ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓްއިން ހިނގާފައިވާ ކޮރަޕްޝަންތަކާއި، އަދި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ކޮރަޕްޝަން

ލިޔެކިޔުން ނެތި 2 އަހަރު ތެރޭ 161 މިލިއަން ރުފިޔާ ދޫކޮށްފައިވޭ: އާރުޑީސީ

އާރުޑީސީން ބުނީ ބާރުދޭ އެއްވެސް ޑޮކިޔުމެންޓެއް ނެތި 2022ގައި 65 މިލިއަން ރުފިޔާ އަދި 2023ގައި 95 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް
5 އޯގަސްޓު 2024

މިދިޔަ ސަރުކާރުން އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެއްވެސް ބާރުދޭ ލިޔެކިޔުމެއް ނެތި، ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ކުންފުނިން މިހެން ބުނެފައިވަނީ، ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަންތަކާއި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް އާރުޑީސީގެ އިސް ވެރިން ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އާރުޑީސީގެ ފައިސާއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރެވި، އެ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެންނެވެ.

ބުނީ ކީކޭ؟ - ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުންފުނީގެ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ގޮތުން މިއަދު ސުވާލުކުރުމުން، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެއްވެސް ބާރުދޭ ލިޔެކިޔުމެއް ނެތި އާރުޑީސީން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެއްވެސް ޑޮކިއުމަންޓެއް އަޅުގަނޑުމެންނަށް މިއުޅެނީ މިހާތަނަށް ނުފެނިގެން،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު ވިދާޅުވީ:

  • މިހާތަނަށް ބެލި ބެލުމުން، ލިޔެކިޔުމެއް ނެތި 2022 އާއި 2023ގައި ޖުމްލަ 161 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވޭ

  • 2022 ވަނަ އަހަރު އެގޮތަށް ދޫކޮށްފައިވަނީ 65 މިލިއަނެއްހާ ރުފިޔާ 

  • 2023ގައި 95 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވޭ

"... ހަމައެކަނި މި ފެންނަނީ ބޭންކް ސްޓޭޓްމަންޓުގައި ޓްރާންސްފާ ކޮށްފައި ހުރިތަން، އިންޓަނެޓް ބޭންކިން މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

"މި ކުރި ޓްރާންސެކްޝަންގެ ބޭންކް ސްލިޕްގައި ރިމާކްސްގެ ގޮތުގައި ވެސް އެއްވެސް ގޮތަކަށް ނެތް މައުލޫމާތެއް ދީފައި، މިއީ ކޮން ހިދުމަތަކަށްތޯ މުދަލަކަށްތޯ، ކޮން ކަމަކާ ގުޅޭގޮތުން ދީފައި ހުރި ފައިސާއެއްތޯ."

'ބައި މަސްދުވަސް ތެރޭ 86 މިލިއަން ދޫކުރި'

ލިޔެކިޔުން ނެތި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ މައްސަލައިގެ އިތުރުން ވެސް، މިދިޔަ ސަރުކާރުގެ ފަހުކޮޅު އާރުޑީސީގެ ބަޖެޓުން ފާހަގަކޮށްލެވޭ ބޮޑު ހޭދައެއް ކޮށްފައިވާކަން ވެސް މިއަދުގެ ކޮމިޓީގައި ޒުހައިރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބެންކު މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އާރުޑީސީގެ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ފެންނަން އޮތް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން އެތަނާ ހަވާލުވި އިރު ބާކީ އެކައުންޓުގައި އިނީ 4 މިލިއަން ރުފިޔާ،" ޒުހައިރު ވިދާޅުވި އެވެ.

ޖުމްލަ 90 މިލިއަން ރުފިޔާ އަކީ ވަރަށް ބޮޑު އަދަދެއްކަން ފާހަގަކުރައްވައި އަސްބާހް ވިދާޅުވީ، ކުންފުންޏާ ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް އާރުޑީސީ ކޮޅަށް ޖަހަން ކުރި މަސައްކަތުން ވެސް 90 މިލިއަން ރުފިޔާ ބިލް ކުރެވިފައި ނުވާ ކަމަށެވެ.

"މިއީ ނިޒާމުގެ ތެރެއިން ވަކި ކުންފުނިތަކަކަށް ފައިސާ ދޭން ކޮށްފައި އޮތް ކަމެއް. އަޅުގަނޑުމެންނަށް ކެޓަގަރިކަލީ މިހެން ބުނެވިދާނެ މިކަމުގައި،" އަސްބާހް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކަމާ ގުޅޭ ގޮތުން ބާރުދޭ ޑޮކިޔުމަންޓެއް ފެންނަން ނެތް ކަމަކު، ފެންނަން ހުރި ސްޓޭޓްމަންޓްތަކަށް ބަލާލާއިރު، ދެން ވުޖޫދުގައި ނެތް އިތުރަށް އެމީހުންނަށް [އެ ކުންފުނިތަކަށް] ދޭން ޖެހޭ ފައިސާއެއް. ވަކި ކުންފުނިތަކަކަށް ވަކި ބަޔަކަށް [ފައިސާ] ދޫކޮށްފަ މިހުރީ." 

ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓްއިން ހިނގާފައިވާ ކޮރަޕްޝަންތަކާއި، އަދި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

'އިސްލާހީ ފިޔަވަޅުތައް ތައާރަފުކޮށްފިން'

މިދިޔަ ސަރުކާރުގައި ލިޔެކިޔުންތައް ނެތި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލްތައް ހޯދުމަށްޓަކައި އާރުޑީސީގެ ހާއްސަ އޮޑިޓެއް ހަދަން މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ. އާރުޑީސީގެ ފަރާތުން ބުނީ އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ފައިސާއަށް ހިޔާނާތްތެރި ވުމުގެ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިހާތަނަށް އައި އިރު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ކުރިއަތް އޮތްތަނުގައި ވެސް އަޅަމުންދާނެ ކަމަށް ކުންފުނިން ބުންޏެވެ.

އަސްބާހް ފާހަގަކުރެއްވި ގޮތުގައި، ކުރިން އޮތް އުސޫލުގެ ދަށުން ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)އަށް އިތުރު މީހެއްގެ ހުއްދަ އަކާ ނުލާ 1 މިލިއަން ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރުމުގެ ބާރު އޮވެ އެވެ. ނަމަވެސް އެ އުސޫލު މިހާރު ވާނީ ހަރުދަނާކޮށްފައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ:

  • މިހާރު އެމްޑީ ނުވަތަ ޑީއެމްޑީ ނުވަތަ މާލީ ކަންކަމާ ބެހޭ ސީއެފްއޯގެ ހުއްދަ ނެތި މުއާމަލާތެއް ނުހެދޭނެ

  • މީގެ އިތުރުން، ޓްރާންސެކްޝަނެއް ހަދަން މަދުވެގެން ދެ މީހުންގެ ހުއްދަ ބޭނުންވާނެ އަދި ހުރިހާ ފައިސާގެ މުއާމަލާތެއް ވެރިފައި ކުރެވޭނެ

އޭނާ ވިދާޅުވީ، އުސޫލާ ހިލާފަށް ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކާ ގުޅިގެން ބައެއް މުވައްޒަފުން އެހެން ޑިޕާޓްމަންޓަށް ބަދަލުކޮށްފައިވާ ކަމަށާއި ޕޮލިސީގެ ތެރެއިން އެ މުވައްޒަފުންނާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް