ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން ހަރާކަތްތެރިވަމުން ދަނީ (ފައިލް ފޮޓޯ/ ދައުރު)

ކްރިމިނަލް ކޯޓު

ވިއްސާރައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކެންސަލް

ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތްތައް ކެންސަލް ކުރި ނަމަވެސް ބަންދާމެދު ގޮތް ނިންމުމުގެ މަޖިލީސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް އެ ކޯޓުގައި ކުރިއަށް ދާނެ ކަމަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކޮށްފައިވާ ހުރިހާ މައްސަލައެއް ކެންސަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހިފައި ވެއެވެ. މާލެ ވެސް ހިމެނޭހެން ރާއްޖޭގެ އެކި ރަށްތަކުގައި ފެންބޮޑުވެ މަގުމަތީގައި ދަތުރުފަތުރު ކުރުމާއި ހިނގާބިގާވެ އުޅުމަށް ވެސް ދަތިތަކާ ކުރިމަތިވެފައި ވެއެވެ. އެހެންވެ، އާންމުންނަށް ލުޔެއް ދިނުމުގެ ގޮތުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފަ އެެވެ.

13 އޮގަސްޓް 2024، މާލެ - ބޯ ވިއްސާރައިގައި މާލެގެ މަގުމަތީގައި ފެންބޮޑުވެފައި (ފޮޓޯ/އެންޑީއެމްއޭ)

ތަފްސީލް - މިއަދު ހެނދުނު 9އިން މެންދުރު 14:30އާ ހަމަޔަށް 49 މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވެއެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއްގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި:

  • މިއަދަށް ތާވާލުކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފައި ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއި ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތަށް ފެނުގެ އަސަރުކޮށްފައި ވާތީ 

  • ޝަރީއަތްތައް ކެންސަލް ކުރި ނަމަވެސް، ބަންދާ މެދު ގޮތް ނިންމުމުގެ މަޖިލިސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް އެ ކޯޓުގައި ކުރިއަށް ދާނެ ކަމަށް ބުނި 

ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ވިއްސާރަ މޫސުމުގައި އެ ކޯޓުގެ މަސައްކަތްތަކަށް މީގެ ކުރިން ވެސް ބުރޫ އަރަ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑުކޮށްފައިވަނީ މިދިޔަ 24 ގަޑިއިރު ތެރެ އެވެ. އިއްޔެ ވެހުނު ވާރެއާ ގުޅިގެން ސްކޫލްތައް ވެސް ބަންދުކޮށްފައިވާއިރު މިއަދުގެ މިހާތަނަށް މާލެއަށް މޫސުން އަދި ރަނގަޅެވެ.

ނަމަވެސް، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، މިއަދު މެންދުރު 2 ޖެހުމާ ހަމައަށް  ޔެލޯ އެލާޓް ނެރެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް