ފެނަކައިން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެމްޑީ މުއާޒް ވާހަކަ ދައްކަވަނީ
144 ރަށުގެ މަގުބައްތި ހުރީ ގަވާއިދާ ހިލާފަށް: ފެނަަކަ
ރާއްޖޭގެ 144 ރަށެއްގެ މަގު ބައްތި ހުރީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)ގެ ގަވާއިދާ ހިލާފަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަަކައިން އަދި ޔޫއާރްއޭ އިން ހެދި ދިރާސާއިން ވެސް އެކަން އެނގޭ ކަމަށެވެ.
މިދިޔަ މެއި މަހު ރ. އުނގޫފާރުގައި ހުރި މަގު ބައްތިއަކުން ކަރަންޓު ލީކުވެ ޒުވާނަކު ކަރަންޓުގައި ޖެހުމުގެ ހާދިސާއެއް ހިނގައި ޒުވާނަކު ވަނީ މަރުވެފަ އެވެ.
ތަފްސީލް - އެ މައްސަލައާ ގުޅިގެން މުއާޒް ވިދާޅުވީ އުނގޫފާރުގެ އިންޖީނުގެއަށް ކަރަންޓު ދީފައިވަނީ ޔޫއާރްއޭއިން ކަމަށާއި ހުރިހާ ލިޔެކިޔުމެއްގައި އެތަނުން ސޮއިކޮށްފައިވާ ކަމަށެވެ.
"ޔޫއާރްއޭއިން މިހާރު އެބުނަނީ ފެނަކައިގެ އިހުމާލުންނޭ އެކަން ހިނގާފައި އެވަނީ. އަޅުގަނޑުމެން ވެސް ގަބޫލުކުރަން ހަގީގަތުގައި ފެނަކައިން ކަރަންޓު ދޭން ނުޖެހޭ، އެކަމަކު ޔޫއާރްއޭއިން ކީއްވެގެންތޯ މިއޮށް ހުރިހާ ދުވަސްވީއިރުގައި އެކަން ފާހަގަނުކޮށް އޮތީ. އެންމެ ފަހުން ފެނަކައިން ހަވާލުވި އިންޖީނުގެއަކީ އުނގޫފާރު އިންޖީނުގެ. އެތަނާ ފެނަކައިން ހަވާލުވިއިރު އެތަނުގެ ހާލަތު ޔޫއާރްއޭއަށް އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" މުއާޒް ވިދާޅުވި އެވެ.
އުނގޫފާރު ހާދިސާއާ ގުޅިގެން ފެނަކައިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަގު ބައްތިތައް ހުރީ ރައްކާތެރިކޮށްތޯ ބެލުމަށް އިންސްޕެކްޝަނެއް ހަދާފަ އެވެ. އަދި އެއިން ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ބައްތިތައް ހުރީ ގަވާއިދަށް ނުފެތިކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ރަށްރަށުގައި އެބަހުއްޓޭ ޔޫއާރްއޭ މިންގަނޑާ ހިލާފަށް، ހާއްސަ ގޮތެއްގައި ސަލާމަތީ ގޮތުން އެކަށީގެން ނުވާ ގޮތަށް ކަރަންޓު ފޯރުކޮށްދޭ،" މުއާޒް ވިދާޅުވި އެވެ.
މަގު ބައްތިތައް ގަވާއިދަށް ފައްތަން ދިން މުއްދަތު އިއްޔެއަށް ހަމަވުމުން އެ މުއްދަތު މި މަހުގެ 21އަށް އިތުރުކޮށްދިންކަން އިއުލާނުކުރަމުން މުއާޒް ވިދާޅުވީ އެ މުއްދަތުގައި ރަނގަޅު ނުކުރާ ތަންތަނުން ކަރަންޓު ކަނޑާލާނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ:
-
އެގޮތަށް އެންގީ ޔޫއާރްއޭ އިން
-
މި މަހުގެ 7ގެ ކުރިން އެންގުމުން ފެނަކައިގެ ތަކެތީގައި ބައްތިތައް ގަވާއިދަށް ފައްތައިދޭނެ
-
އޭގެ ފަހުން ކަންކަން ހަމަ މަގަށް އަޅުވަން ޖެހޭނީ ކައުންސިލްތައް އަމިއްލައަށް
-
ބަޖެޓުގެ ތާށިކަން ބޮޑުކަން އެނގޭ؛ ޔޫއާރްއޭ އިން އެގޮތަށް އަންގައި އަދި އާންމުންގެ ރައްކާތެރިކަމާ ގުޅޭ ކަމަކަށްވާތީ މުއްދަތު އިތުރުކޮށްދެވެން ނެތް