ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ފާހަގަކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އިސް ނަގައިގެން 1 މޭ 2022 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބޭއްވި ހިނގާލުން. (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

ބިދޭސީ މަސައްކަތްތެރިންނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނޫންކަން ކަނޑައަޅަން އިސްލާހެއް

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރަމުން އަންނައިރު އެމްޓީޔޫސީން ވަނީ އެ ބިލަށް ތިން އިސްލާހެއް ހުށަހަޅާފައި

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބިދޭސީ މަސައްކަތްތެރިން އިތުރުވުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ސިފަކޮށްފައި އޮތްއޮތުން އެ ބިލުން އުނިކުރަން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިސްލާހު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރަން މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެވެ.

މިދިޔަ މަހުގެ 23ގައި އޭނާ ހުށަހެޅުއްވި ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަލާމަތީ ހިދުމަތްތަކާބެހޭ، 241 ކޮމިޓީން ދަނީ ދިރާސާކުރަމުންނެވެ. 

މަސައްކަތްތެރިންގެ ހައްގުތަކުގެ ދިފާއުގަައި އަޑުއުފުލައި އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އެމްޓީޔޫސީން އެ ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެ ބިލުގެ 65ވަނަ މާއްދާއަށް ތިން އިސްލާހެއް އެ ޖަމިއްޔާއިން ހުށަަހަޅާފައި ވެއެވެ. އެ މާއްދާއަކީ ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކުރާ މާއްދާ އެވެ.

ތަފްސީލް - މަޖިލީހުގައި މިވަގުތު އޮތް ވަޒީފާއާބެހޭ ބިލުގެ 65ވަނަ މާއްދާގައި ވާގޮތުން ބިދޭސީން ގެނެވޭނެ އަދަދުތައް ކަނޑައަޅަންވާނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އަދި އެ އަދަދު ކަނޑައެޅުމުގައި ވަކި ކަންކަމަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. 

އެގޮތުން ވަޒީފާއާބެހޭ ބިލުގެ 65ވަނަ މާއްދާގެ (ބ)ގެ ހަތަރުވަނަ ނަންބަރުގައި ރިއާއަތްކުރަންޖެހޭނެ ކަންކަމުގެ ގޮތުގައި ވަނީ:

  • ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް އަސަރުކޮށްފާނެ މިންވަރަށް ބަލަންޖެހޭނެ ކަމަށް

އެމްޓީޔޫސީން ހުށަހެޅި އިސްލާހުތެރޭގައި މި މާއްދާ އުނިކޮށްދިނުމަށް ހުށަހަޅާފައި ވެއެވެ. މިކަމާ ގުޅޭގޮތުން އެ ޖަމިއްޔާގެ ބަހެއް އަދި ނުލިބެ އެވެ.

އެމްޓީޔޫސީން ހުށަހެޅި އަނެއް ދެ އިސްލާހަކީ:

  • ރާއްޖޭގެ މުހިންމު ސިނާއަތްތަކަށް ކޯޓާގެ މިންގަނޑުތަކެއް ބިލުގައި ހިމެނުމަށް؛ އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަދުވެގެން %50 ދިވެހިން ތިބެންޖެހޭ ކަމުގައި ކަނޑައެޅުން

  • ބިދޭސީންގެ ކޯޓާގެ ތަފްސީލު ކޮންމެ އަހަރަކު ހަތަރު ފަހަރު އާންމުކުރަން ބިލުގައި ހިމެނުމަށް؛ އެގޮތުން ކޯޓާތަކުގެ އަދަދާއި އަދި ކޯޓާ ދޫކުރެވިފައިވާ މިންވަރު އެނގޭނެހެން އާންމުކުރަން ލާޒިމުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް