ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އާޒިމާ ޝަކޫރު (ކ) އާއި ދިޔާނާ ސައީދު. (ފޮޓޯ/އާޒިމާ/ފޭސްބުކް)

ގާނޫނުއަސާސީ

އާޒިމާ އާއި ދިޔާނާ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ދިރާސާއެއް ހައްދަވަނީ

ކުރީގެ ދެ ބަންޑާރަ ނާއިބުން ވިދާޅުވީ ގާނޫނުއަސާސީ ތަސްދީގުކޮށްގެން މި ހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ މިފަދަ ދިރާސާއެއް ކުރެވިފައި ނެތް ކަމަށް. އަދި ރާއްޖޭގެ ދުސްތޫރީ މުސްތަގުބަލު ކަނޑައެޅުމުގައި މިފަދަ ދިރާސާއެއްގެ ހޯދުންތައް މުހިއްމުކަން ފާހަގަކުރެއްވި.

ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އައިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމާ ގުޅޭ ދިރާސާއެއް ހައްދަވަން ނިންމަވައިފި އެވެ.

ތަފްސީލް - އާޒިމާ އާއި ދިޔާނާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ މިއީ އިލްމީ އަދި ފަންނީ މަސައްކަތެއް ކަމަށާއި ގައުމީ ހިދުމަތެއްގެ ގޮތުގައި ހައްދަވާ ދިރާސާއެއް ކަމަށެވެ.

އެ ދެ ބޭފުޅުން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ތަސްދީގުކޮށްގެން މި ހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ މިފަދަ ދިރާސާއެއް ކުރެވިފައެއް ނެތެވެ. މިފަދަ ދިރާސާއެއް ކޮށް، ރާއްޖޭގެ ތަޖުރިބާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާ ވެސް ބަލައިލުމަކީ، ރާއްޖޭގެ ދުސްތޫރީ މުސްތަގްބަލުގައި ރާސްތާ ކަނޑައެޅުމުގައި މުހިއްމު ކަމެއްކަން އާޒިމާ އާއި ދިޔާނާ ފާހަގަކުރެއްވި އެވެ.

އެ ދެ ބޭފުޅުން ވިދާޅުވިގޮތުގައި ދިރާސާގައި އަލިއަޅުވާލާ ބައެއް ކަންކަމަކީ:

  • ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތައް

  • ދައުލަތް ހިންގުމާއި ގާނޫނުއަސާސީއަށް އަމަލުކުރުމުގައި ކަން ހިނގާފައިވާ ގޮތް ދިރާސާކޮށް މުސްތަގްބަލު އޮންނަންވާނެ ގޮތް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރުން

  • އެ ތަސައްވަރަށް ވާސިލުވުމުގައި ގާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއަޅުވާލުން

ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އާޒިމާ ޝަކޫރު އާއި ދިޔާނާ ސައީދު. (ފޮޓޯ/އާޒިމާ/ފޭސްބުކް)

އެ ދިރާސާ ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދުސްތޫރީ އިލްމަށް ހާއްސަ، ރާއްޖެއިން ބޭރުގެ ފަސް ތަޖުރިބާކާރަކާ ގުޅިގެން ކަމަށް އާޒިމާ އާއި ދިޔާނާ ވިދާޅުވި އެވެ.

އެ ދެ ބޭފުޅުން ވިދާޅުވީ އެ މަސައްކަތުގައި ރާއްޖޭގެ އިލްމީ ޕްލެޓްފޯމަކީ މޯލްޑިވްސް ސެންޓާ ފޮ ޕޮލިސީ ސްޓަޑީޒް (ޕޮލިސީއެމްވީ) ކަމަށާއި ދިރާސާ ކުރިއަށް ގެންދިއުމުގައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އާންމުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ހޯދާނެ ކަމަށެވެ.

އާޒިމާ ޝަކޫރު (ކ) އާއި ދިޔާނާ ސައީދު. (ފޮޓޯ/އާޒިމާ/ފޭސްބުކް)

"[މި މަސައްކަތް ކުރަން ނިންމީ] މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަގުބަލު ކަނޑައެޅުމަކީ ގައުމަށް އެންމެ ފައިދާވާާނެ ގޮތް ކަމުގައި ވެސް ފެނިގެންނެވެ،" އެ ދެ ބޭފުޅުންގެ ނޫސް ބަޔާނުގައިވެ އެވެ.

"މީގެ އިތުރުން ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވި އަދި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ބައެއްގެ ހައިސިއްޔަތުން މިފަދަ މަސައްކަތެއް ކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖުތަމައަށާއި ކިޔަވާ ކުދިންނަށާއި މުސްތަގްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގައި ކަމުގައި ދެކޭތީ އެވެ."

ދިރާސާއާ ބެހޭ އިތުރު މައުލޫމާތު، އަންނަ ހަފްތާގައި ބާއްވާ ޖަލްސާއެއްގައި ދެއްވާނެ ކަމަށް އާޒިމާ އާއި ދިޔާނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

އެކްސް ލޮލީ

30 ޖުލައި 2024
ދުސްތޫރީ އޮނިގަނޑުގެ ދިރާސާ ނުކުރިއަސް ލޯނެއް ނަގައިފިއްޔާ އެ ދައްކަން ޖެހޭނެ ކަން އިނގެން ވާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް