އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ

ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި

ހެލިކޮޕްޓާ ބޭސްޑް އެއާ އެމްބިއުލާންސް ހިދުމަތުގެ އިތުރުން ފަތުރުވެރިން އުފުލުމަށް މުޅި ރާއްޖެ އަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ10 އަހަރަށް ލިބޭނެ

ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަންހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި އިމަޖެންސީ އިވެކުއޭޝަން އަދި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ތަފްސީލް - އެ އިއުލާނުގައި ވަނީ ހެލިކޮޕްޓާ ބޭސްޑް އެއާ އެމްބިއުލާންސް ހިދުމަތުގެ އިތުރުން ފަތުރުވެރިން އުފުލުމަށް މުޅި ރާއްޖެ އަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ10 އަހަރަށް ލިބޭނެ ކަމަށެވެ.

އެއާއެކު އެ މުއްދަތުގައި އިތުރު އެހެން ކުންފުންޏަކަށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ ހުއްދަ އެއް ނުދޭނެ އެވެ.

ރާއްޖޭގެ މާހައުލުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއެކު ވެސް އެފަދަ ހިދުމަތެއް ފޯރުކޮށްދެވޭނެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ދީފައިވާ މުއްދަތަށް ފަހު އެ ކުންފުނިތަކަށް ޕްރޮޕޯސަލް (އާރުއެފްޕީ) ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އިއުލާނުގައި ބުނީ ވާދަވެރި ބިޑެއްގެ ތެރެއިން އޮޕަރޭޓަރަކު ހޮވާއިރު އެންމެ ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ދެވޭނެ ކުންފުންޏެއް ހޮވަން މަސައްކަތް ކުރާނެ ކަމަށެވެ.

އެނގުން މުހިއްމު - ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ހުއްދަ އަލުން ދޭން ކެބިނެޓުން ނިންމީ މިދިޔަ ޖެނުއަރީ މަހު އެވެ. މީގެ ކުރިން ވެސް ރާއްހޭގައި ހެލިކޮޕްޓަރުގައި މީހުން އުފުލި ނަމަވެސް އެ ހިދުމަތް ހުއްޓާލީ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލެން ފެށުމުންނެވެ. ފަހުން އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލާ ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް