އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު. (ފޮޓޯ/އެމްޑީޕީ)
ވައްކަމެއް ނުކުރަން؛ ޖަވާބުދާރީވާން ތައްޔާރު: މޫސާ އަލިމަނިކު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރެއިން އެއްވެސް ހިޔާނާތެއް ނުވަތަ ވައްކަމެއް ވެސް ހިންގާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް އޮތް ނަމަ އެކަމެއް ތަހުގީގުކޮށް ދައުވާކުރުމަށް އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގައި އާރްޑީސީން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ އަމަލުތަކާއި އެކަންކަން ތަކުރާރު ނުވާނެ ގޮތެއް ހަދަން އަޅަމުންދާ ފިޔަވަޅުތައް ސާފުކުރަން މިފަހުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރުގެ އާރްޑީސީގެ މެނޭޖުމަންޓުން އެއްވެސް ބާރުދޭ ލިޔެކިޔުމެއް ނެތި، ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މި އެސްއޯއީ ކޮމިޓީގައި އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ދައްކައި ކަންކަން އޮޅުވާލާފައިވާ ކަމަށް ބުނެ މިއަދު އެމްޑީޕީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި މިދިޔަ ސަރުކާރުގައި އެ ކުންފުނީގެ އެމްޑީގެ މަގާމު އަދާކުރެއްވި މުސާ އަލިމަނިކުގެ އިތުރުން، ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.
އާރްޑީސީގެ އެކައުންޓުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި ކަމަށް އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އާރްޑީސީގެ މާލީ ހާލަތާއި ދަރަނީގެ އަދަދުތަކާ ބެހޭ ގޮތުން ކުރާ ތުހުމަތުތައް ވެސް މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ ދޮގުކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - މޫސާ އަލިމަނިކު ވިދާޅުވީ، އެފަދަ ތުހުމަތުތަކެއް އޮތް ނަމަ އެ މައްސަލައެއް ބަލައި ތަހުގީގު ކުރަން ސަރުކާރަށް ގޮވާލާ ކަމަށާއި އެކަން ކުރަން މިހާރުގެ ސަރުކާރަށް ނުކެރޭނެ ކަމަށެވެ.
އެކަން ކުރަން ސަރުކާރަށް ނުކެރިގެން އުޅެނީ ދޮގު ހަދަން ޖެހޭތީ ކަމަށާއި މިދިޔަ ސަރުކާރުގައި ކުންފުނިތައް ހިންގާފައި އޮތް ގޮތް ރަނގަޅުވުމުން ކަމަށެވެ. މޫސާ އަލިމަނިކު ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ބަލައިފި ނަމަ ސޯލިހްގެ ސަރުކާރުގައި ހުރިހާ ކުންފުނިތަކެއް ވެސް ހިންގާފައި ހުރީ ވަރަށް ތަރުތީބުން، ވަރަށް ރީތިކޮށްކަން ރައްޔިތުންނަށް ސާފުވެގެންދާނެ އެވެ.
"ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރުގައި ދިވެހި ރައްޔިތުން މަޖިލިސް ދެއްވައިފި ބޮޑުކޮށް، އަޅުގަނޑުމެން މިތިބީ ތިބޭވަރު. މިހެން ތިބޭއިރު ކީއްވެގެންތޯއޭ ތަހުގީގެއް ހިންގައި ހައްޔަރުކޮށް، ދައުވާކޮށް، މިކަންކަން ނުކުރައްވާ ތިޔަތިބެނީ؟ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތޭ މައްސަލަ ބަލާފާނެތީ. އަޅުގަނޑުމެން މިއުޅެނީ ނުބަަލައިގެން އެކަންބޮޑުވުމުގައޭ،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުވައްރީ ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މޫސާ އަލިމަނިކު ވިދާޅުވި އެވެ.
މޫސާ އަލިމަނިކު ވިދާޅުވީ، މިދިޔަ ސަރުކާރުގައި އާރްޑީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެ އެކަންކަން ސާފުކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބޭއްވި ބައްދަލުވުމަށް ވެސް އެ ބޭފުޅުން ހާޒިރުކުރަން ނުކެރުނު ކަމަށެވެ. އެ ކޮމިޓީއަށް ކުރީގެ މެނޭޖުމަންޓުގެ އިސްވެރިން ހާޒިރުކުރަން މެމްބަރުންނަށް ނުކެރުނީ ކަމަށް އެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ ސަރުކާރަށް ނިސްބަތްވާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ކަމަށް ވެސް މޫސާ އަލިމަނިކު ވިދާޅުވި އެވެ.
އެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި އަމިއްލައަަށް ސިޓީ ފޮނުވާފައި ވެސް ވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާތަނަށް އެ ސިޓީއަށް ޖަވާބެއް ނުލިބޭ ކަމަށެވެ.
"ރައްޔިތުންނާ ހަމައަށް ސާފުވާން ޖެހޭ އަޅުގަނޑުމެން ވައްކަން ކުރިއްޔާ ވައްކަން ކުރިކަން ނުވަތަ ނުކުރަންޏާ ނުކުރާކަން. ނުކުރާކަން ސާބިތުވީމާ އެ ބޭފުޅުންނަކަށް ނުކެރޭ ހާމަކުރައްވާކަށް. އެހެންވީމާ އެ މައްސަލަ އަޅުގަނޑުމެން މި ފާހަގަކުރަނީ. ބައްލަވާށޭ، ސާފުކުރައްވާށޭ، ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވާށޭކަން ހިނގާފައި އޮތް ގޮތް އަސްލު،" މޫސާ އަލިމަނިކު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އޭނާ ފާހަގަކުރެއްވި ގޮތުން:
-
ޕެޓީ ކޭޝް މައްސަލާގައި މިދިޔަ އަހަރު ފުލުހުން އާރްޑީސީއަށް ވަނީ ވެސް ދޮގު ތުހުމަތުތަކެއްގައި
-
އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ވާހަކަދައްކަނީ ދޮގު ހަދައި ކަންކަން އޮޅުވާލައިގެން؛ އާރްޑީސީގެ ދަރަންޏާ ބެހޭ ގޮތުން ވެސް ތަފާތު އެކި އަދަދުތަކުން ދޮގު ހަދަމުން ގެންދޭ
-
އާރްޑީސީއާ ގުޅުވައިގެން ކުރާ އެއްވެސް ތުހުމަތެއް ބަލާކަށް ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް މަސައްކަތް ކޮށްފައެއް ނެތް
-
އާރްޑީސީގައި ހުރި 131 މިލިއަން ރުފިޔާ މަޖިލިސް އިންތިހާބާ ދިމާކޮށް ބަހާލާފައިވަނީ މި ސަރުކާރުން؛ ބޮޑު ހަތަރު ކުންފުންެޏެއްގެ މެދުގައި އެ ފައިސާ ބަހާލާފައިވޭ
އެނގުން މުހިންމު - ކުރެވޭ ތުހުމަތެއް އޮތް ނަމަ އެކަން ބަލަން އެމްޑީޕީން ގޮވާލިއިރު، މިދިޔަ މާޗު މަސް ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ، މިދިޔަ ސަރުކާރުގައި އާރްޑީސީގެ ގިނަ އަދަދެއްގެ ފައިސާއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފަ އެވެ.
އޭސީސީން ބުނެފައިވާ ގޮތުން:
-
އާރްޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވޭ
-
އާރްޑީސީގެ ފައިސާ މުވައްޒަފުންނާއި އެހެން ވެސް ބައެއް ފަރާތްތަކުގެ އެކައުންޓްތަކުގައި ދައުރުކޮށްފައި ވަނީ ދައުލަތުގެ ފައިސާ ދައުރުކުރަން ޖެހޭ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަނުކޮށް ދައުލަތުގެ ފައިސާ ދައުރުކުރަން ނުޖެހޭ ގޮތްގޮތަށް
-
ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓަށް ޖަމާވި ފައިސާތައް އެ މީހުންނާ ގުޅުން ހުރި މީހުންނާއި އޭރުގެ ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި ފަރާތްތަކާ ގުޅުން އޮންނަ ކުންފުނިތަކަށް ޖަމާކޮށްފައިވޭ؛ އެއަށް ފަހު ޖަމާކުރި ކުންފުނިތަކުން އެ ސަރުކާރުގެ ސިޔާސީ ބައެއް އިސް ބޭފުޅުންނަށް އެ ފައިސާ ޖަމާކޮށްފައިވޭ