ޕީއެންސީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޕީޖީ ލީޑަރު ފަލާހް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މެންބަރު ފަލާހު

ގޯތި ދިނުމަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް: ފަލާހު

ފަލާހު ވިދާޅުވީ ހުޅުމާލެއިން ގޯތި ދީފައިވާ ބިމުގެ އަގު 5 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށާއި މިއީ ދައުލަތަށް ގެއްލޭ އެތައް ފައިސާއެއް ކަމަށް
12 އޯގަސްޓު 2024

މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާފައިވާ ބިންވެރިޔާ ސްކީމަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މިިދިޔަ ސަރުކާރުން ގޯތިތަކެއް ދޫކޮށްފައި ނުވާ ކަމަށާއި ހަދާފައި ވަނީ ގޯތި ދޫކުރާނެ ލިސްޓެއް ކަމަށެވެ.  އޭނާ ވިދާޅުވީ ލިސްޓެއް އެކުލަވާލުމާއި އެތަނުން ގޯތި ދިނުމާ އެއީ ތަފާތު ދެކަމެއް ކަމަށެވެ.

ބުނީ ކީކޭ؟ - ފަލާހު ވަނީ ހިއްކާފައި ނެތް ބިންތަކަކުން ގޯތި ދިނުމަކީ ހިޔާނާތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"އެއްޗެއް ދިނުމާ އެއްޗެއް ލިސްޓުކުރުމާ އެއީ ތަފާތު ދެކަމެއް. ގޯތި ދިންއިރު އޭގައި ގިރާވަރު ފަޅު، ގުޅީފަޅު މިހިރީ ނުހިއްކާ ވަރަށް ގިނަ ބިންތަކަކުން ވެސް ގޯތިތަކެއް ދީފައި،" ފަލާހް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ރާއްޖޭގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތް ކަމަށް އަޅުގަނޑު ސިފަކުރާނީ."

ފަލާހު ވިދާޅުވީ ޓެކްސް ފައިސާއިން ހިއްކާފައިވާ އަގުބޮޑު ބިމަކުން ބިން ހިލޭދޭން ނުޖެހޭ ކަމަށެެވެ. އަދި ގޯތިދޭއިރު ވެސް ހުރިހާ އެންމެންނަށް އެއް ހަމައަކުން ގޯތިދޭން ފަލާހު ގޮވާލި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ގޯތި ދޭ ނަމަ މާލޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ޖެހޭ ކަމަށެވެ.

މާލޭގެ އެއްބައި މީހުންނަށް ހިލޭ ގޯތިދޭ އިރު އެހެން މީހުން ބޮޑު އަގުގައި ގޯތި ގަންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9100 އަށްވުރެ ގިނަ ގޯތި ދޫކުރަން ލިސްޓުކޮށްފައިވާއިރު އެ ތަންތަނުގެ ޖުމްލަ އަގު އެތައް ބިލިއަނަކަށް އަރާނެ ކަމަށެވެ.

"ހަމައެކަނި ހުޅުމާލޭން ދޫކޮށްފައިވާ ގޯތީގެ ލިސްޓަށް ބަލާއިރު އެބައަރާ 5.4 ބިލިއަން ރުފިޔާ." ހުޅުމާލޭން 1000 އަކަފޫޓެއްގެ ގޯއްޗެއްގެ އެވްރެޖް އަގަކީ 10 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ: - ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ދިނުން ލަސްވާތީ ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަލީއާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސުވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން ހައިދަރު ވިދާޅުވީ ބިންތައް ހިއްކާ ނިމުނުހާ އަވަހަށް ގޯތިތައް ދޫކުރަން ފަށާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް