ހުޅުމާލެ ފޭސް 2 ގައި ބިދޭސީން މަސައްކަތް ކުރާތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޮކްޓޫބަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 އިން ގޯތި ދީ ނިންމާނަން: ހައިދަރު

ހުޅުމާލޭ ފޭސް 3 ހިއްކާ ނިންމައި އެ ތަނުން ގޯތި ދިނުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރުގައި ފެށޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި
12 އޯގަސްޓު 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޭން ކަނޑައަޅާފައިވާ ގޯތިތައް އަންނަ އޮކްޓޫބަރުގެ ނިޔަލަށް ދީ ނިންމައި ހުޅުމާލޭ ފޭސް 3 އިން ގޯތި ދިނުމުގެ މަސައްކަތް އަންނަ ނޮވެމްބަރުގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދިން މީހުންނަށް ބިން ހަވާލުކުރުމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ފްލެޓްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ތަފްސީލް - ހައިދަރު ވިދާޅުވީ ފޭސް 2 އިން ގޯތި ދީފައި ހުރީ މަސައްކަތްކުރާ ތަންތަނުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ކަމަށެވެ. ބައެއް ގޯތިތައް ހުރީ ކަރަންޓު ފޮށިތައް ވެސް ގޯތިތެރެއަށްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަންކަން ހައްލުކޮށް، ފަސްފުނިތައް ނަގައި 623 ގޯތި މި ސަރުކާރުން ދޫކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 2 އިން ޖުމްލަ 1407 ގޯތި ދޭން ވަނީ ނިންމާފަ އެވެ.

ހައިދަރު ވިދާޅުވީ:

  • ހުޅުމާލެ ފޭސް 3 އިން ގޯތި ދީފައި ހުރީ ފަޅުން؛ ފަޅުން ގޯއްޗެއް ނުދެވޭނެ

  • އެހެންވެ، ފޭސް 3 ހިއްކައި އަންނަ ނޮވެމްބަރު މަހު ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާނެ

  • 699 މީހުންނަށް ފޭސް 3 އިން ގޯތި ލިބިފައިވޭ

ގިރާވަރު ފަޅުން ދޫކުރަން ނިންމާފައިވާ ގޯތިތައް ދޫކުރެވޭނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށާއި އެ ތަން ވެސް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ގިރާވަރު ފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން މި ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިދިޔަ އޭޕްރިލް މަހު ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ގިރާވަރު ފަޅުން ހިއްކަން ބާކީ އޮތް 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މި ސަރުކާރުން ވަނީ ގިރާވަރު ފަޅުން އިތުރު ބިން ހިއްކަން ނިންމައިފަ އެވެ. 

ރައީސް އޭރު ވިދާޅުވެފައި ވަނީ މިހާރު ހިއްކާފައި އޮތް ބިމުން، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް