823 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ 

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރީ 738 މިލިއަން ރުފިޔާ 

  • މިއީ %11.5ގެ އިތުރުވުން

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ހިސާބުތަކަށް ބަލާއިރު:

  • 838 މިލިއަން ރުފިޔާ އާސަންދަ އިން ހޭދަކުރި

  • 276،439 މީހުން އާސަންދަ އިން ފަރުވާ ހޯދި

  • 1،599 މީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ބަދަލު ކުރި

  • 1،691 މީހުން ރާއްޖޭން ބޭރަށް ފޮނުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް