މީގެ ކުރިން ޕީޕީއެމް އިދިކޮޅުގައި އޮތް އިރު ބޭއްވި ޖަލްސާއެއްގެ ތެރެއިން ކުރީގެ ރައީސް(ވ) އަދި އޭރު އެޕާޓީގެ ނައިބު ރައީސް، މިހާރުގެ ރައީސް، މުއިއްޒު(ކ): (ފައިލް ފޮޓޯ/ އަވަސް)
އަބްދުއްރަހީމް ދައްކަވާ ވާހަކަތަކުން ހާމަވަނީ ރައީސްގެ އަހުލާގު: ޔާމީން
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދައްކަވާ ވާހަކަތަކުން ފެންނަނީ މިހާރުގެ ރައީސް މުހަައްމަދު މުއިއްޒުގެ އަހުލާގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ މިހާރު ބާއްވަމުންދާ ޕީއެންއެފްގެ ޖަލްސާގަ އެވެ. އަބްދުއްރަހީމް ޕޯޑިއަމްތަކުގައި ޔާމީންއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އަބްދުއްރަހީމަކީ މިހާރުގެ ރައީސް މުއިއްޒުގެ ރޯލް މޮޑެލް ކަމަށް ހުދު އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ރައީސް އެބަ ވިދާޅުވޭ ތިމަންނަގެ ރޯލް މޮޑެލްއޭ އަބްދުއްރަހީމަކީ. އެހެންވީމާ އަބްދުއްރަހީމް އެ ދައްކާ ވާހަކައިން ރައީސް މުއިއްޒުގެ އަހުލާގު ރައްޔިތުންނަށް ނުފެނޭތޯއޭ؟ އެ ފެންނަނީ އެ ރިފްލެކްޝަންއިން ރައީސް މުއިއްޒުގެ އަހްލާގެއް ނޫންތޯއޭ؟،" ޔާމީން ވިދާޅުވި އެވެ.
"ރައީސް މުއިއްޒުގެ އަހްލާގޭ އެ ފެންނަނީ އަނެއްކާ އެބަ އިނގޭ އަބްދުއްރަހީމް އެބަ ވިދާޅުވާކަން ތިމަންނަމެންނަކަށް އެއްވެސް ކަހަލައިގެ ބަދަލެއް ގެނެވޭނެ އެއްވެސް ބަޔަކު މިތާކު ނެތޭ. ރައީސް މުއިއްޒު އަބްދުއްރަހީމް ލައްވާ މިކަން ކުރީމާ އެ ފެންނަނީ ރައީސް މުއިއްޒުގެ އަހުލާގު."
ޔާމީން ވިދާޅުވީ، ކޮންމެ ވާހަކައެއް ބުނެފައި އެ ވާހަކައަށް އެ މަނިކުފާނު އެއްޗެއް ވިދާޅުވުމުން "ބަށި ކުޅޭހެން ޗުކީ ބުނެފައި ރެކެނީ" ކަމަށެވެ. މައްސަލައަކަށް ވާކަމަކީ އެއީ ކަމަށާއި ސަރުކާރަށް ފާޑުކިޔަނީ ޒާތީ ވެގެން ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ "އިނގިރޭސި ބަހުން ވާހަކަދައްކަން ދަސްކުރާ" އަބްދުއްރަހީމްގެ ދަރިފުޅު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހިމެނޭހެން އަބްދުއްރަހީމްގެ މުޅި އާއިލާއަށް ސަރުކާރުން ވަޒީފާތައް ދީގެން އުޅޭއިރު ތައުލީމީ ފެންވަރަށް ބަލާއިރު އެ ވަޒީފާތަކަށް ގާބިލު އެކަކު ވެސް ނެތް ކަމަށެވެ.
އެހެންކަމުން ކިތަންމެ ވަރަށް ފާޑުކިޔާ އަބްދުއްރަހީމް "ވީދި ހަލާކު ވިޔަސް" އެ ވާހަކަ ދައްކަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ޔާމީން މި މޭރުމުން މިރޭ ރައްދު ދެއްވީ ސަރުކާރަށް ނިސްބަތްވާ ޕީއެންސީން މިފަހުން ބޭއްވި ޖަލްސާއެއްގައި ޔާމީނަށް އަމާޒުކޮށް އަބްދުއްރަހީމް ދެއްކެވި ވާހަކަތަކާ ގުޅިގެންގެނެވެ.
އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ހައްލަން ޔާމީން މަސައްކަތްކުރާ ކަމަށާއި އެކަމަށް މެމްބަރުން ސަމާލުވާން އެދޭ ކަމަށެވެ. އަދި ޔާމީން ކިތަންމެ ހިތްދަތިވިޔަސް މިއަދުގެ ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ މަޖިލީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (2)
ޝަރފު
ހުޑް